މާލޭ ސިޓީ ކައުންސިލްގެ އެކި ކަންކަމަށް އައްޔަންކޮށްފައިވާ ކޮންސަލްޓަންޓުންނަށް މަހަކު 150،000 އަށް ވުރެ ގިނަ ރުފިޔާ ދެމުން އަންނަ ކަމަށް ބުނެފި އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން މާލޭ ސިޓީ ކައުންސިލުން މައުލޫމާތު ހޯދަން "ހުރިހާ" އިން ހުށަހެޅި އާރުޓީއައި އަށް އެ ކައުންސިލުން ދިން ޖަވާބުގައިވާ ގޮތުން އެ ކައުންސިލްގައި މިވަގުތު ޖުމްލަ ހަ ކޮންސަލްޓަންޓުން އެބަތިއްބެވެ. އެ ހުރިހާ ކޮންސަލްޓަންޓުން ވެސް ނެގީ ރައީސް މުހައްމަދު މުއިއްޒުގެ މޭޔަރު ކަމުގައި ހުންނެވި ދުވަސްވަރު އެވެ. އެ ކޮންސަލްޓެންޓުންނަށް 151,000 ރުފިޔާ ކޮންމެ މަހަކު ހަރަދުކުރެ އެވެ. އޭގެ ތެރޭގައި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި މިހާރު ތިއްބެވި ބައެއް ބޭފުޅުން ހިމެނޭ ކަމަށް ވެސް ސިޓީ ކައުންސިލުން ފޮނުވި މައުލޫމާތުގައިވެ އެވެ. ސިޓީ ކައުންސިލުން ފޮނުވި މައުލޫމާތުގައި މުއްދަތު ހަމަނުވާ އެއްވެސް ކޮންސަލްޓެންޓްގެ އެއްބަސްވުން އުވާލި ކަމެއް ނުބުނެ އެވެ. އަދި އެއިން ބޭފުޅަކު ކޮންޓްރެކްޓް ދޫކޮށްލި ކަމެއް ނުބުނެ އެވެ.

އެގޮތުން ކޮމިޝަނާ އޮފް ޕްރިޒަންސް ހަސަން ޒަރީރާއެކު 2022 ވަނަ އަހަރު ސޮއިކުރި ކޮންޓްރެކްޓްގެ ދަށުން 35،000 ރުފިޔާ ކޮންމެ މަހަކު އޭނާއަށް ލިބޭ ކަމަށް މާލޭ ސިޓީ ކައުންސިލުން ފޮނުވި މައުލޫމާތުގައިވެ އެވެ. އެގޮތުން ޒަރީރާއެކު ހެދި އެއްބަސްވުމުގެ މުއްދަތު ހަމަވަނީ އަންނަ އޮގަސްޓް މަހުގެ 21 ވަނަ ދުވަހު އެވެ. އޭނާއަކީ މެނޭޖްމަންޓް ކޮންސަލްޓަންޓެއް ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

މިގޮތުން ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ކޯޕަރޭޓް ޑިވެލޮޕްމަންޓް މުހައްމަދު ޝާހިދާއެކު 2022 ވަނަ އަހަރު ސޮއިކުރި ފައިނޭންޝަލް ކޮންސަލްޓަންސީގެ އެއްބަސްވުމުގެ ދަށުން ކޮންމެ މަހަކު އޭނާއަށް މާލޭ ސިޓީ ކައުންސިލުން 30،000 ރުފިޔާ ލިބޭ ކަމަށް އެ ކައުންސިލުން ފޮނުވި މައުލޫމާތުގައިވެ އެވެ. ޝާހިދާއެކު ސޮއިކުރި އެއްބަސްވުމުގެ މުއްދަތު ހަމަވާނީ އަންނަ އޮގަސްޓް މަހުގެ 31 ވަނަ ދުވަހު އެވެ.

ރިޕޯޓް ތައްޔަރުކުރުމާއި ލީފްލެޓް ތައްޔާރުކުރުމާއި އެކި ލިޔެކިޔުންތައް ތައްޔާރުކުރުމަށް ދިވެހި ބަހާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމްގެ އާއިލީ ކުންފުންޏަށް ކޮންމެ މަހަކު 18،000 ރުފިޔާ ދޭ ކަމަށް ވެސް އެ ކައުންސިލުން ފޮނުވި މައުލޫމާތުގައިވެ އެވެ. މިދިޔަ އަހަރު ސޮއިކުރި އެ އެއްބަސްވުމުގެ މުއްދަތު ހަމަވަނީ އަންނަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު އެވެ.

ޕީޕީއެމްގެ ސެނެޓް މެމްބަރު އާމިނަތު ނާސިހާއާ އެކު 2022 ވަނަ އަހަރު ސޮއިކުރި އެއްބަސްވުމުގެ ދަށުން 13،000 ރުފިޔާ ކޮންމެ މަހަކު ދޭ ކަމަށް ވެސް އެ މައުލޫމާތުގައިވެ އެވެ. ނާސިހާއާއެކު ސޮއިކުރި އެޑްމިނިސްޓްރޭޓިވް ކޮންސަލްޓަންޓްގެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ އަންނަ އޮކްޓޫބަރު 9 ގަ އެވެ.

ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި އެމްއާރްޑީސީގެ މެނޭޖިން ޑިރެކްޓަރުކަން ކުރި އަހުމަދު މަމްދޫހާ އެކު ސޮއިކުރި އެއްބަސްވުމުގެ ދަށުން 25،000 ރުފިޔާ ކޮންމެ މަހަކު އޭނާއަށް ދޭ ކަމަށް ވެސް އެ މައުލޫމާތުގައިވެ އެވެ. މަގު ހެދުމުގެ ކޮންސަލްޓަންޓްގެ ގޮތުގައި އޭނައާއެކު ސޮއިކުރި އެއްބަސްވުމުގެ މުއްދަތު ހަމަވަނީ އަންނަ އޮކްޓޫބަރު މަހުގެ ފަސް ވަނަ ދުވަހު އެވެ.

އެ އެއްބަސްވުމުގެ ދަށުން މަމްދޫހު ކުރި އެއްވެސް މަސައްކަތެއް ލިޔެކިޔުމުން އެނގެން ނެތް ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

މީގެއިތުރުން ވައިޓަލް އެންޑް ލޭންޑް ބިލްޑިން ސެކްޝަނަށް ބޭނުންވާ އުސޫލު އަދި ބިމާބެހޭ ކަންކަމުގަ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ގާނޫނީ ވަކީލު އަބްދުﷲ އަބްދުލް ހަކީމަށް ކޮންމެ މަހަކު 30،000 ރުފިޔާ ދެ އެވެ. އޭނާއާއެކު ސޮއިކުރި އެއްބަސްވުމުގެ މުއްދަތު ހަމަވާނީ އަންނަ އަހަރު ފެބްރުއަރީ 29 ގައެވެ.