އިނގިރޭސި ވިލާތުގެ ވިސާ ނުލިބުމުގެ ސަބަބުން ބޮލީވުޑްގެ ތަރި ސަންޖޭ ދަތުއަށް އޭނާގެ ކުރިއަށް އޮތް ފިލްމު "ސޮން އޮފް ސަރުދާރް 2" ގެއްލިއްޖެ އެވެ.

އިނގިރޭސި ވިލާތުގެ ސްކޮޓްލޭންޑްގައި ޝޫޓިން ކުރިއަށް ގެންދަން ހަމަޖެހިފައިވާ އެ ފިލްމުގެ ކާސްޓުންނާއި ޕްރޮޑަކްޝަން ޓީމުގެ އެހެން މެމްބަރުންގެ ވިސާ ލިބިފައިވާއިރު ސަންޖޭގެ ވިސާ ވަނީ އަނބުރާ ފޮނުވާލާފަ އެވެ.

ސަންޖޭގެ ވިސާ ގަބޫލު ނުކޮށް އަނބުރާ ފޮނުވާލާފައި މިވަނީ 1993 ވަނަ އަހަރު އިންޑިއާގައި ހިނގި ހަމަނުޖެހުންތަކުގައި ސަންޖޭގެ ހިއްސާ އޮތް ކަމަށް ބުނެ އޭނާގެ މައްޗަށް އޭރު ޓެރަރިޒަމްގެ ދައުވާ އުފުލިފައިވާތީ އެވެ.

އެ މައްސަލައިގެ ޝަރީއަތުގައި އޭނާގެ މައްޗަށް ޓެރިރިޒަމްގެ ކުށް ސާބިތުނުވާ ކަމަށް ހުކުމް ކުރެވިފައިވާއިރު އެ ތުހުމަތުތަކުން އޭނާ ބަރީއަވި އެވެ.

އެ މައްސަލައާ ގުޅިގެން ސަންޖޭގެ ހަޔާތުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވިއިރު ބޭރު ގައުމުތަކަށް ދަތުރުކުރުމަކީ އޭގެ ތެރެއިން ކަމެކެވެ. އެހެން ނަމަވެސް ދައުވާއިން ސަލާމަތް ވުމަށްފަހު ވެސް އެމެރިކާ ފަދަ ގައުމުތަކަށް އޭނާ ގޮސްފައިވާކަން ފާހަގަކުރެވެ އެވެ.

ވިސާގެ ސަބަބުން ސަންޖޭއަށް އިނގިރޭސި ވިލާތަށް ދެވޭ ގޮތް ނުވުމާއެކު ފިލްމުގެ ޕްރޮޑިއުސަރުން ވަނީ ސަންޖޭގެ ބަދަލުގައި އޭނާގެ ރޯލަށް ރަވީ ކިޝަން ނަގާފަ އެވެ.

މިއާއެކު ލަންޑަންގައި ޝޫޓު ކުރަން ހަމަޖެހިފައިވާ ހައުސްފުލް 5ގައި ވެސް ސަންޖޭ ފެންނާނެތޯ ގިނަ ބަޔަކު ސުވާލުކުރި އެވެ. މި ފިލްމުގެ ޕްރޮޑިއުސަރުން ނިންމާފައިވަނީ ސަންޖޭގެ ހުރިހާ މަންޒަރެއް އިންޑިއާގައި ނެގުމަށެވެ.