މަޝްހޫރު ވިޔަފާރިވެރިޔާ އަދި ދ. މީދޫ ދާއިރާގެ މަޖްލިސް މެމްބަރު އަހުމަދު ސިޔާމް (ސަން ސިޔާމް) މާލެ އަތޮޅުގައި އޮތް ފަޅެއް ހިއްކައިގެން ރިސޯޓެއް ތަރައްގީ ކުރަން ދިވެހި ސަރުކާރުން 165 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 2.5 ބިލިއަން ރުފިޔާ)ގެ ނަގަން އެދުނު ސޮވެރިން ގެރެންޓީ ނުދިނުމަށް ސަރުކާރުން ނިންމައިފި އެވެ.

ސަރުކާރުން ސޮވެރިން ގެރެންޓީ ހޯދަން އެދި ސަން ސިޔާމް ރައީސް މުއިއްޒަށް ސިޓީއެއް ފޮނުއްވާފައިވަނީ މިދިޔަ އޭޕްރީލު މަހު އެވެ.

ސަން ސިޔާމް ސޮވްރިން ގެރެންޓީ ހޯދަން އެދިފައި ވަނީ އޮޅުވެލި ރިސޯޓާއި ރިހިވެލި މޯލްޑިވްސް ރިސޯޓާ ދެމެދު އޮންނަ މާލެ އަތޮޅުގައި އޮންނަ އެމަރަލްޑް ލޭގޫންގައި ރިސޯޓެއް ތަރައްގީ ކުރުމަށެވެ.

އެނގިފައިވާ ގޮތުގައި ސިޔާމުގެ ލޯނަށް ގެރެންޓީ ނުދޭން ނިންމީ ވަޒީރުންގެ މަޖިލީހުންނެވެ. ވަޒީރުންގެ މަޖލީހުން ނިންމާފައިވަނީ ރައްޖޭގެ މާލީ ހާލަތު އޮތްގޮތުން އެއްވެސް އަމިއްލަ ފަރާތަކަށް މިވަގުތު ސޮވަރިން ގެރެންޓީ ނުދިނުމަށެވެ.

ސޮވެރިން ގެރެންޓީ އަމިއްލަ ފަރާތްތަކަށް ދޭ އުސޫލު ބުނާގޮތުން %4 އަށް ވުރެ ދަށް އިންޓްރެސްޓުގައި ނަގާ ލޯނުތަކަށް ސަރުކާރުގެ ސޮވެރިން ގެރެންޓީ ދެވިދާނެ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސަރުކާރުން ގެރެންޓީ ދީގެން ސަން ސިޔާމްގެ އޭއެސްއެޗް ކުންފުންޏަށް ނ. ދިގުރަށުގައި އިރުފެން ރިސޯޓް ތަރައްގީ ކުރަން ޗައިނާ އެގްޒިމް ބޭންކުން 127 މިލިއަން ޑޮލަރުގެ (ދެ ބިލިއަން ރުފިޔާ) ލޯނެއް ނެގި އެވެ. މިލޯނަށް ސަރުކާރުން ގެރެންޓީ ދިނީ 2017 ވަނަ އަހަރު އެވެ.

ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ސިޔާމް މަސައްކަތް ކުރެއްވީ އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ގެނައުމަށެވެ. ނަމަވެސް އިންތިހާބުގެ ދެ ވަނަ ބުރުގައި ކޮޅު ބަދަލުކޮށް، ސިޔާމް ތާއިދު ކުރެއްވީ ރައީސް މުއިއްޒަށެވެ.