ތައިލޭންޑުން އެމްޕޮކްސްގެ އާ ވޭރިއަންޓް ފެނުނުކަން ރަސްމީކޮށް އިއުލާންކޮށްފި އެވެ.

ތައިލެންޑުން މި ބަލީގެ އާ ވޭރިއަންޓް ފެނުމާއެކު ވެގެންދިޔައީ އޭޝިއާ ސަރަހައްދުން މި ބަލި ފެނުނު ފުރަތަމަ ގައުމަށެވެ.

ތައިލެންޑްގެ ޑިޕާޓްމަންޓް އޮފް ޑިޒީޒް ކޮންޓްރޯލް އިން ބުނި ގޮތުގައި ބަލި ޖެހިފައި ވަނީ އެފްރިކާގެ ގައުމަކުން ބެންކޮކަށް ދިޔަ އުމުރުން 66 އަހަރުގެ ޔޫރަޕް ފިރިހެނަކަށެވެ.

އޭނާ ބެންކޮކަށް ގޮސްފައި ވަނީ 14 އޮގަސްޓްގައި ކަމަށާއި ޖެހިގެން އައި ދުވަހު އަލާމާތްތައް ފެންނަން ފެށުމުން ވަގުތުން ހޮސްޕިޓަލަށް ދިޔަކަމަށް އެ ޑިޕާޓްމަންޓުން ބުނެ އެވެ. އޭގެ ފަހުން އޭނާއަށް އެމްޕޮކްސް ޖެހިފައިވާކަން ކަށަވަރުވެފައިވާއިރު، އެމްޕޮކްސްގެ ކްލެޑް 1ބީ ނަމަކަށް ކިޔާ ސްޓްރެއިން ފެނިފައިވެ އެވެ.

ކޮންގޯގައި ފެތުރެން ފެށި މި ރޯގާގައި މިހާތަނަށް މަދުވެގެން 450 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އޭގެ ފަހުން ބުރުންޑީ، ކެންޔާ، ރުވާންޑާ އަދި ޔުގެންޑާ ފަދަ ކައިރި ގިނަ ގައުމުތަކަކަށް މި ބަލި ފެތުރިފައިވާއިރު، އެ ހުރިހާ ގައުމަކަށް ވެސް މީގެ ކުރިން އެމްޕޮކްސް އާ ވެރިއަންޓް ފެނިފައިނުވެ އެވެ.

މީގެ ހަފުތާއެއް ކުރިން ކްލެޑް 1ބީ ގެ ކޭސްއެއް ސްވިޑެން އިން ވަނީ ފެނިފަ އެވެ.

އާ ވޭރިއަންޓް ފެތުރުމާއި އެފްރިކާގެ ބައެއް ސަރަހައްދުތަކުގައި މި ބަލީގައި މަރުވާ މީހުންގެ ނިސްބަތް މަތިވުމުގެ ސަބަބުން ސައިންސްވެރިންގެ މެދުގައި ކަންބޮޑުވުން އުފެދި، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ މިއީ ބައިނަލްއަގުވާމީ ގޮތުން ކަންބޮޑުވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއްގެ ގޮތުގައި ކަނޑައަޅާފަ އެވެ.