ބުޅާ މަސް އަޅައިގެން ތައްޔާރުކުރި ހެދިކާ ވިއްކިކަމަށް ބުނާ ފިހާރަތަކެއްގެ ލިސްޓްކަމަށް ބުނެ އިމިގްރޭޝަންގެ ނަމުގައި ދައުރުކުރަނީ ސައްހަ ޕޯސްޓެއް ނޫން ކަަމަށް ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވިދާޅުވެއްޖެ އެވެ.

ބުޅާ މަރާ އަދި އޭގެން ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި އިއްޔެ ހައްޔަރުކުރި ބަންގްލަދޭޝްގެ އަރަފާތު ހޮސެއިން ތައްޔާރުކުރި ކާއެެއްޗެހި ވިއްކި ފިހާރަތަށް ކަމަށް ބުނެ ލިސްޓެއް ހަދައިގެން މިއަދު ވަނީ ސޯޝަލް މީޑިއާގައި ދައުރުކޮށްފަ އެވެ.

މިކަމާ ގުޅިގެން ކޮންޓްރޯލަރު ޝަމްއާން ވިދާޅުވީ އާއްމު މަސްލަހަތާއި ގުަޅުން ހުރި ކަންކަމުގައި މައުލޫމާތުގެ ސައްހަކަން ކަށަވަރު ކުރުމަށްފަހު ހަބަރު ފެތުރުމަށާއި ސޯޝަލް މީޑިއާގެ ޕޯސްޓް ޝެއާކުރުމުގައި ވެސް މައުލޫމާތުގެ ސައްހަކަން ކަށަވަރު ކުރުމަށް އެދޭ ކަމަށެވެ. ބުޅާ މަރައި އަދި އެއިން ވިޔަފާރި ކުރާ ކަމުގެ ތުހުމަތު ކުރެވިފައިވާ މީހާގެ ތަހުގީގު ކަމާ ގުޅުންހުރި އިދާރާތަކުން ކުރިއަށް ގެންދާކަމަށް ވެސް ޝަމްއާން ވިދާޅުވި އެވެ.

މުޑުދާރު ތަނެއްގެ ތެރޭގައި ކާބޯތަކެތި ތައްޔާރުކޮށް ވިއްކަމުން ދިޔަ އަރަފާތު ބުޅާ މަސް ބޭނުންކުރާ ކަަމަށް ތުހުމަތުތައް ކުރެވުނު ނަމަވެސް އެކަން ކަމާގުޅުންހުރި އިދާރާތަކުން ކަށަވަރުކޮށްދީފައި ނުވެ އެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހުއްޓުވުމަށް އިމިގްރޭޝަނުން ހިންގާ އޮޕަރޭޝަންގައި މިހާތަނަށް ވަނީ ސާފުތާހިރުކަން ކުޑަ އެތައް ތަނެއް ރެއިޑްކޮށް އެކަން ކުރަމުންދިޔަ މީހުން ހުއްޓުވާފަ އެވެ.

އާންމު ސިއްހަތާއި ގުޅުންހުރި މިފަދަ ސީރިއަސް މައްސަލަތައް ފެންމަތިވަމުންދާއިރު، ކަމާގުޅުންހުރި އިދާރާތައް ކަމަށްވާ ހެލްތު ޕްރޮޓެކްޝަން އެޖެންސީ އަދި ފުޑް އެންޑް ޑްރަގް އޮތޯރިޓީ ތިބީ ގަދަ ނިދީގަ އެވެ.