ޒުވާނުންގެ ގައުމީ ލަފާދޭ ކޮމިޓީއެއް ރައީސް މުހައްމަދު މުއިއްޒު ވަނީ މިމަހުގެ 12 ވަނަ ދުވަހު އެކުލަވާލައްވައިފަ އެވެ. ބޭނުމަކީ ސަރުކާރުގެ މެނިފެސްޓޯއާއި، މުހިންމު ސިޔާސަތުތައް ތަންފީޒުކުރުމުގައި، ޒުވާނުންގެ ހިޔާލާ މަޝްވަރާ ހޯދައި، މިފަދަ ކަންކަމުގައި ކުރިއަށްދާންވީ ގޮތްތަކާ ގުޅޭގޮތުން ރައީސްއަށް ލަފާ އެރުވުމާއި، ތަފާތު އެކި ދާއިރާތަކުގައި ޒުވާނުންގެ ކުރިއެރުމަށް ހުރި ހުރަސްތަކާއި ގޮންޖެހުންތައް ދެނެގަނެ، އެކަންކަމާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ގައުމީ ފެންވަރުގަ އާއި ސަރަހައްދީ ފެންވަރުގައި، ހައްލު ހޯދުމަށް، މަސައްކަތް ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ރައީސްއަށް ލަފާއެރުވުމެވެ. އެއީ ރައީސް އޮފީހުން އެކަން ސިފަކޮށް ބަޔާން ކުރި ގޮތެވެ.

ރައީސުލްޖުމްހޫރިއްޔާއަށާއި ސަރުކާރަށް އެކި ކަންކަމުގައި އެކި ފަރާތްތަކުން ލަފަޔާއި މަޝްވަރާ ލިބޭނޭ މަގުތައް ވީހާވެސް ބޮޑަކަށް އޮންނަން ޖެހެ އެވެ. ސަބަބަކީ ސަރުކާރަކީ ރައްޔިތުންނަށްޓަކައި ރައްޔިތުން ބޭނުންވާ ގޮތަކަށް ވެރިކަން ކުރުމަށް، ރައްޔިތުން މުސާރަ ދީފައި ތިބޭ ބަޔަކަށް ވާތީ އެވެ. ގިނަ ބައެއްގެ ލަފަޔާ މަޝްވަރާ ލިބުނު ވަރަކަށް ރައްޔިތުން ބޭނުންވާ ގޮތްތައް ސާފުވާން ފަސޭހަވާނެ އެވެ. ޚާއްސަކޮށް ޒުވާނުންގެ މަޝްވަރާ މުހިންމެވެ. ސަބަބަކީ އެއީ މާދަމާ ގައުމު ހިންގަން ތިބި މީހުން ކަމުގައިވާ އިރު މުސްތަގުބަލަށްޓަކައި ބިނާ ކުރާ ކަންކަން އެމީހުންގެ ލަފަޔާ އެކު ކުރުމުން އެކަންކަން އިތުރަށް ފުރިހަމަވެގެންދާނެތީ އެވެ.

ޒުވާނުންގެ ގައުމީ ލަފާދޭ ކޮމިޓީ

ރައީސުލް ޖުމުހޫރިއްޔާ ޒުވާނުންގެ ގައުމީ މަޖިލީހެއް އުފެއްދެވީ ތަފާތު ދާއިރާތަކަކަށް ބައްސަވާލައްވައިގެންނެވެ. އެކި ދާއިރާތައް ތަމްސީލު ކުރައްވާ 15 މެންބްރުން އެ ކޮމިޓީގައި ތިބުމުން އެކޮމިޓީ އަކީ ރާއްޖޭގެ ހުރިހާ ޒުވާނުން ތަމްސީލު ކުރޭނެ ބައެއް ކަމުގައި ގަބޫލުކުރަން ޖެހެ އެވެ. އެ ޒުވާނުން މެދުވެރިވެ ގިނަ އަދަދެއްގެ ޒުވާނުންގެ އިހުސާސްތަކާއި ޝުއޫރުތަކާއި ޚިޔާލުތައް ހިމެނޭ، ލަފާތައް ރައީސާ ހަމަޔަށް ގޮސް، ރައީސް ނިންމަވާ ނިންމެވުންތަކުގައި ޒުވާނުންގެ ހިއްސާއެއް އޮންނާނެ ގޮތް ވީ ކަމީ ނުހަނު ރަނގަޅު ކަމެއް ކަމުގައި ބަލަން ޖެހެ އެވެ.

ޒުވާނުންގެ ގައުމީ ލަފާދޭ ކޮމިޓީ އާ މެދު ސުވާލެއް އުފެދެނީ އެ ކޮމިޓީގެ މެންބަރުންނަށް އެވޯޑު ދެއްވުމަށް ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައި އެކޮމިޓީ ތަމްސީލު ކުރައްވައި ޒުވާނަކު ދެއްކި ވާހަކައާ ހިސާބުންނެވެ.

"ދިވެހި ޒުވާނުންގެ ގައުމީ ލަފާދޭ ކޮމިޓީ" އެކުލަވާލެއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް

އޭނާ ވަރަށް ޖޯޝާއެކު ބައިތު ކިޔާ ރާގުގައި ޖުމުލަތަކެއް އަމުނާލަ އެވެ. އެ ޖުމުލަތައް ނިންމާލަމުން ބުނަނީ "ބުނާނެއޭ މިއެ މޭނަކީ" މިފަދަ ގޮތަކަށެވެ. އެއާއެކު ރައީސް މުއިއްޒަށް އިޝާރާތް ކޮށްފައި ބާރުބާރަށް މިއޭ އަޅުގަނޑުމެންގެ މޭނަކީ ގޮވާލަ އެވެ. ދެން ހަމަ އެޖޯޝުގައި ޒުވާނުންގެ ކޮމިޓީއަށް އިޝާރަތްކޮށްފައި ސުވާލު ކުރެ އެވެ. "އަޅުގަނޑުމެން ރޫޅާލެވިދާނެތޯ؟" ޖަވާބުގައި ހުރިހާ ޒުވާނުން އެއް އަޑަކުން ނުރޫޅޭނެއޭ ގޮވާލަ އެވެ. ސުވާލަކީ މި މީހުން ރޫޅާލަން އުޅެނީ ކާކު ހެއްޔެވެ؟ ކޮން ބައެއް ހެއްޔެވެ؟ އެއަށް ވުރެ ވެސް އިތުރަށް އެ ސުވާލު ގެންދާކަމަށް ވަންޏާ އަހަން މި ޖެހެނީ ރޫޅާ ނުލެވޭނެ ކަމަށް މި ބުނަނީ، ކޮންބަޔަކާ ދެކޮޅަށް ރުކުރުވާލި ސަފެއްގެ ވާހަކަ ހެއްޔެވެ؟

"ދިވެހި ޒުވާނުންގެ ގައުމީ ލަފާދޭ ކޮމިޓީ" އިފްތިތިހާ ކުރުމަށް މިމަހުގެ 12 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތަށް ފަހު ރައީސް މުއިއްޒު އެކޮމިޓީގެ މެމްބަރުންނާ ބައްދަލުކުރައްވަނީ. ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ ރައީސްކީ ވަކި ޕާޓީއެއްގެ ބޭފުޅަކު ކަމުގައި ވިޔަސް އެމަނިކުފާނު، ރައީސްކަމުގެ މަގާމާ ހަވާލުވެވަޑައިގަންނަވާ ހިސާބުން ވެވަޑައިގަންނަވަނީ ރާއްޖޭގެ ރައީސަށެވެ. ޚިދުމަތް ކުރައްވަން ޖެހިވަޑައިގަންނަވަނީ ހުރިހާ ރައްޔިތުންނަށެވެ. ހަމަހަމަކޮށެވެ. ވަކި ޕާޓީއަކަށް، ވަކި ރަށަކަށް، ވަކި އަތޮޅަކަށް ބެލުމެއް ނެތި އެވެ. އެ ވާޖިބު ފުރިހަމަޔަށް އަދާކުރެއްވުމަށް ބޭނުންފުޅުވާ މަޝްވަރާ މަޖިލީހާ ކޮމިޓީތަކަކީ ވެސް ސިޔާސީ ވަކި ޖަމާއަތެއް ތަމްސީލުކުރާ ބަޔަކަށް ވެގެން ނުވާނެ އެވެ. އޭގެ ބަދަލުގައި އެބަޔަކު ވާން ޖެހޭނީ ހުރިހާ ބަޔަކާ ގުޅުން ހުރި، ސިޔާސީ ގޮތުން ވަކިފަރާތަކަށް ނުޖެހި ރައީސަށް މަޝްވަރާއާއި ލަފާ ދެވޭ ފަދަ ބަޔަކަށެވެ.

"ދިވެހި ޒުވާނުންގެ ގައުމީ ލަފާދޭ ކޮމިޓީ" އިފްތިތިހާ ކުރުމަށް މިމަހުގެ 12 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތަށް ފަހު ރައީސް މުއިއްޒު އެކޮމިޓީގެ މެމްބަރުންނާ ބައްދަލުކުރައްވަނީ. ފޮޓޯ: ރައީސް އޮފީސް

ސިޔާސީ ހަރަކާތްތައް ހިންގުމަށްޓަކައި ޕާޓިތައް ވަނީ އުފަން ކޮށްފަ އެވެ. ޕާޓީ ތަކުގެ ގުނަވަން ތަކުގެ ތެރޭގައި ހިމެނިގެން ސިޔާސީ ހަރަކާތްތައް ދާނީ ހިންގަމުންނެވެ. އެހަރަކާތްތައް ސަރުކާރުން ރައްޔިތުންނަށް ދޭން ޖެހޭ ޚިދުމަތުގެ ތެރެއަށް ވައްދައި ވަކި ފަރާތަކަށް ބުރަވުމަކީ ވެރިކަމުގެ ރައީސްގެ ވާޖިބާއި ޒިންމާޔާއި ފުށުއަރާ ކަމެކެވެ.

ގައުމުގެ ރައީސަކީ އެންމެންގެ ރައީސަށް ވާފަދައިން އެމަނިކުފާނު ވެރިކަން ހިންގެވުމުގައި ލަފާ ހޯއްދަވަން އެކުލަވަލައްވާ ކޮމިޓީ ވެސް ވާން ޖެހޭނީ މުޅިގައުމުގެ ހުރިހާ ޒުވާނުން ތަމްސީލު ކުރެވޭ ބަޔަކަށެވެ. ވަކި ކުލައެއް ޖެހި ވަކި ފިކުރެއް ޕްރޮމޯޓް ކޮށް، ވަކި ސިޔާސީ ޕާޓީއެއް ދިފާއުކުރުމަށް އެތުރި ތިބެ ތިމަންނާމެން ރޫޅާނުލެވޭނެއޭ ކިޔާ ވަކި ބަޔަކާ ދިމާ ކުރާފަދަ ބަޔަކަށް ވެގެން ނުވާނެ އެވެ.

"ދިވެހި ޒުވާނުންގެ ގައުމީ ލަފާދޭ ކޮމިޓީ" އެކުލަވާލެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ކޮމިޓީގެ މެމްބަރުން ބައިވެރިވަނީ. ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ ޒުވާނުންގެ ތެރެއިން އިސްކޮށް ފާހަގަވާ ޒުވާނުން ރައީސް އޮފީހަށް ގެންގޮސް ކޮމިޓީ ހަދައި ސިޔާސީ މަންފާ ހޯދުމަށް އެކުދިން ބޭނުންކުރުމަކީ ރައީސް ކުރެއްވި ކަމަށް ވިޔަސް ކުރައްވައިގެން ނުވާނެ ހުތުރު އަމަލެކެވެ.