އިސްލާމްދީނާއި ހިލާފް ނުވާ ގޮތަށް ހެދުން އަޅާނަމަ، އެމީހަކު އަޅާފައި ހުންނަ ހެދުމެއްގެ ސަބަބުން ވަޒީފާ ދިނުމުގައި އަދި ވަޒީފާ އަދާކުރުމުގައި އެއްވެސް ތަފާތެއް ކޮށްގެންނުވާނެކަމަށާއި އެގޮތަށް ހުރި ގަވައިދުތަކާއި އުސޫލުތައް ބަދަލުކުރުމަށްނ އަންގަވާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ ދ. ހުޅުދެލީ މެޖިސްޓްރޭޓް ކޯޓުގެ ވަޒީފާއަކަށް ކުރިމަތިލީ އަންހެނަކު މޫނު ބުރުގާ އަޅާތީ އޭނާއަށް ވަޒީފާ ނުދިނުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ނިންމާފައިވާ ދަނޑިވަޅެއްގަ އެވެ.

އެކްސްގައި ރައީސް މުއިއްޒު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިސްލާމްދީނާއި ޚިލާފު ނުވާ ގޮތަށް ހެދުން އަޅާނަމަ، އެމީހަކު އަޅާފައި ހުންނަ ހެދުމެއްގެ ސަބަބުން ވަޒީފާދިނުމުގައި އަދި ވަޒީފާ އަދާކުރުމުގައި އެއްވެސް ތަފާތެއް ކޮށްގެންނުވާނެކަމަށެވެ.

ރައީސް ވިދާޅުވީ އެ ތަފާތުކުރުން ގެނުވާގޮތަށް ހުރި ގަވާއިދުތަކާއި އުސޫލުތައް ބަދަލު ކުރުމަކީ ކުރަންޖެހޭ ކަމެއްކަމަށާއި، އެކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް މިހާރު އަންގާފައިވާކަމަށެވެ.

"އަޅުގަނޑުމެންގެ މި މުޖުތަމައު އަކީ ހުރިހާ މާނައެއްގައި އަދުލުވެރިކަމާއި އިންސާފުވެރިކަން އިސްކުރާ މުޖުތަމައަކަށް ހަދަން އެންމެން އަޒުމް ކަނޑައަޅަމާތޯ" ރައީސް ވިދާޅުވި އެވެ.

ވަޒީފާއަށް ޝަރުތު ހަމަނުވާ ކަމަށް ނިންމައި، ހުޅުދެލީ ކޯޓުން ފޮނުވި އީމެއިލްގައި ބުނެފައި ވަނީ، ވަޒީފާގައި އިންޓަވިއު އާއި ޕްރެކްޓިކަލް ކުރިއަށް ގެންދިޔައިރު އޭނާއަކީ މޫނު ބުރުގާ އަޅާ މީހެއްކަން ފާހަގަކުރެވިފައި ވާތީ، އޭނާ ޑިސްކޮލިފައިކޮށް، ވަޒީފާގެ ރެކްރޫޓްމަންޓް ޕްރޮސެސްގައި ވެސް ނުހިމަނަން ނިންމާފައިވާ ކަމަށެވެ.

މީގެ ކުރިން، ވެސް ވަޒީފާ ދިނުމުގައި، މޫނު ބުރުގާ އެޅި މީހުންނަށް ތަފާތުކުރުން ގެންގުޅެފައިވެ އެވެ. ބައެއް މީހުން ވަޒީފާ އިން ވަކިކޮށްފައިވެ އެވެ.