ގައުމުގެ މާލީ ހާލަތު މިހާ ދަށްވެފައި އޮތް ދުވަސްވަރެއްގައި މޯލްޑިވިސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް މެނޭޖިން ޑިރެކްޓަރުންލުމަށް ނިންމި ނިންމުމާ މެދު ދެވަނަ ވިސްނުމަަކަށް ދިޔުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގޮވާލައްވައިފި އެވެ.

ޕީއެންއެފް އޮފީހުގައި މިރޭ ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ ގައުމުގެ އިގްތިސޯދީ ހާލަތު ދަށުގައި އޮތް ދުވަސްވަރެއްގައި ސަރުކާރުން އެކަމަށް ހާއްސަ ސަމާލުކަމެއް ނުދޭ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ މާލީ ކަންތައްތަކާ ގުޅޭ ތަފާސްހިސާބުތައް އާންމުކުރުމުގައި ވެސް ސަރުކާރުން އަމަލުކުރަމުން ދަނީ ޒިންމާދާރުކަން ކުޑަކޮށް ކަމަށެވެ. އަދި އެކަން އެގޮތަށް ކުރަނީ ގައުމު އޮތް ހާލަތު އޮޅުވާލުމަށް ކަމަށް ޔާމީން ތުހުމަތު ކުރެއްވި އެވެ.

ޔާމީން ވިދާޅުވީ، ރައްޔިތުންނަށް ހިތި ބޭސް ބޯންދޭން ސަރުކާރުން މަސައްކަތްކުރަމުންދާއިރު، އޭކުރިން ސަރުކާރު އިސްލާހުވާންޖެހޭ ކަމަށެވެ.

"ރައްޔިތުންނަށް ހިތި ބޭސް ބޯންދޭން ސަރުކާރުން މަސައްކަތްކުރަމުންދާއިރު، އޭގެ ކުރިން ސަރުކާރުގެ ފިސިކަލް ޑިސިޕިލިން އެކްސަރސައިޒް ކުރަން ޖެހޭ. ސަރުކާރުން ކުރަން ޖެހޭ ކަންތައްތަކެއް ނުކޮށް ރައްޔިތުން ހިތިބޭސް ބޯންޖެހޭ ވާހަކަ ދެއްކުމަކީ ޒިންމާދާރު ވާހަކަ އެއް ނޫން. ރައްޔިތުންނަށް މިހާ ބޮޑެތި ސޯޝަލް ކޮންޓްރެކްޓުތަކެއް ވެގެން އައިސް މިގޮތަށް ކެހިދިނީމަ އެއީ ބޮޑު މައްސަަލައެކޭ،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ގައުމުގެ ހާލަތު އޮތްގޮތުން 50،000 ރުފިޔާގެ ބޮޑު މުސާރައެއްގައި އެމްއެމްއޭއަށް މެނޭޖިން ޑިރެކްޓަރުން ލުމަކީ އެއްވެސް ހާލެއްގައި ކުރުން ރަނގަޅު ކަމެއް ނޫން ކަމަށެވެ.

"އެމްއެމްއޭއަކީ ތިވަރުގެ ސޮފިސްޓިކޭޓެޑް ބިއުރޮކްރެސީ އެއް އޮންނަން ޖެހޭ ތަނެއް ނޫން. ދެން ފަސް މެނޭޖިން ޑިރެކްޓަރުން ނަގާފައި މިހާ ބޮޑެތި މަސައްކަތްތަކެއް ކުރީމަ ދެން އަޅުގަނޑު ކައިރިގައި ވެސް ފިނޭންސް މިނިސްޓަރަކަށް ހުންނެވި ބޭފުޅެއް ގަވަރުނަރަކަށް ހުރުމުން އަޅުގަނޑު ހަމަ އޭނައަށް ދަންނަވާލާނަން އަލުން ރީ-ކޮންސިޑާރ ކުރައްވާށޭ. ތީ ކޮންއުޅޭ ޒާތު ކަންތަކެއް ނޫން ތިކުރަނީ އަކީ. ދިވެހި ދައުލަތް މިއޮތީ ތިހާ ތަނަވަސް ހިސާބަކު ނޫން،" ޔާމީން ވިދާޅުވި އެވެ.

މީގެއިތުރުން ޔާމީން ވަނީ އިޒްރޭލުގެ ޕާސްޕޯޓްގައި ރާއްޖެ އެތެރެނުވެވޭގޮތް ހަދާނެކަން ސަރުކާރުން ރަސްމީކޮށް އިއުލާންކުރުމަށްފަހު މަޖިލީހުގެ ކޮމިޓީގައި އެ މައްސަލަ ޕާކްކޮށްފައިވާތީ އެކަމަށް ފާޑުވިދާޅުވެފަ އެވެ.

ޔާމީން ވިދާޅުވީ އިޒްރޭލުން ފަލަސްތީނަށް ދެމުން އަންނަ ލާއިންސާނީ ހަމަލާތަކާ ގުޅިގެން ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރުމުގެ ހެޔޮނިޔަތް އޮތްނަމަ ސަރުކާރުން އެކަން އަމަލުން ދައްކަންޖެހޭ ކަމަށެވެ.

"ސަހްޔޫނީންނާ ވާހަކަ ދައްކައިގެން ޣައްޒާގެ ހަނގުރާމަ ހުއްޓާލަން މި ސަރުކާރުން ވާހަ ދައްކަންވީ ނޫންތޯ. ޣައްޒާގެ މައްސަލައިގައި ހެޔޮ ނިޔަތް ސަރުކާރުގައި އޮތް ނަމަ އަމަލުން އެކަން ދައްކަވާ،" ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އިޒްރޭލުގެ ޕާސްޕޯޓު މަނާކުރަން އިސްނެގީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށް ދެއްކުމަށް ކުރާ މަސައްކަތަކީ އޮޅުވާލުމެއް ކަމަށެވެ. އަދި އެ ގައުމުގެ ޕާސްޕޯޓް މަނާނުކުރެވިގެން އުޅެނީ ކީއްވެތޯ އެމަނިކުފާނު ސުވާލު އުފެއްދެވި އެވެ.