ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޑޮކްޓަރީ ބޭސް އިމްޕޯޓުކޮށް ވިއްކާ "މައި ކެމިސްޓް" ގެ ވެރިޔާ ހުސައިން އިރުފާން، ގަސްދުގައި ޓެކުހަށް މަކަރުހެދިކަމުގެ ތުހުމަތުގައި ޖިނާއީ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ މީރާއިން ތަހުގީގުކޮށް، ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފި އެވެ.

މިއަދު މީރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި މައްސަލައަކީ ޓެކްސް ދައްކާ ފަރާތުން ޓެކްސް އަހަރު 2018 އަދި 2019 އަށް ހުށަހަޅައިފައިވާ ބީޕީޓީ ބަޔާންތަކާއި ޓެކްސް އަހަރު 2020 އަށް ހުށަހަޅައިފައިވާ އިންކަމް ޓެކްސް ބަޔާނުގައި ދޮގު މައުލޫމާތު ހިމަނައިފައިވާ ކަމަށް ތުހުމަތުކުރެވޭތީ، އަދި އެކަން ކޮށްފައިވަނީ ގަސްދުގައި ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ނިޔަތުގައި ކަމަށް ބެލެވޭތީ މީރާއިން ތަހުގީގުކުރަން ފެށި މައްސަލައެއް ކަމަށެވެ.

އިރުފާނަކީ ރާއްޖޭގައި ޑޮކްޓަރީ ބޭސް ހޯލްސޭލް އަދި ރީޓެއިލްކޮށް ވިއްކާ ފަރާތެކެވެ. އަދި އެ ފަރާތުގެ ހޯލްސޭލް ވިޔަފާރިކަމަށްވާ "މައި ކެމިސްޓް ގޯޑައުން" އާ ގުޅޭ އާމްދަނީ އެއްވެސް ވަރަކަށް އެ ފަރާތުން 2018، 2019 އަދި 2020 ވަނަ އަހަރަށް ހުށަހަޅާފައިވާ ޓެކްސް ބަޔާންތަކުގައި ހިމަނައިފައިނުވާކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް މީރާއިން ބުނެ އެވެ.

މި ގޮތުން ޓެކްސް ދައްކާ ފަރާތުން އެވަރެޖްކޮށް އަހަރަކު 53 މިލިއަން ރުފިޔާގެ އާމްދަނީ މީރާއަށް ރިޕޯޓްކޮށްފައިނުވާއިރު، މި ތަހުގީގާ ގުޅިގެން މީރާއިން ކުރިއަށް ގެންދިޔަ އޮޑިޓުތަކުގައި ޖުމްލަ 12 މިލިއަނަށް ވުރެ ގިނަ ރުފިޔާ އިތުރަށް ދައްކަންޖެހޭ ޓެކުހުގެ ގޮތުގައި ކަނޑައަޅައި އެ ޓެކްސް މީރާއަށް ދައްކަން އެ ފަރާތަށް އަންގައިފައިވާ ކަމަށްވެސް އެ އިދާރާއިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ 64 ވަނަ މާއްދާގެ ދަށުން ދައްކަންޖެހޭ ޓެކްސް ދެއްކުމަށް، އެނގިހުރެ، ގަސްދުގައި އެއްކިބާވުމުގެ ނިޔަތުގައި އެއްވެސް ކަމެއް ކުރުމަކީ ކުށެކެވެ. އަދި އެ ފަދަ ކުށެއް ކުރުމަށް ޓެކްސް ދައްކަންޖެހޭ މީހަކަށް އެހީތެރިވެދިނުމުގެ ނިޔަތުގައި އެއްވެސް ކަމެއް ކުރުމަކީ ވެސް ކުށެކެވެ. މި ގޮތުން، ޓެކުހާ ގުޅުންހުރި ކުށްތައް ކުރަމުންދާ ފަރާތްތައް ދެނެގަނެ އެކަށީގެންވާ ފިޔަވަޅު އެޅުމަށް މީރާއިން ޖިނާއީ ތަހުގީގުތައް ކުރަމުން ގެންދެ އެވެ. އަދި ތަހުގީގުގަށް ބޭނުންވާ ހެކި ހޯދުމަށްޓަކައި މީރާއިން ޓެކްސް ދައްކާ ފަރާތްތަކުގެ ވިޔަފާރި ހަރަކާތްތަކާއި ވިޔަފާރިއާ ގުޅޭ ލިޔެކިޔުން ބަލަހައްޓާ ތަންތަން ބަލައި ފާސްކުރުމުގެ އިތުރުން މައުލޫމާތު ހޯދުމަށް މީހުން ހާޒިރުކޮށް ބަޔާން ނެގުމަކީ ވެސް ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުން މީރާއަށް ލިބިދީފައިވާ ބާރުތަކެކެވެ.

އެއްވެސް ފަރާތަކުން ޓެކުހާ ގުޅޭ ކުށެއް، އޮޅުވާލުމެއް ނުވަތަ މަކަރެއް ހަދަމުންދާކަމަށް ޝައްކު ކުރެވޭނަމަ އެ މައުލޫމާތު މީރާއާ ހިއްސާކުރެއްވުމަށް "މީރާ 918 – މައްސަލަ ހުށަހަޅާ ފޯމު" މީރާގެ ވެބްސައިޓްގައިވާ "ވިސްލް ބްލޯވިން" ފަންކްޝަން މެދުވެރިކޮށް ހުށަހެޅުމަށް މީރާއިން އިލްތިމާސްކުރެ އެވެ.