ދިވެހި މުޖުތަމައުގެ ކޮންމެ ކަމެއްގައި ވެސް މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ރައީސްގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ދެއްވައިފި އެވެ.

އެކަމަނާ މި ޔަގީންކަން ދެއްވީ "މޯލްޑިވްސް ޓްރެވަލް ކޮންފަރެންސް - ވިމެންސް އެޑިޝަން 2024" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ހޮޓަލް ޖެންގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ވަނީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އަންހެނުންގެ އަދަދު ނިސްބަތުން މަދުކަމުގައި ފާހަގަކުރައްވައިފަ އެވެ. އަދި އެކަމަނާ ވިދާޅުވީ އެކަން އެހެން ދިމާވަނީ ބައެއް ރިސޯޓްތަކުގައި އަންހެނުންނަށް ފަހި މާހައުލެއް ނެތުމާއި، އެ ރޯލުތަކުގައި މަސައްކަތްކުރާ އަންހެނުންނާ ގުޅިފައިވާ އިޖުތިމާއީ ނިކަމެތިކަމާއި، މެނޭޖްމަންޓް މަގާމުތަކުގައި އަންހެނުންނަށް ހުރި ފުރުސަތުތައް ހަނިވާ ގޮތަށް ކަންކަން ދެމިއޮތުމާއި، ނިޒާމީ ގޮތުން ދިމާވާ މައްސަލަތަކުން ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ވަނީ އަންހެނުންނަށް މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ގޮންޖެހުންތައް ހިއްސީ ބަދަލެއް ގެނެއުމަށް ހަރުދަނާ ސިޔާސަތުތަކެއް ބިނާކުރުމަށް، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުންގެ އަޑު އަހައި، މަސައްކަތުގެ މާހައުލުގައި އެކަނބަލުންނަށް ހުރި ގޮންޖެހުންތައް ދެނެގަތުމުގެ މުހިއްމުކަން ފާހަގަކުރައްވައިފަ އެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ވަނީ ހަނދާނީ ލިޔުމެއް އަރުވާފަ އެވެ.