މިހާރު ކުރިއަށްދާ ޕެރިސް އޮލިމްޕިކްސްގެ ބޮކްސިން އިވެންޓުގައި ވާދަކުރުމުގެ ޝަރުތު ހަމަވޭތޯ ސުވާލު އުފެދުނު އަލްޖީރިއާގެ އެތުލީޓް އިމާން ޚަލިފް އެ މުބާރާތުން ރަން މެޑަލްއެއް ހޯދައިފި އެވެ.

އަންހެނުންގެ ވެސްޓާ ވެއިޓް ކެޓަގަރީގެ ފައިނަލް މެޗުގައި ޗައިނާގެ ޔުއަންގް ލިންގެ އަތުން އިމާންއަށް ލިބިފައިވަނީ ވަރަށް ފަސޭހަ މޮޅެކެވެ.

މެޗުގެ ތިން ބުރުން ވެސް އިމާން ކުރި ހޯދިއިރު ދެ ކުޅުންތެރިންގެ މެދުގައި އޮތް ފަރަގު ވެސް ކޮންމެ ބުރެއްގައި ވަރަށް ބޮޑުކަން ފާހަގަ ކުރެވެ އެވެ.

"އަށް އަހަރަށްފަހު އަހަންނަށް އަހަރެންގެ ލަނޑުދަނޑި ހާސިލްވެއްޖެ،" މެޗަށްފަހު ތަރުޖަމާނެއް މެދުވެރިކޮށް ދިން އިންޓަވިއުއެއްގައި އިމާން ބުންޏެވެ.

މީގެ ކުރިން އިމާން އިޓަލީގެ ކުޅުންތެރިޔަކާ ވާދަކުރި މެޗެއް ފެށިތާ 46 ސިކުންތު ފަހުން އިޓަލީގެ ކުޅުންތެރިޔާ މެޗް ދޫކޮށްލި ފަހުން އިމާންއަކީ އަންހެން ކެޓަގަރީގައި ވާދަކުރަން ޝަރުތު ހަމަނުވާ ފަރާތެއް ކަމަށް އައީ ވާހަކަ ދެކެވެމުންނެވެ.

އޭނާއަކީ ހަށިގަނޑުގައި ފިރިހެން ހޯމޯން ގިނަވާ ބައްޔެއް ހުންނަ ކުޅުންތެރިއަކަށްވާއިރު އެކަމުގެ ސަބަބުން އޭނާއަށް ފައިދާތަކެއް ލިބޭ ކަމަށް ބައެއް މީހުން ބުންޏެވެ.

އެ މައްސަލައާ ބެހޭ ގޮތުން އިމާން ބުނީ އެކަންތައްގަނޑުގެ ސަބަބުން އޭނާއަށް މި ލިބުނު ކާމިޔާބީ ވަކިން ހާއްސަވާ ކަމަށެވެ.