މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމްގައި އިޝްތިހާރު ކުރުން ހުއްޓާލި ބައެއް ކުންފުނިތަކާ ދެކޮޅަށް އެކްސްއިން މާލީ ގެއްލުމުގެ ދައުވާ އުފުލައިފި އެވެ.

ހަބަރުތައް ބުނާ ގޮތުގައި ޓެކްސަސްގެ ކޯޓަކަށް އެކްސްއިން ހުށައެޅި އެ މައްސަލަ ހުށައަޅާފައިވަނީ ވޯލްޑް ފެޑެރޭޝަން އޮފް އެޑްވަޓައިޒާސްގެ މެމްބަރު ކުންފުނިތަކަކަށެވެ.

އެކްސްގެ މައްސަލާގައި ބުނެފައިވަނީ އެ ޕްލެޓްފޯމްގައި އިޝްތިހާރު ކުރުން ހުއްޓާލައި ބޮއިކޮޓް ކުރަން މަސައްކަތް ކުރުމުގެ ސަބަބުން އެ ކުންފުންޏަށް އެތައް ބިލިއަން ޑޮލަރެއްގެ މާލީ ގެއްލުން ވެފައިވާ ކަމަށް ތުހުމަތު ކޮށްފައިވެ އެވެ.

އެކްސްގެ ވެރިޔާ އިލަން މަސްކް އޭނާގެ އެކްސް އެކައުންޓް މެދުވެރިކޮށް ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ދެ އަހަރު ވަންދެން ހަމަހިމޭނުނުން ތިބި ކަމަށާއި އެހެން ނަމަވެސް ދެން މަޑުން ނުތިބޭނެ ކަމަށެވެ.

ޓްވިޓާގެ ނަމުގައި ހިންގަމުން އައި ކުންފުނި 2022 ވަނަ އަހަރު 44 ބިލިއަން އެމެރިކާ ޑޮލަރަށް އިލަން ގަތް ފަހުން އޭނާއަށް ގިނަ ގޮންޖެހުންތަކަކާ އަންނަނީ ކުރިމަތި ވަމުންނެވެ. އެގޮތުން ނާޒީންނަށް ތާއީދުކުރާ ޕޯސްޓުތަކާއެކު ކުންފުނިތަކުގެ އިޝްތިހާރު ކުރާތީ އެ ކުންފުނިތަކުގެ ވިޔަފާރިއަށް ވެސް ނޭދެވޭ އަސަރު ކޮށްފައިވާ ކަމަށް ބައެއް ކުންފުނިތަކުން ފާހަގަ ކޮށްފައިވެ އެވެ.

އެކްސްގެ ދައުވާގައި މިކަންކަމުގެ ސަބަބުން އެ ކުންފުންޏަށް ލިބިފައިވާ މާލީ ގެއްލުމުގެ ބަދަލު ހޯދައިދޭން ޝަރީއަތުގައި އެދިފައިވެ އެވެ.