ޖެކީ ޝްރޮފްއަކީ އޭނާގެ ތަފާތު ސްޓައިލާއި އެކްޓިންއަށްޓަކައި އާއްމުންގެ މަގުބޫލުކަން ހޯދާފައިވާ ތަރިއެކެވެ. މި ސަބަބަށްޓަކައި އިންޑިއާގެ ޓީވީ ޝޯތަކުގައިއާއި އެ ނޫންވެސް ތަންތަނުގައި ޖެކީގެ ނަކަލު ކުރުމަކީ އާއްމު ކަމެކެވެ.

އެހެން ނަމަވެސް މިކަންތައް ހުއްޓުވައި އޭނާގެ ޒާތީ ހައްގު ރައްކާތެރި ކުރުމަށްޓަކައި ޖެކީ ވަނީ މިދިޔަ މެއި މަހު ކޯޓު އަމުރެއް ހޯދާފަ އެވެ. އެ އަމުރުގެ ދަށުން އެކްޓް ކުރުމުގައި ޖެކީއަށް ހާއްސަ ސްޓައިލާއި އަޑުގެ އިތުރުން އޭނާ އާއްމުކޮށް ބޭނުންކުރާ "ބިޑޫ" އޭނާގެ ހުއްދައަކާނުލާ ބޭނުން ކުރުމަކީ މަނާ ކަމެކެވެ.

މި އަމުރު ނެރެފައި އޮތް ނަމަވެސް ކޮމެޑީ ނައިޓްސް ވިތު ކަޕިލް ޝަރްމާގެ ތަރި ކްރުޝްނާ އަބީޝޭކް މި އަމުރުން އިސްތިސްނާވާ ކަމަށް ހަބަރުތައް ބުނެ އެވެ.

ކްރުޝްނާއަކީ އެ ޝޯގައި ޖެކީގެ ނަކަލު ވަރަށް މޮޅަށް ކުރާ ފަންނާނަކަށްވާއިރު އެކަމުގެ ސަބަބުން އޭނާއަށް ބޮޑު ތަރުހީބެއް ވެސް ލިބެ އެވެ.

އެހެން ކަމަށްވުމާއެކު ހުދު ޖެކީ ކްރުޝްނާއަށް ގުޅުމަށްފަހު އޭނާ ނަކަލު ކުރުމުގެ ހުއްދަ ކްރުޝްނާއަށް ދިނީ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ޖެކީގެ މި ހުއްދައާއެކު ކްރުޝްނާ ވެފައިވަނީ ޖެކީގެ ސްޓައިލް ފާޅުގައި ނަކަލު ކުރެވޭނެ ހަމައެކަނި ފަންނާނަށްކަން ފާހަގަ ކޮށްލެވެ އެވެ.