މަސްތުވާތަކެއްޗަކީ އިންސާނީ ނަސްލުގެ ތެރޭގައި ބޮޑުވަމުން އަންނަ ވަބާ އެކެވެ. އިންސާނުންގެ އިތުރުން ޖަނަވާރުންނާއި މަސްމަހާމެއްސަށް ވެސް މިކަމުގެ އުނދަގޫވާން މިވަނީ ފަށާފަ އެވެ.

އެގޮތުން އެޓްލާންޓިކް ކަނޑުގައި އުޅޭ މިޔަރުތަކެއްގެ ސާމްޕަލް ނަގައިގެން ހެދި ޓެސްޓުތަަކަކުން އެ މިޔަރުތައް ވެސް މަސްތުވާ ތަކެއްޗަށް ޕޮޒިޓިވް ވެފައިވާކަން މިވަނީ ހާމަވެފަ އެވެ.

ހަބަރުތައް ބުނާ ގޮތުގައި މި ދިރާސާގެ ދަށުން 13 މިޔަރެއްގެ ސާމްޕަލް ޓެސްޓު ކުރެވުނު އެ ހުރިހާ މިޔަރެއްގެ ހަށިގަނޑުން ވެސް ކޮކެއިންގެ އަސަރު ފެނިފައިވެ އެވެ.

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުން އެތަކެތި ނައްތާލުމަށްޓަކައި ކަނޑަށް އަޅާއިރު އެކަމުގެ ސަބަބުން ކަނޑުގެ ދިރުންތަކަށް ނޭދެވޭ އަސަރު ކޮށްފާނެ ކަމަށް ސައިންސްވެރިން އަބަދުވެސް އައީ ބުނަމުންނެވެ. އެކަމުގެ ހެކި މި ދިރާސާއިން މިހާރު ފެނިފައިވާއިރު މިއީ އިންސާނުންނަށް ވެސް ހުރި ނުރައްކަލެއްގެ ގޮތުގައި ސައިންސްވެރިން ސިފަކުރެ އެވެ.

އެގޮތުން ކަނޑުގެ ދިރުންތަކަކީ އިންސާނުންގެ ކެއުމުގައި ވެސް ގިނަ އަދަދަކަށް އެކުލެވޭ ބާވަތަކަށްވާއިރު މިކަމުން މަސްތުވާތަކެތި ބޭނުންނުކުރާ އިންސާނުންނަށް ވެސް އޭގެ އަސަރު ކުރާނެ ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ.