އެއީ ދަނޑުވެރިއެކެވެ. މޮޅު ކެއްކުންތެރިއެކެވެ. މޮޅު ނެށުންތެރިއެކެވެ. އޭނާއަކީ 2011 ގައި އެމްއެންބީސީއިން ބޭއްވި ބޮޑުބެރު ޗެލެންޖް 2011 ގެ އެންމެ މޮޅު ނެށުންތެރިޔާ ވެސް މެ އެވެ.

އަރަބި ހަރުބަހެއްގައި ވަނީ "މަން ޖައްދާ ވަޖައްދާ" އެވެ. މާނައަކީ މަސައްކަތް ކުރާ މީހާއަށް (ކާމިޔާބު) ލިބޭނެ އެވެ.

މިބަސްކޮޅަކީ ކިހާބޮޑު ހަގީގަތެއްކަން ބާރަށު މީހަކު އަންނަނީ ދައްކަމުންނެވެ. އޭނާގެ އަމަލުންނެވެ. ދައްކާ މިސާލުންނެވެ. އެއީ ދަނޑުވެރިއެކެވެ. މޮޅު ކެއްކުންތެރިއެކެވެ. މޮޅު ނެށުންތެރިއެކެވެ. އޭނާއަކީ 2011 ގައި އެމްއެންބީސީއިން ބޭއްވި ބޮޑުބެރު ޗެލެންޖް 2011 ގެ އެންމެ މޮޅު ނެށުންތެރިޔާ ވެސް މެ އެވެ.

ހއ. ބާރަށު، ނައިޓް ރޯސް، ޝަމީމު އަބްދުއް ނާސިރަކީ އެރަށުގެ އެންމެންގެ ލޯބި ލިބިފައިވާ، އެންމެންގެ އެންމެ ގާތް އެކުވެރިޔާ އެވެ. އެރަށުން ތައުލީމު ހާސިލުކުރުމަށްފަހު ޝަމީމު ފުރަތަމަ ވަޒީފާ އަދާކުރީ މާލޭގަ އެވެ. ސަރުކާރުގެ އެކި އިދާރާތަކުގައާއި ކ. ދޫނިދޫގައި ވެސް އޭނާ ވަނީ ކުރިން މަސައްކަތް ކޮށްފަ އެވެ. މީގެ 18 އަހަރު ކުރިން އޭނާގެ ދިރިއުޅުމަށް ކުއްލިއަކަށް އައި ލޮޅުމެއްގެ ސަބަބުން ރަށަށް ބަދަލުވި އެވެ.

އޭރު ބަދަލުވި ގޮތަށް މިއަދާ ޖެހެން ދެން ވެސް އޭނާ ދިރިއުޅުނީ ރަށުގަ އެވެ.

ޝަމީމު ދިގުބަތްޕެން ކެއްކުމުގައިހަރަކާތްތެރިވަނީ

"އަޅުގަނޑު ރަށަށް ބަދަލުވީ ބަލި ކުއްޖެއް ބެލުމުގެ ޒިންމާ ނަގަންވެގެން. ވަރަށް މަސައްކަތުން ވަރަށްބޮޑު ގުރުބާނީއެއްވެ އެދަރިއަށް ފަރުވާކޮށް މިހާރު އަމިއްލަ ފައި މައްޗަށް ތެދުވެ އެހުރީ. ވަޒީފާ ވެސް އަދާކުރޭ މިހާރު،" ހަތަރު ކުދިންގެ ބައްޕަ އަދި ބާރަށު ސްކޫލްގެ ޕޭރަންޓީޗާ އެސޯސިއޭޝަންގެ ނައިބު ރައީސްކަން ވެސް ކުރަމުންދާ ޝަމީމް ކިޔައިދިނެވެ.

ރައްޔިތުންނަށް ކައްކައި ދިނުމަކީ އޭނާއަށް ލިބޭ އުފަލެއް

ޝަމީމު ވަނީ އޭނާގެ މުރާލިކަމާއި ހިވާގިކަމާއި، އަދި އޯގާތެރި ކަމުގެ ސަބަބުން ރަށު އެންމެންގެ ލޯބި ހާސިލްކޮށްފަ އެވެ. ރަށުގައި ބޮޑުކަމެއް ދިމާވެގެން ފުރަތަމަ ގޮވާލެވޭ މީހުންގެ ތެރޭގައި އޭނަ ހިމެނެ އެވެ. އޭނާއަކީ ކެއްކުމަށް މޮޅު މީހެކެވެ. އެރަށުގައި ކުޑަ އީދުގައި އޮންނަ ޚާއްސަ ސަގާފީ ދިގު ބަތްޕެން ކެއްކުމުގައި ކޮންމެ އަހަރަކު ވެސް އޭނާ އިސްދައުރެއް އަދާކުރެ އެވެ. ކައިވެނި ހަފްލާތަކުގައި ވެސް ހިލޭސާބަހަށް ކައްކައިދީ ހަދަ އެވެ. މީގެ އިތުރުން އީދު ކުޅިވަރުތައް ރާވާ ހިންގުމުގައި އެންމެ ކުރީ ސަފުގައި ހުރެ އެވެ.

"ކައިވެނި ޕާޓީތަކުގައި ކައްކައިދެނީ އެމީހަކު ބޭނުން އެއްޗެއް. ސްޕެގެޓީ ވެސް ނޫޑްލްސް ވެސް، އަދި ބިރިޔާނީ ވެސް ކައްކަދެން. އެންމެ ގިނައިން ކައްކަނީ ބިރިޔާނީ،" އޭނާ ބުންޏެވެ.

މޮޅު ދަނޑުވެރިއެއް

ރަސްމީގަޑީގައި ބާރަށު ސިއްޚީ މަރުކަޒުގައި މަސައްކަތް ކުރުމަށް ފަހު، ލިބޭ ހުސްވަގުތުތަކުގައި އިތުރު އާމްދަނީ ހޯދުމަށް އޭނާ ދަނޑުވެރި ކަން ވެސް ކުރެ އެވެ. ދަނޑުވެރިކަމަކީ އޭނާ ވަރަށް ޝައުގުވެރިވާ މަސައްކަތެކެވެ. އެގޮތުން ވަލު ތެރޭގައި އޮންނަ ސަރަހައްދެއްގައި ކަރާ، މިރުސް، އަދި ފަތްކެޔޮ ހައްދައިގެން އާމްދަނީ ހޯދަ އެވެ.

ފަންގިވިނުމުގައި ވަރަށް ހީވާގި

ބާރަށަކީ ފަންގިވިނާ ގިނަ ބަޔަކު ދިރިއުޅޭ ރަށެކެވެ. ހަމައެކަނި އެ މަސައްކަތަށް ހުސްވެ ތިބޭ މީހުން ގިނަ އެވެ. ސަބަބަކީ ރިސޯޓުތަކަށް ފަންވިޔައިގެން ބޮޑު އާމްދަނީއެއް ލިބޭތީ އެވެ.

ޝަމީމް ފަންގިވިނުމުގެ މަސައްކަތް ފަށަނީ ވަޒީފާގެ ރަސްމީގަޑި ނިމުމުން، ކުދިންނަށް ދޭންވާ އެހީތެރިކަން ފޯރުކޮށްދީފައި ހަވީރު ލިބޭ ހުސްވަގުތުތަކުގަ އެވެ. ވީމާ އާންމު ގޮތެއްގައި ފަން ހޯދުމަށް އޭނާ ވަލަށް ދަނީ ހަވީރު އެވެ. އަދި ރުކުން ދޮންވެގެން ހިކިގެން ވެއްޓިފައި ހުންނަ ފަން ހޯދަ އެވެ. ފަން ކިރިއްސައިގެން (އޮށިން ފަންވަކިކޮށްގެން) ހުޅި ބަނދެގެން (ހުރިހާ ފަން އެއްކޮށް ބޮޑިއަކަށް ބަނދެގެން) ގޯންޏަކަށް އަޅައިގެން ގެއަށް ގެނެ އެވެ.

ޝަމީމް ވަނީ އެންމެ މޮޅު ނެށުންތެރިޔާގެ މަގާމު ވެސް ހާސިލްކޮށްފައި.

"އިޝާ ނަމާދަށްފަހު ވިނަން އިށީންދެވެނީ. ބައެއް ރޭރޭ ދެގަނޑު އަނެއްބައި ރޭރޭ ހަތަރު ގަނޑު އެގޮތަށް ވިންނަނީ. ހަމައެކަނި އެމަސައްކަތް ކުރަން ހުސްވެ ނުހުންނާތީ އެކަން ކުރެވޭ ވަރު މަދު. މަހެއްގެ މައްޗަށް އަށާރަ ބޮނޑި ވެސް ނުވިނޭނެ. ބުނެލަން އޮތީ ފަންގި ވިނުމަކީ ރަނގަޅު އާމްދަނީއެއް ލިބޭ މަސައްކަތެކޭ،" ޝަމީމު ބުންޏެވެ.

ޝަމީމް ބުނާގޮތުގައި އޭނާގެ ގިނަ ވަގުތުތައް ހޭދަކުރަނީ ބާރަށު ރައްޔިތުން އެދޭ ގޮތަށް ކަންކަން ކޮށްދިނުމުގަ އެވެ. އަދި އެހާ ބުރަކޮށް އުޅެވެނީ އޭނާގެ އަންހެނުންގެ ބޮޑު އެއްބާރުލުމަކާއި އަދި އެހީތެރިކަމެއް ލިބޭތީ އެވެ.