ވިހެއުމުން ބަނޑުލުމަކީ ގިނަ އަންހެނުންނަށް ކުރިމަތިއާ ކަމެކެވެ. މިއީ ހިންދާލަން އުނދަގޫ ބަނޑަކަށް ވާއިރު އެ ބަނޑު ހިންދަން ތަފާތު ގޮތްތައް ތަޖުރިބާކާރުން ކިޔައިދެ އެވެ. މިފަހަރު އެފަދަ އުކުޅަކަށް ބަލާލާނަމެވެ.

ކެއުމުގައި ހިމަނަންވީ ތަރުކާރީ އާއި މޭވާ، ޕްރޮޓީން ހިމެނޭ ކަނޑު މަސް، އެއްގަމު މަސް، އަދި ތަފާތު ވައްތަރުގެ އޮށް އޮށެވެ. މީގެ އިތުރުން ފެހިކަން ގަދަ ފަތާއި ލޯ ފެޓް ކިރަކީ ކެއުމުގައި ހިމަނަންވީ ބައިތަކެވެ.

މީގެ ތެރެއިން ވިޓަމިން ސީ އެކުލެވޭ ތަރުކާރީ އާއި މޭވާ ފަދަ އެއްޗެހި ކެއުމުން މައިމީހާގެ ބަނޑުގައި ކުއްޖާ އޮތް ފާރު ހިއްކުމަށް އެހީވެދެ އެވެ.

ވިހެއުމާ ގުޅިގެން ނިކުންނަ ބަނޑު ހިންދުމަށް އެހާ އަވަހަށް ކަސްރަތު ކުރުމަކީ އުނދަގޫ ކަމަށް ވެދާނެ އެވެ. އެކަމަކު އަމިއްލައަށް އުޅެވޭ ވަރުވުމުން ބަނޑު ހިންދުމަށް ކުރެވިދާނެ ރަނގަޅު ކަސްރަތުތައް ހުރެ އެވެ.

ހަރު ތަނެއްގައި މަޑުމަޑުން އޮށޯތުމަށް ފަހު ބާރަށް އެތެރެއަށް ނޭވާލައި، ބަނޑު ފިއްތާލައިގެން ދެތިން ސިކުންތު އޮންނާށެވެ. އޭރުން ބުރަކަށްޓަށް ފަސޭހަވެ ވިހެއުމާއި ގުޅިގެން މައިބަދައަށް އައިސްފައި ހުންނަ ބަދަލުތައް ރަނގަޅުވާނެ އެވެ.

ރީތިކޮށް ހަށިގަނޑު ދަމާލުމަށްފަހު ކަކޫ މައްޗަށް ނެގުމަށް ދެ ފައި ކައިރިކޮށްލާށެވެ. ދެން ކޮނޑާއި ބޯ އެކަނި ޖެއްސުމަށް ފަހު ބަނޑާއި އެކު ކަކުލާ ހިސާބަށް ހަށިގަނޑު ސީދާ ކޮށްލާށެވެ. އެއީ ވިހެއުމާއި ގުޅިގެން ބަނޑާއި ހަށިގަނޑުގެ އެކި ގުނަވަންތަކަށް ލިބިފައި ހުންނަ ގެއްލުންތަކަށް ފަރުވާ އަކަށެވެ.

ވިހެއުމަށް ފަހު މާ ގިނަ ދުވަސް ނުކޮށް ސިއްހީގޮތުން މައްސަލައެއް ނެތް ނަމަ ގިނައިން ހިނގަން އާދަ ކުރާށެވެ. އޭރުން ވިހެއުމުން ނުކުންނަ ބަނޑު ހިނދުން އަވަސް ވާނެ އެވެ.