އިނގިރޭސި ޝާހީ އާއިލާއަށް ނިސްބަތްވާ ޕްރިންސް ހެރީއާއި އޭނާގެ އަންހެނުން މޭގަން މާކަލްގެ މުޅިން އާ ހުނަރެއް އާއްމުކޮށް ފެނިއްޖެ އެވެ.

ހެރީއާއި މޭގަން މިހާރު ކޮލަމްބިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ކުޑަކުދިންގެ ނާސަރީ ކްލާހަކަށް ގޮސް އެ ދެމީހުން ވަނީ ސްޕެނިޝް ބަހުން ވާހަކަ ދައްކާފަ އެވެ. އެ ކްލާހުގެ ކުދިންނާ ވާހަކަ ދައްކާހެދީ ސްޕެނިޝް ބަހުންނެވެ. ވާހަކަ ދައްކަމުން ދިޔައިރު އެ ބަހަށް އެ ދެމީހުން ވެސް ފަރިތަކަން ފާހަގަވެގެންދިޔަ އެވެ.

މީގެ އިތުރުން ވެސް ހެރީ އާއި މޭގަން ވަނީ ކުދިންނާއެކު ބައެއް ހަރަކާތްތަކުގައި ބައިވެރިވެ ކުދިންނަށް އުފާވެރި އަދި މަޖާ ވަގުތުކޮޅެއް ހޯދައިދީފަ އެވެ.

ޕްރިންސް ހެރީއާއި މޭގަންގެ މި ދީލަތިކަމަށް ގިނަ ބައެއްގެ ތައުރީފު ލިބެމުން އަންނައިރު އެ ދެމީހުންގެ "އާ ހުނަރަށް" ވެސް ބޮޑު ސަމާލުކަމެއް އަންނަނީ ލިބެމުންނެވެ.

ޝާހީ ދިރިއުޅުމާ ވަކިވެ އެމެރިކާގައި މިހާރު ދިރިއުޅެމުން އަންނަ ހެރީގެ ދެކަނބަލުން ދޭތެރެ ދޭތެރެއިން އާއްމު ތަންތަނުން ފެންނައިރު އެއިން ކޮންމެ ފެނިލުމަކަށް ވެސް އާއްމުންގެ ސަމާލުކަން ލިބެ އެވެ.