ރާއްޖޭގައި އެއްޖީލުން އަނެއް ޖީލަށް އެއްވެސް ބަދަލެއް ނުގެނެސް ފޯރުކޮށް ދެވިފައިވާ ކާއެއްޗެއް އޮތްނަމަ، ހަމަގައިމުވެސް އެލިސްޓުގެ އެންމެ މަތިން ހދ. ކުޅުދުއްފުށީގައި ތައްޔާރުކުރާ ހާލުފޮޅިއަށް ޖާގަ ލިބޭނެ އެވެ. "ތުނިފޮޅި" ނުވަތަ ހާލުފޮޅިއަކީ ޒަމާނުއްސުރެ ކުޅުދުފުށީގައި ވަރަށް ހީވާގިކަމާއެކު އަންހެންވެރިން ތައްޔާރު ކުރަމުން އައި މީރު ކާއެއްޗެކެވެ. އެއީ އެރަށުގެ ރަމްޒެވެ. ދިވެހި ސަގާފީ ކާނާތަކުގެ ތެރެއިން ވެސް ޖާގަހޯދާފައިވާ ތުނި މީރު ކާނާއެކެވެ.

ކުޅުދުފުށީ ޕިންކްރޯސް، ޒީނިޔާ ހަސަން ނުވަތަ ޒީނިއާއަކީ ހާލުފޮޅި ފިހުމުގެ ތަޖުރިބާ ލިބިފައިވާ ހީވާގި އަންހެނެކެވެ.

ޒީނިއާ ބުނާގޮތުގައި ހާލުފޮޅި އެގޭގައި ނުފިހާ ހަނދާނެއް އޭނާ ނުހުރެ އެވެ. އެފޮޅި އޭނާގެ މާމަ ވެސް ފިހުނެވެ. މަންމަ ވެސް ފިހުނެވެ. މަންމަގެ ފަރާތުން ދަސްވީ ޒީނިއާއަށެވެ.

އާއިލާގެ އެންމެ ދޮށްޓަށް ހުރި ޒީނިއާ ދިރިއުޅެނީ މަންމައާ އެކީ އެވެ. އޭނާ ހާލުފޮޅި ފިހާތާ މިހާރު ގާތްގަނޑަކަށް 10 ވަނަ އަހަރު ގުނަމުންދާއިރު، އެމަސައްކަތުގައި އެންމެ ގާތްކޮށް އެހީތެރިވާ މީހަކީ ވެސް އޭނާގެ މަންމަ އެވެ.

ޒީނިއާ ހާލުފޮޅި ފިހަނީ އާމްދަނީ ހޯދުމަށްކުރާ މަސައްކަތެއްގެ ގޮތުގަ އެވެ. އަބަދު އެމަސައްކަތް ކުރާތީ ފޮޅިފިހުމަކީ މިހާރު އޭނާއަށް މާބޮޑުކަމެއް ނޫނެވެ.

"އެއް ގަޑިއިރު ތެރޭ ފަންސާސް ފޮޅި ފިހެލެވޭ. ކޮންމެ ދުވަހަކު ވެސް ފިހާ ފޮޅިތައް ހަމަ ވިކި ހުސްވޭ. ވަރަށް އޯޑަރު ވެސް ލިބޭ. ހަމަ ފޮޅި ނުފިހެވިފައި އޮންނަނީ،" ޒީނިއާ ބުންޏެވެ.

ހާލުފޮޅި ފިހަނީ ދަރު އުނދުންމަތީ ހޫނު، ތަތްނުލަވާ ތަވާއެއްގަ އެވެ. ފޮޅިފިހާ ދިޔާ ފުށްގަނޑު ތައްޔާރު ކުރަނީ ހަނޑޫ ހިމުންވާ ވަރަށް މުގުރައިގެން ފުރަނާފައި، އޭގެ ތެރެއަށް ކުކުޅުބިހާއި ހަކުރު އެއްކޮށް ގެންނެވެ.

ފޮޅިފިހާ ފުށްގަނޑު ހުންނަނީ ދިޔާކޮށެވެ. އުނދުންމަތީގައިވާ ހޫނު ތަވާ ތެރެއަށް ފުއްގަނޑުން އެތިކޮޅެއް އަޅާލާފައި ތަވާގެ އުޅާގަނޑުގައި ހިފާފައި އަނބުރާލުމުން ފޮޅި ހެދެން ފަށަ އެވެ. މިފޮޅިތައް، ބާރު، މަތިޖެހި، އަދި ވައި ނުވަންނަ އެއްޗަކަށް އަޅާ ބަނދުކޮށްގެން އެއް މަސްދުވަހު ވެސް ގެންގުޅެވޭނެ ކަމަށް ޒީނިއާ ބުންޏެވެ.

ޒީނިޔާގެ މަސައްކަތުގައި ހުރި އުނދަގުލަކީ އުނދުން ރޯކުރަން ބޭނުންކުރާ ދަރު ލިބުމުގައި ދަތިތަކެއް ހުރުން ކަން އޭނާ ފާހަގަކުރެ އެވެ.

ދެން އުފެދޭނެ ސުވާލަކީ މިތުނި ފޮޅިކާނީ ކިހިނެއް ހެއްޔެވެ؟. އޭގެ ޖަވާބު ވެސް ޒީނިޔާ ދިނެވެ. އެމީހަކު ބޭނުންގޮތަކަށް ކާންވީ އެވެ. ކާށިކިރު، ނުވަތަ ގެރިކިރާ ޖަހައިގެން ވެސް އަދި ހުހާ ވެސް ކާލަން ހާލުފޮޅި ހަމަ ބަރާބަރެވެ.