ތިމާވެއްޓާ ގުޅޭ އެކި މައްސަލަތަކުގައި ކޮށްފައިވާ ޖޫރިމަނާގެ ފައިސާ ދައުލަތަށް ނުލިބި ދިގުލައިގެން ދަނީ އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ފަރުވާ ކުޑަކަމުން ކަމަށް ނިންމާ، އެ އިދާރާގެ ވެރިން ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމަންޓް ކޮމިޓީއަށް ހާޒިރުކުރުމަށް ނިންމައިފި އެވެ.

އީޕީއޭގެ ވެރިން ކޮމިޓީއަށް ހާޒިރުކުރުމަށް ހުށަހެޅުއްވީ ކޮމިޓީ މެންބަރު ގެމަނަފުށީ ދާއިރާގެ މެންބަރު އަސަދުﷲ ޝިހާބު އެވެ.

އެ މައްސަލައިގައި ވާހަކަ ދައްކަވަމުން އަސަދުﷲ ވިދާޅުވީ ޖޫރިމަނާތަކުގެ ފައިސާ ގިނަ ދުވަސްތަކެއް ވަންދެން ދައުލަތަށް ނުލިބި އޮތީ އީޕީއޭއިން ރަނގަޅަށް ނުބެލުމުގެ ސަބަބުން ކަމަށެވެ. އެހެންކަމުން އެ ފައިސާ ލިބުމުގައި ހުރި ދަތިތައް ބަލަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. ތަހުގީގު ފުރިހަމަ ކުރުމެއްނެތި އީޕީއޭއިން ބައެއް މައްސަލަތައް ނިންމާފައިވާ ކަމަށް ވެސް އަސަދުﷲ ތުހުމަތު ކުރެއްވި އެވެ.

ޖޫރިމަނާ ފައިސާ ލިބުން ލަސްވާ މައްސަލައިގައި އީޕީއޭގެ އިސްވެރިން ކޮމިޓީއަށް ހާޒިރުކުރަން އަސަދުﷲ ހުށަހަޅުއްވުމުން ތާއީދު ކުރެއްވީ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު އެވެ.

މެންބަރު ހަސަން ޒަރީރު ވިދާޅުވީ، އެޓާނީ ޖެނަރަލް އޮފީހުން އެކަމާ ގުޅިގެން ފޮނުވި ސިޓީގައި ވެސް ޖޫރިމަނާތައް ދެއްކުން ލަސްވެފައިވާ ސަބަބުތައް ބަޔާންކޮށްފައި ނުވާކަމަށެވެ. ތިމާވެއްޓަށް ލިބޭ ގެއްލުންތަކާއި ގުޅިގެން ވަރަށް ފަސޭހައިން ޖޫރިމަނާތައް ކުރާކަން ފާހަގަ ކުރައްވާ އޭނާ ވިދާޅުވީ އޭޖީ އޮފީހުގެ ލިޔުންތަކަށް ބެލުމުން އެނގެނީ އެގޮތަށް ޖޫރިމަނާކުރި އެއްވެސް މައްސަލައެއް ނުނިމޭކަން ކަމަށެވެ. އެފަދަ އެއްވެސް މައްސަލައެއް ކޯޓު މަރުހަލާގައި ވެސް ނުނިމި އޮތުމަކީ ބޮޑުވަރު ކަމަށެވެ.

ތިމާވެއްޓަށް ގެއްލުން ދީގެން ކޮށްފައިވާ ޖޫރިމަނާތަކުން 676 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ނުލިބިވެ އެވެ.