އުރީދޫ 5ޖީ ކ. މާފުއްޓަށް ލިބޭނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

އެ ކުންފުނިން ބުނީ އުރީދޫގެ 19 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން 5ޖީގެ ހިދުމަތް ރާއްޖޭގެ އާބާދީގެ 60 ޕަސެންޓަށް ލިބޭނެ ކަމަށެވެ. މިގޮތުން އުރީދޫގެ 5ޖީގެ ޚިދުމަތް މާފުއްޓަށް ތައާރަފްކުރިކަން އިއުލާން ކުރުމަކީ، ދުނިޔޭގެ ފެންވަރުގެ ކަނެކްޓިވިޓީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފޯރުކޮށްދިނުމަށް އުރީދޫއިން ކުރަމުންދާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.

މާފުއްޓަށް 5ޖީ ތައާރަފްކުރުމާއެކު އެ ރަށު ރައްޔިތުންނަށް މިހާރު ކުރިއަށް ވުރެ ހަލުވި އިންޓަނެޓް ސްޕީޑާއި އަލްޓްރާ ލޯ ލެޓެންސީ އާއި އިތުބާރު ހިފޭ ކަނެކްޝަނެއް ތަޖުރިބާކުރެވި، ދިރިއުޅުމާއި މަސައްކަތާއި ކުޅުމުގެ ވައްޓަފާޅިއަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އުރީދޫން ބުނެ އެވެ.

އެ ކުންފުނިން ބުނީ އުރީދޫ 5ޖީ ނެޓްވޯކުން ގިނަ ފައިދާތަކެއް ލިބިގެންދާއިރު، އޭގެ ތެރޭގައި މޮބައިލް ބްރޯޑްބޭންޑްގެ ޚިދުމަތް އިތުރަށް ރަގަޅުވުމާއި، ހައި ޑެފިނިޝަން ކޮންޓެންޓް މެދުނުކެނޑި ސްޓްރީމްކުރުން ހިމެނެއެވެ. އަދި ޓެކްނޮލޮޖީގެ މި ކުރިއެރުމަކީ ޑިޖިޓަލް މޯލްޑިވްސްއަކަށް އުރީދޫ ކުރަމުންދާ މަސައްކަތުގައި ފުރިހަމަވި ބޮޅެއް ކަމަށް އުރީދޫން ބުނެ އެވެ.

"ހަމަ މިއާއެކުއިނޮވޭޝަނަށް މަގުފަހިކުރުމަށާއި، އިގްތިސާދީ ފުރުސަތުތައް އިތުރުކޮށް، ޑިޖިޓަލް ހިދުމަތްތައް ލިބޭނެ މަގު ފަހިކޮށްދިނުމަށް ތައްޔާރުވެފައިވާ ކުރިއެރުމެއް. މާފުށީގައި 5ޖީ ތައާރަފްކުރުމަކީ ޑިޖިޓަލް އިންގިލާބުގެ ފައިދާ ކޮންމެ ރަށަކަށް ވެސް ލިބޭނެ މަގު ފަހިކޮށްދީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 5ޖީގެ ހިދުމަތް ފުޅާކުރުމަށް އުރީދޫއިން ރާވާފައިވާ ފުޅާ ޕްލޭންގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެއް،" އެ ކުންފުނިން ބުނެ އެވެ.

އުރީދޫގެ 5ޖީ ނެޓްވޯކް ފުޅާކުރަމުން އަންނައިރު، ޑިޖިޓަލް އިންކްލޫޝަން ޑްރައިވްކޮށް، އެންމެންނަށް ގުޅިފައިވާ މުސްތަގުބަލެއް ބިނާކުރުމަށް އެ ކުންފުނިން އަންނަނީ މަސައްކަތް ކުރަމުންނެވެ.