އިލެކްޝަން ކޮމިޝަންގެ ކޮމްޕްލަޔަންސް ކޮމިޝަންގެ ވެރިޔާ މުހައްމަދު ޒާހިދު އެ މަގާމުން މިއަދު އިސްތިއުފާދެއްވައިފި އެވެ.

ޒާހިދު އެ މަގާމުން އިސްތިއުފާ ދެއްވިކަން އޭނާ ވަނީ "ހުރިހާ"އަށް ކަށަވަރުކޮށްދީފަ އެވެ.

ޒާހިދު އެ މަގާމުން އިސްތިއުފާ މި ދެއްވީ އޭނާ އެޗްއާރުސީއެމްގެ މެންބަރުކަމުގައި ހުންނަވަނިކޮށް މީގެ ކުރިން މަޖިލީހުން އިތުބާރު ނެތް ކަމުގެ ވޯޓު ނަގައި އޭނާ ވަކިކޮށްފައި ވާތީ އީސީގެ މުހިންމު މަގާމެއްގައި އޭނާ ހުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ބުނެ މަޖިލީހުގެ ރައީސް އާއި އެމްޑީޕީގެ ބައެއް މެންބަރުން ނުރުހުން ފާޅުކޮށްފައި ވަނިކޮށެވެ. އެކަމާ ގުޅިގެން ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް އީސީގެ މެންބަރުން އިއްޔެ ހާޒިރުކޮށްފައިވެ އެވެ.

މަޖިލީހުގެ ކޮމިޓީ ބައްދަލުވުމުގައި އެމްޑީޕީ މެމްބަރުން ވަނީ މަޖިލީހުން އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި، ވަކިކުރި މީހަކު އެފަދަ ޒިންމާދާރު މަގާމަކަށް އައްޔަން ކުރުމަކީ، ހަމަޖެހޭ ކަމެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. އަދި އޭނާ އެ މަގާމުގައި ހުރެގެން އެމްޑީޕީގެ ކެންޑީޑޭޓުން ހުށަހަޅާ ޝަކުވާތައް އިންސާފުވެރިކޮށް ނުބެލޭނެ ކަމަށް ވެސް އެ މެމްބަރުން ވަނީ ތުހުމަތުކޮށްފަ އެވެ.

މަޖިލީހުގެ މެމްބަރުން އެހެން ވިދާޅުވި ނަމަވެސް އިލެކްޝަން ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފު އެކަން ދޮގު ކުރައްވަ އެވެ.

ޝަރީފް ވިދާޅުވީ، ޒާހިދު އެ މަގާމުގައި ހުރުމަކީ އިންތިހާބަށް ނުފޫޒު ފޯރުވޭނެ ކަމެއް ނޫން ކަމަށާއި އެ މަގާމަކީ ކަންކަމުގައި އަމިއްލައަށް ގޮތް ނިންމޭވަރުގެ ބާރުގަދަ މަގާމެއް ނޫން ކަމަށެވެ. އެ ކޮމިޝަނުން މައްސަލަތައް ނިންމަނީ ފަސް މެމްބަރުންގެ މެދުގައި މަޝްވަރާކުރުމަށްފަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޒާހިދު އެ މަގާމަށް އިލެކްޝަންސް ކޮމިޝަނުން އައްޔަންކުރީ އެ މަގާމަށް މީހަކު ހޮވުމަށް ކުރި އިއުލާނާ ގުޅިގެން ކުރިމަތިލި މީހުންގެ ތެރެއިން އެންމެ މަތިން މާކްސް ލިބިގެންނެވެ. އަދި އޭނާއަކީ އެ ކޮމިޝަންގެ ވަގުތީ މުވައްޒަފެކެވެ.