މިހާރުގެ ސަރުކާރު ގެނައުމަށް މަސައްކަތް ކުރިއިރު އޭރު އިދިކޮޅުގައި ތިބެ އެންމެގަދައަށް ދެއްކީ "އިންޑިއާ އައުޓް"ގެ ވާހަކަ އެވެ.

ބޮޑު އަކުރުން މޭމަތީގައި "އިންޑިއާ އައުޓް" ޖައްސަވައިގެން މުޒާހަރާތަކުގައި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު އާއި ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން އަދި މިހާރުގެ މަޖިލިސް ރައީސް އަބްދުލް ރަހީމް އަބްދުﷲ ވެސް ހުންނެވި މަންޒަރު ފެނިފައިވެ އެވެ.

އޭރު ޕީޕީއެމް/ޕީއެންސީ ކޯލިޝަން ބުނަމުން ދިޔައީ އިންޑިއާއިން މިގައުމުގެ މިނިވަންކަމާއި ސިޔާދަތަށް ބުރުއަރާ މިންވަރަށް ގައުމުގައި އަތްގަދަކުރަމުންދާ ކަމަށެވެ. އެގޮތުން އެތައް ހާސް އިންޑިއާ ސިފައިން ތިބިކަމަށް ބުނެ އިދިކޮޅަށް ތާއީދުކުރާ ތިން މީހަކު ލޯންޗެއްގައި ރަށަކަށްއަރާ ކުރު ފިލްމެއް ކުޅުނު މަންޒަރު ވެސް ފެނުނެވެ.

ޕީޕީއެމް އާއި ޕީއެންސީގެ އިސްވެރިންތަކެއް އިދިކޮޅުގައި ތިބިއިރު، "އިންޑިއާ އައުޓް" ޖަހާފައިވާ ޓީޝާޓްތަކެއް ލައިގެން މަގުމަތީގައި މުޒާހަރާކުރަނީ.

ނަމަވެސް މިއަދު މުޅިން ރާގު ބަދަލުވެއްޖެ އެވެ. ފެންނަމުން ދަނީ ސަރުކާރުން "ކުރިން ބުނި އެތި ކެންސަލްކޮށް" ނާށިގަނޑު ހިފައިގެން އިންޑިއާގައި އާދޭސްކުރާ މަންޒަރެކެވެ. އެގޮތުން ފާއިތުވި ހަފްތާގައި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވަނީ އިންޑިއާގެ ފަތުރުވެރިން އިތުރުކުރުމަށް އިންޑިއާގައި ރޯޑް ޝޯތަކެއް ބޭއްވުމަށް ވަޑައިގެންފަ އެވެ.

އެދަތުރުފުޅު ނިންމާލެއްވުމަށް ފަހު އެކަމާ ގުޅިގެން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު ފައިސަލްގެ ވާހަކަ މުޅިން ބަދަލުވެފައި ހުރިކަން ފާހަގަކުރެވުނެވެ.

ޕީޕީއެމް ކޯލިޝަނުން އިންޑީއަގެ ބޮޑުވަޒީރުގެ މާލި ނެރެފައި

އޭނާ ވިދާޅުވީ އިންޑިއާ މާކެޓަކީ ރާއްޖެއަށް އެންމެ މުހިންމު އެއް މާކެޓު ކަމަށެވެ. ސަރުކާރުގެ ސިޔާސަތަކީ އިންޑިއާ އާ އެކީގައި ވަރަށް ގާތް ގުޅުމެއް ބާއްވައިގެން ކުރިއަށް ދިޔުން ކަމަށް ފައިސަލް ވިދާޅުވި އެވެ.

އޭނާގެ ވާހަކަފުޅުގައި އިންޑިއާ އައުޓު ހަރަކާތުގެ ނަން ވެސް ކިޔުއްވަން ކެރިވަޑައިނުގަނެ އުޅުއްވާފަދަ ގޮތަކަށް ވިދާޅުވީ މާކެޓް ދައްވީ "ސަބަބުތަކެއް މެދުވެރިގެން" ކަމަށާއި "އެއީ އަޅުގަނޑުމެންގެ ސްޓޭންޑެއް ނޫން، އެއީ ކުރިން އަޅުގަނޑުމެން ތެރޭގައި ހުންނެވި ރައީސްއެއްގެ ވިސްނުން" ކަމަށެވެ. "މިއަދު އަޅުގަނޑުމެން މިތިބީކީއެއް އެގޮތަކަށް ނޫން،" ފައިސަލް ވިދާޅުވި އެވެ.

މިހާރުގެ ޓޫރިޒަމް މިނިސްޓަރު ފައިސަލްގެ އިންޑިއާއައުޓް ޕޯސްޓުތައް

ނަމަވެސް ފާހަގަކޮށްލެވޭ ގޮތުގައި އިންޑިއާ އިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ބޮޑުތަނުން މަދުވާން ފެށީ މި ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް އިންޑިއާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީއަށް ކުޑައިމީސްކޮށް ފުރައްސާރަ ކުރުމުން އިންޑިއާގެ މަޝްހޫރު ތަރިން ހިމެނޭގޮތަށް ރާއްޖެ އައުމާ ދެކޮޅަށް ފެށި ކެމްޕޭނެއްގެ ސަބަބުންނެވެ.

އިންޑިއާ ސިފައިން ގައުމުން ބާލައި މިހާރު އިންޑިއާ އިން ހަދިޔާކުރި ހެލިކޮޕްޓަރާއި ޑޯނިއާ އޮޕަރޭޓްކުރަނީ މަދަނީ އިންޑިއާ މީހުން ކަމަށް ސަރުކާރުން ވަނީ އިއުލާންކޮށްފަ އެވެ. ނަމަވެސް މިކަމުގައި ހަމައެކަނި ބަދަލުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ހެދުންކަމަށް ވެސް ފާޑުކިޔާ ފަރާތްތަކުން ބުނެ އެވެ.

މެއި މަހު ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު އިންޑިއާއަށް ވަޑައިގެންފައިވާއިރު މިއަދު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު ރަސްމީ ދަތުރެއްގައި މިއަދު ރާއްޖެ ވަޑައިގަންނަވާނެ އެވެ. ޖައިޝަންކަރު ރާއްޖެ ވަޑައިގަންނަވާއިރު، ދެ ގައުމުން ދަނީ ހީނަރުވެފައިވާ ހާރިޖީ ގުޅުން ރަނގަޅުކުރުމަށް މަސެއްކަތްތަކެއް ކުރަމުންނެވެ.