ވ. އާރަށް ކުއްޔަށް ދިނުމުގައި ހިންގާފައިވާ ހިޔާނާތުގެ އަމަލުތަކާ ގުޅިގެން ކަމަށް ބުނެ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލި ދައުވާތައް ސާބިތުކުރުމަށް ހުށަހެޅި އާ ހެކިތައް ބަލައިނުގަތް މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި އެވެ.
އެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި ދައުވާތައް ސާބިތުކުރުމަށް ހުށަހެޅި އާ ހެކިތައް ބަލައިނުގަތުމަށް ހައިކޯޓުން ނިންމުމުން އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި އެވެ. އެކަމަކު، މައްސަލަ ބަލައިގަތްކަމަށް ކޯޓްގެ ވެބްސައިޓްގައި ވަނީ ހިމަނާފަ އެވެ. އެއީ އާރަށް ކުއްޔަށް ނެނގި ކުރީގެ މަޖިލިސް މެންބަރު ޔޫސުފް ނައީމު، ރައީސް ޔާމީނަށް ރިޝްވަތު ހުށަހެޅުމުން އެއީ ބޭރު ފައިސާ ގަނެވިއްކުމާ ގުޅޭ ގޮތުން ކުރެވިފައިވާ މުއާމަލާތެއް ކަމަށް ޔާމީންގެ ދިފާއީ ވަކީލުން ވިދާޅުވެފައިވާތީ އެ ދިފާއު ނަފީކުރުމަށް ދައުލަތުން ކްރިމިނަލް ކޯޓަށް ހުށަހެޅި ހެކި ތަކެކެވެ.
ދަށު ކޯޓުން އަލުން މައްސަލަ ބަލަން ހައިކޯޓުން ހުކުމްކުރި އިރު ދައުލަތުން ހުށަހެޅި އާ ހެކިތައް ބަލައިނުގަތުމަށް ވަނީ ނިންމާފަ އެވެ. ނަމަވެސް ދައުލަތުން ބުނެފައި ވަނީ އާ ހެކިތައް ބަލައިނުގަތުމަށް ހައިކޯޓުން ނިންމުމަކީ ސުޕްރީމް ކޯޓުގެ ބައެއް ނިންމުންތަކާ ފުށު އަރާ ކަމެއް ކަމަށެވެ.
މި މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފައި މިވަނީ ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ހުކުމް ބާތިލުކޮށް، އެ މައްސަލަ އަލުން ބަލަން ހައި ކޯޓުން އެންގި އެންގުމާ އެއްގޮތަށް، އެ މައްސަލައިގެ ޝަރީއަތް މާދަމާ ފަށަން ކްރިމިނަލް ކޯޓުން ޝެޑިއުލްކޮށްފައި ވަނިކޮށެވެ.