ބިދޭސީ މަސައްކަތްތެރިން ގެންގުޅޭ ފަރާތްތަކާ ހޯމް ލޭންޑް ސެކިިއުރިޓީ މިނިސްޓަރު މުހައްމަދު އިހްސާން ބައްދަލުކުރައްވަން ނިންމަވައިފި އެވެ.

އެ މިނިސްޓްރީން މިރޭ ނެރުނު އިއުލާނެއްގައި ވަނީ ބިދޭސީ މަސައްކަތްތެރިން ގެންގުޅޭ ފަރާތްތަކާއި ބިދޭސީ މަސައްކަތްތެރިންގެ ހުއްދަތައް ދޫކުރުމަށް އޮންނަ "އެކްސްޕަޓް ސިސްޓަމް" ބޭނުންކުރާ އެހެން ފަރާތްތަކާ ބައްދަލުކުރައް ވެސް މިނިސްޓަރު ބޭނުންވާ ކަމަށެވެ.

އެ ބައްދަލުވުން އޮންނާނީ އަންނަ އަންގާރަ ދުވަހު އެވެ. އެ ބައްދަލުވުމުގައި ބައިވެރިވުމަށް ކުރިއާލައި އޮންލައިން ފޯމެއް ފުރައި ނަން ނޯޓު ކުރުމަށް އެ މިނިސްޓްރީން ވަނީ އެދިފަ އެވެ. އަދި އަންނަ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ނަން ނޯޓު ކުރަންޖެހޭނެ ކަމަށް އެ އިއުލާނުގައިވެ އެވެ.

މިނިސްޓަރު އިހްސާން މިފަދަ ބައްދަލުވުމެއް ބާއްވަން ނިންމާފައި މިވަނީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދައި ފިޔަވަޅު އެޅުމުގެ ހާއްސަ އޮޕަރޭޝަނެއް ސަރުކާރުން ފަށާފައިވާ ދަނޑިވަޅެއްގަ އެވެ. ގަވާއިދާ ހިލާފަށް އެއްވެސް ލިޔެކިޔުމެއް ނެތި އުޅޭ ބިދޭސީންގެ މައްސަލަ އާއި ބިދޭސީންގެ ފީ ނުދައްކާ ވިޔަފާރިތަކުގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން އަންނަނީ "ހަރުކަށި" ފިޔަވަޅުތަކެއް އަޅަމުންނެވެ.

ބިދޭސީންގެ ފީ ނުދައްކާ ވިޔަފާރިތައް ބޮޑު އަދަދަކުން ޖޫރިމަނާ ކުރެވޭ ގޮތް ހެދުމަށް ސަރުކާރުން ވަނީ ވަޒީފާގެ ގާނޫނަށް އިސްލާހެއް ވެސް ހުށަހަޅާފަ އެވެ.