ފްރާންސްގެ ވެރިރަށް ޕެރިސްގައި މިހާރު ހިނގަމުން އަންނަ އޮލިމްޕިކްސް 2024ގެ ތެރެއިން ދުނިޔޭގެ ސަމާލުކަމަށް އައީ ބޮކްސިން އިވެންޓްގައި ހިނގި ހާދިސާ އެކެވެ.

އަންހެނުންގެ ބޮކްސިން އިވެންޓުގައި އަލްޖީރިއާގެ އިމާން ޚަލިފްއާއި އިޓަލީގެ އެންޖެލާ ކަރިނީ ބައްދަލުކުރި މެޗު ފެށިތާ އެންމެ 46 ސިކުންތު ތެރޭގައި އެންޖެލާ ވަނީ އޭނާގެ ސިއްހަތު ރައްކާތެރި ކުރަން ކަމަށް ބުނެ މެޗު ދޫކޮށްލާފަ އެވެ.

އެންޖަލާ ބުނެފައިވަނީ އޭނާ މެޗު ދޫކޮށްލީ މެޗު ފެށުނު ފަހުން ބަދަލު ކުރެވުނު ހަމަލާތަކުގައި އިމާންގެ ފަރާތުން އާދަޔާހިލާފު ބާރެއް އިހުސާސް ކުރެވި އޭނާއަށް އަނިޔާއެއް ވެދާނެ ކަމުގެ ބިރު ހީވުމުން ކަމަށެވެ.

އެ ހާދިސާއަށްފަހު އަންހެނުންގެ ކެޓެގަރީގައި ވާދަކުރަން އިމާން ޝަރުތު ހަމަވޭތޯ ބަހުސެއް ފެށުނެވެ. އެ ބަހުސްގެ އަސްލަކަށްވީ އޭނާގެ ހަށިގަނޑުގައި ފިރިހެން ހޯމޯން ގިނަވާ ބައްޔެއް ހުރުމުން އޭނާއަކީ އަންހެނެއްގެ ގޮތުގައި ނުބެލެވޭނެ ކަމަށް ބުނެ އެވެ.

މިކަމުގައި މުޅި ދުނިޔެ ދެބައި ވެފައިވާއިރު ދާދި ފަހުން ދިން އިންޓަވިއުއެއްގައި އީމާން ވަނީ އެކަމާ ބެހޭ ގޮތުން ފުރަތަމަ ފަހަރަށް ވާހަކަ ދައްކާފަ އެވެ.

އަރަބި ބަހުން އިމާން ދީފައިވާ އެ އިންޓަވިއުގައި ބުނެފައިވަނީ އޮލިމްޕިކްގެ އުސޫލުތަކާއި ގަވާއިދުތަކަށް އެންމެންވެސް އިހުތިރާމް ކުރަންޖެހޭނެ ކަމަށާއި އެތުލީޓަކަށް ގަނާ ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އެގޮތުން ގިނަ ބަޔަކު އަންނަނީ މުބާރާތުގައި އޭނާއަށް އޮތް ފުރުސަތު ހަނިކޮށް އެކި ގޮތްގޮތުން އޭނާއަށް އުނދަގޫ ކުރަން މަސައްކަތް ކުރަމުން ކަމަށް އީމާން ތުހުމަތުކުރި އެވެ.

ގަނާ ކުރުމަކީ އިންސާނެއްގެ ސިކުނޑިއަށް ފުން އަސަރެއް ކުރުވައި ނޭދެވޭ ގިނަ އަސަރުތަކެއް ކުރުވާ ކަމެއް ކަމަށް އުމުރުން 25 އަހަރުގެ އިމާން އިތުރަށް ބުންޏެވެ.

އިމާންއަށް އަމާޒުވި ނަފްރަތާއި ފާޑުކިޔުންތަކާއެކު ވެސް އޭނާ ވަނީ އެ މެޗަށްފަހު ދެން ޖެހިގެން އޮތް މެޗުގައި ވާދަކޮށް މޮޅެއް ހޯދާފަ އެވެ.