ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެނައުމަށް ޓަކައި، ސަރުކާރަށް ދައްކަންޖެހޭ ފީ ބޮޑު ކުރުމުން ދިވެހި ރައްޔިތުން ނުކުމެ މި ސަރުކާރު ވައްޓާލަފާނެކަމަށް މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ގާސިމް މިހެން ވިދާޅުވީ ވަޒީފާއާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރެއިން ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެނައުމަށް ޓަކައި، ސަރުކާރަށް ދައްކަންޖެހޭ ކޯޓާ ފީއާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ (241) ކޮމިޓީގައި އިއްޔެ ވާހަކަ ދައްކަވަމުންނެވެ.

ގާނޫނުގައި އޮންނަ ގޮތުން ބިދޭސީ މަސައްކަތްތެރިން ވޯކް ޕާމިޓުގެ ގޮތުގައި 350 ރުފިޔާ ދައްކަންޖެހެ އެވެ. އަދި ކޯޓާ ފީގެ ގޮތުގައި އަހަރަކު 2،000 ރުފިޔާ ދައްކަންޖެހެ އެވެ.

ސަރުކާރުން ހުށަހެޅި އިސްލާހުގެ ދަށުން ކޮންމެ 18 މަސްދުވަހަކުން އެއްފަހަރު އެ އަދަދު ބަދަލު ކުރުމުގެ އިހްތިޔާރު ސަރުކާރަށް ލިބެ އެވެ. މުރާޖައާ ކުރުމަށްފަހު، ކަނޑައެޅުނު އަދަދު 30 އިންސައްތައަށްވުރެ އިތުރުވެގެން ނުވާނެކަމަށް އެ ބިލުގައި ބުނެފައިވެ އެވެ.

ގާސިމް ވިދާޅުވީ އެއްގޮތަކަށްވެސް ފީ ބޮޑުކޮށްގެން ނުވާނެ ކަމަށާއި އެކަމުގެ ސަބަބުން ޕްރޮޖެކްޓް ހަރަދުތައް ބޮޑުވެ ދިރިއުޅުމުގެ ހަރަދު ބޮޑުވެ، އަތްނުފޯރާވަރަށް ބޮޑުވެގެން ދިއުމުން ސަލާމަތް ނުވާނެކަށެވެ. އެހެންކަމުން ސަރުކާރަށް މި ބާރު ދެއްވަން ފެނިވަޑައިނުގަންނަވާކަމަށް ގާސިމް ވިދާޅުވި އެވެ.

"ހެޔޮނުވާނެ މިވަރުކަމެއް ކޮށްފިއްޔާ މި ސަރުކާރު ނަގާ އެއްލާލަފާނެ ދިވެހި ރައްޔިތުންނުކުމެ،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ މަޖިލިސް މެންބަރުންނަކީ ސަރުކާރުން ބަޔަކު ބަލާފައި ހަދާފައި ފޮނުވާ އެއްޗެއް ބަލަން ތިބޭ ބައެއް ނޫންކަމަށާއި ސަރުކާރު ޒިންމާދާރުކުރުވާ ގޮތަށް، މަސްއޫލިއްޔަތު އަދާކުރަންޖެހޭ ގޮތަށް ކަންތައް ކުރަންޖެހޭކަމަށް ގާސިމް ވިދާޅުވި އެވެ.

"ސަރުކާރޭ ބުނީމަ އަހަރުމެން ތުރުތުރު އަޅާނެތަ؟ ސަރުކާރު ހަލާކުކޮށްލަން ވެރިއެއްގެ ކައިރީގަ ތިބެގެން ވާހަކަ ދައްކާމީހުން ގިނަވާނީ،" ގާސިމް ކޯފާ އިސްކުރައްވާ ވިދާޅުވި އެވެ.

މި ނޫން ގޮތަކަށް ފީ ބޮޑުކުރާނަމަ ގާނޫނަށް ބަދަލު ގެންނަން ސަރުކާރުން ހުށަހެޅުމަށާއި ބޭނުންވާއިރަށް ގަވައިދު ހަދާ، މީހުން އަތުން ޓެކްސް ނެގިގެން ނުވާނެކަމަށް އޭނާ ވިދާޅުވި އެވެ.