ބަނޑުގައި ރިއްސާތާ ފަސް އަހަރު ފަހުން ތުރުކީގެ އަންހެނެއްގެ ބަނޑުން ކަތުރެއް ނަގައިފި އެވެ.

އުމުރުން 67 އަހަރުގެ މިއަންހެން މީހާގެ ބަނޑުން ކަތުރެއް ނެގީ އޭނާގެ ބަނޑުގައި ރިއްސާތީ އުޅޭތާ ފަސް އަހަރު ފަހުންނެވެ. އޭނާގެ ބަނޑުގައި ފުރަތަމަ ރިހެން ފެށީ ކެންސަރަށް ފަރުވާކުރަން ކުރި އޮޕަރޭޝަނަކަށް ފަހު އެވެ.

ބަނޑުގައި ރިއްސާތީ އޭރު އޮޕަރޭޝަންކުރި ޑޮކްޓަރަށް ދައްކާ ކޮންމެ ފަހަރަކު ވެސް ލިބޭ ޖަވާބަކީ ބަނޑުގެ އޮޕަރޭޝަންތައް ރަނގަޅުވުމަށް ދުވަސް ނަގާނެ ކަމަށާއި، ކޮންމެ އޮޕަރޭޝަނަކަށް ފަހު ވެސް، ކޮންމެވެސް ވަރެއްގެ ރިހުމެއް ހުރުމަކީ މައްސަލައެއް ނޫން ކަމަށެވެ. ނަމަވެސް އޮޕަރޭޝަނަށް ފަސް އަހަރު ވީއިރު ވެސް ތަދު ނުފިލާ ހުރުމާއި، ތަދު ބޮޑުވަމުންދާތީ އެހެން ޑޮކްޓަރެއްގެ ލަފާ ހޯދުމަށް ޑޮކްޓަރަކަށް ދެއްކި އެވެ.

ފަހުން ދެއްކި ޑޮކްޓަރަށް އެނާގެ ބަނޑުގައި ދުޅަ ހުރިކަމައް ލަފާކުރެވުނެވެ. އަދި އެކްސްރޭއެއް ނެގުމަށް އެންގި އެވެ. އެކްސްރޭ ނެގުމުން ބަނޑުގެ ތެރޭގައި ކަތުރެއް އޮތްކަމަށް ދެއްކި އެވެ. އެ ކަތުރަކީ ފަސް އަހަރު ކުރިން އޭނާ ކުރި އޮޕަރޭޝަން ތެރޭގައި ބަނޑު ތެރެއަށް ގެއްލި، ނުނެގި އޮތް ކަތުރެއް ކަމަށް ފަހުން ދެއްކި ޑޮކްޓަރު ކިޔައިދި ނެވެ. އަދި ވަގުތުން އޮޕަރޭޝަން ކޮށްފައި ކަތުރު ނެގި އެވެ. އޮޕަރޭޝަނަށްފަހު ހާލު ރަނގަޅުވި ނަމަވެސް އޭނާގެ އާއިލާއިން މިހާރު އަންނަނީ ކުރިން އޭނަ އޮޕްރޭޝަން ކުރި ޑޮކްޓަރާ ދެކޮޅަށް ދައުވާ ކުރަމުންނެވެ.