ތުރުކީގެ ތިންވަނައަށް އެންމެ ބޮޑު ސިޓީ އިޒްމީރު ޕްރޮވިންސްގެ ޖަންގަލީގައި ބުރާސްފަތި ދުވަހުގެ ރޭ ރޯވި އަލިފާންގަނޑު ވައި ގަދަވުމުގެ ސަބަބުން ހަލުވިކަމާއެކު ފެތުރި، މީހުން ދިރިއުޅޭ ސަރަހައްދުތަކަށް އަލިފާނުގެ އަސަރު ކުރަން ފަށައިފި އެވެ.

ބައެއް ޑިސްޓްރިކްޓްތަކުގައި އަލިފާން ނިއްވުމުގެ ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. ފެތުރެމުންދާ އަލިފާންގަނޑުގެ ސަބަބުން އެ ސިޓީން 400،000 މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކުރަން ޖެހިދާނެކަމަށް އެ ގައުމުން ބުނެ އެވެ.

ގަޑިއަކު 49.9 މޭލުގެ ބާރުމިނުގައި ވައިގަދަވުމުގެ ސަބަބުން ކަރްސިއާކާ ޑިސްޓްރިކްޓްގެ ޔަމަންލާރް ކަރާޓޭޕޭ ސަރަހައްދުގައި ވަގުތީ ގޮތުން ވައިގެ ދަތުރުތައް ވަނީ ހުއްޓާލާފަ އެވެ. ފަސް މަތިންދާ ބޯޓާއި 15 ހެލިކޮޕްޓަރާއި 46 ވޯޓާ ޓެންޑާ އާއި 10 ވޯޓާ ސަޕްލައި ވެހިކަލާއި ހަތަރު ބުލްޑޯޒަރުގެ އިތުރުން ގިނަ ގްރައުންޑް ކްރޫންތަކެއް އަލިފާން ނިންވުމަށް މަސައްކަތް ކުރަމުން ދިޔަ ނަމަވެސް އަދިވެސް އަލިފާންގަނޑު ކޮންޓްރޯލެއް ނުވެ އެވެ.

އެ ގައުމުގެ ޑިޒާސްޓާ އެންޑް އިމަޖެންސީ މެނޭޖްމަންޓް އޮތޯރިޓީ (އޭއެފްއޭޑީ) އިން ބުނީ މިހާރު ފެތުރެމުންދާ އަލިފާން، ނިއްވުމުގެ މަސައްކަތް ވައިގެ މަގުންނާއި އެއްގަމު މަގުން ކުރަމުންދާ ކަމަށެވެ.

އަލިފާންގަނޑު ފެތުރެން ފެށުމުން ބައެއް އަވަށްތަކުން މީހުން ހުސްކުރަން އަންގާފައިވާއިރު، އެ ސަރަހައްދުގައި ހުރި ޖަނަވާރުގެ ހިޔާވެސް ވަނީ ހުސްކޮށްފަ އެވެ. ގެއްލުން ލިބުނު ސަރަހައްދުތަކަށް ދާ މަގުތައް ބަންދުކޮށްފައިވާއިރު، އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި އެ ގައުމުގެ އިދާރާތަކުން ވަނީ ސަލާމަތީ ގޮތުން ހަރުކަށި ފިޔަވަޅުތަކެއް އަޅައިފަ އެވެ.

އެނގިފައިވާ ގޮތުގައި ޔަމަންލާރު ސަރަހައްދުގައި ދުމުގެ އަސަރު ކޮށްފައިވާ މީހުންނާއި 87 ގެއަކާއި 45 އޮފީސް ހުސްކޮށްފައިވާއިރު 16 ގެއެއް އަނދާފައިވެ އެވެ. ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.

އަލިފާންގަނޑުގެ ބާރު މިހާރު ދައްވެފައިވީ ނަމަވެސް ގަދަވަޔާއެކު އަލިފާން ސަރަހައްދުތަކަށް ފެތުރެމުންދާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.