ސަލާމްލެއްވި މޫސާގެފާނަކީ އިމާންކަމުގެ ގޮތުންނާއި ޢަޒުމާއި ހިތްވަރުގެ ގޮތުންނާއި ޢިލްމާއި ޙިލްމުވެރިކަމުގެ ގޮތުން ވެސް އެންމެ މަތިވެރި ރަސޫލުބޭކަލުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ބޭކަލެކެވެ.

އެ ބޭކަލުންނާ މެދު މާތް الله ވަޙީކުރައްވައިފައިވެއެވެ.

فَاصْبِرْ كَمَا صَبَرَ أُولُو الْعَزْمِ مِنَ الرُّسُلِ وَلَا تَسْتَعْجِل لَّهُمْ ۚ كَأَنَّهُمْ يَوْمَ يَرَوْنَ مَا يُوعَدُونَ لَمْ يَلْبَثُوا إِلَّا سَاعَةً مِّن نَّهَارٍ ۚ بَلَاغٌ ۚ فَهَلْ يُهْلَكُ إِلَّا الْقَوْمُ الْفَاسِقُونَ ‎﴿٣٥﴾‏ [الأحقاف : 35]

މާނައީ: "ފަހެ، ރަސޫލުންގެ ތެރެއިން ގަދަހިތްވަރުފުޅުގެ ވެރި ރަސޫލުން (އެބަހީ: أولوالعزم ގެ ބޭކަލުން) ކެތްކުރެއްވި ފަދައިން ކަލޭގެފާނު ވެސް ކެތްތެރިވެވަޑައިގަންނަވާށެވެ! އަދި އެއުރެންނަށް (ޢަޒާބު) އަވަސްވުމަށް ކަލޭގެފާނު އެދިވަޑައިނުގަންނަވާށެވެ! އެއުރެންނަށް ވަޢުދުކުރައްވާ ކަންތައް (އެބަހީ، ޢަޒާބު) އެއުރެން ދެކޭ ދުވަހު، ދުވާލަކުން އެންމެގަޑިއެއްގެއިރު ވެސް، ދުނިޔޭގައި ލަސްވެ ތިބިބަޔަކު ކަމުގައި އެއުރެން ނުވާ ފަދައެވެ. (މިއީ) ސާފުގޮތުގައި އިއްވަވާ އިއްވެވުމެކެވެ. ފަހެ، ފާސިޤުވިމީހުން މެނުވީ ހަލާކުވެގެން ނުދާނެތެވެ. (35)"

އިމާމު އަލްބަޣަވީ ރަޙިމަހު الله (510ހ) އެކަލޭގެފާނުގެ މަޝްހޫރު ތަފްސީރު ފޮތް ތަފްސީރުލްބަޣަވީގައި أولو العزم (ގަދަހިތްވަރުފުޅުގެ ވެރި) ބޭކަލުންގެ މުރާދާ ބެހޭ ގޮތުން ޢިލްމުވެރީންގެ މެދުގައި ހިނގާ ބައެއް ރައުޔުތައް ބަޔާންކުރައްވައިފައިވެއެވެ. އޭގެ ޚުލާޞާ ތިރީގައި މި ބަޔާންކޮށްލަނީއެވެ.

އެގޮތުން، ބައެއް ތަފްސީރު ޢިލްމުވެރީން ބަޔާންކުރައްވާ ގޮތުން، أولو العزم (ގަދަހިތްވަރުފުޅުގެ ވެރި) ރަސޫލުބޭކަލުންގެ ތެރޭގައި ހުރިހާ ރަސޫލުބޭކަލުން ހިމެނިވަޑައިގަނެއެވެ. އެހެނީ، ހިތްވަރުފުޅު ގަދަ، ޢަޒުމްފުޅު ވަރުގަދަ، ބުއްދިފުޅާއި ވިސްނުންފުޅު ތޫނު ބޭކަލަކު ނޫނީ ރަސޫލުކަމާއިގެން މާތް الله ނުފޮނުއްވައެވެ. މި ރައުޔަށް ބުރަވެވަޑައިގަންނަވާ ތަފްސީރު ޢިލްމުވެރީންގެ ތެރޭގައި ޢަބްދުއްރަޙްމާނު ބުނު ޒައިދު ބުނު އަސްލަމް (182ހ) ރަޙިމަހު الله ހިމެނިވަޑައިގަނެއެވެ.

ބައެއް ތަފްސީރު ޢިލްމުވެރީން ވިދާޅުވާ ގޮތުން، أولو العزم (ގަދަހިތްވަރުފުޅުގެ ވެރި) ރަސޫލުބޭކަލުންގެ ތެރޭގައި ޔޫނުސްގެފާނު ފިޔަވައި ހުރިހާ ރަސޫލުބޭކަލުން ހިމެނިވަޑައިގަނެއެވެ. އެހެނީ، އެއްފަހަރަކު ޔޫނުސްގެފާނު އެކަލޭގެފާނުގެ ޤައުމުގެ މީސްތަކުންގެ ނޭއްގާނީކަމާ ހުރެ މާތް اللهގެ އަމުރުފުޅު ނާންނަނީސް އަވަސްއަރައިވަޑައިގެން އެބައިމީހުން ދޫކުރައްވައި އެ ރަށުން ނުކުމެވަޑައިގަތެވެ. އެ ކަލޭގެފާނަށް އެ ކަމުގައި ތަބާވެވަޑައިނުގަތުމަށް މާތް ނަބިއްޔާ ޞައްލަ الله ޢަލައިހި ވަސައްލަމައަށް މާތް الله ވަނީ އިރުޝާދުދެއްވައިފައެވެ. މާތް الله ވަޙީކުރައްވައިފައިވެއެވެ. فَاصْبِرْ لِحُكْمِ رَبِّكَ وَلَا تَكُن كَصَاحِبِ الْحُوتِ [ القلم : 48 ] މާނައީ: "ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙުކުމްފުޅަށް ކަލޭގެފާނު ކެތްކުރައްވާށެވެ! އަދި ބޮޑުމަހުގެ އެކުވެރިޔާ (އެބަހީ: ޔޫނުސްގެފާނު) ފަދައިން ކަލޭގެފާނު ވެވަޑައިނުގަންނަވާށެވެ!"

ތިންވަނަ ރައުޔަކަށް ތަބާވެވަޑައިގަންނަވާ ޢިލްމުވެރީން ވިދާޅުވަނީ، أولو العزم (ގަދަހިތްވަރުފުޅުގެ ވެރި) ބޭކަލުންނަކީ އަންޢާމް ސޫރަތުގައި ޒިކުރުކުރެއްވިފައިވާ އަށާރަ ބޭކަލުންގެ ވާހަކައެވެ. މި ރައުޔަށް ތަބާވެވަޑައިގަންނަވާ ޢިލްމުވެރީންގެ ރައުޔަށް ބާރުލިބޭ ނުކުތާއަކީ، އެ ބޭކަލުން ދެކެވަޑައިގަންނަވާ ގޮތުން، އެ އަށާރަ ބޭކަލުންގެ ނަންފުޅުތައް ޒިކުރުކުރެއްވުމަށް ފަހު، އެ ސޫރަތުގެ 90 ވަނަ އާޔަތުގައި ވަޙީކުރައްވައިފައިވާ ބަސްފުޅެވެ. އޭގައި ވަނީ އަންނަނިވި ފަދައިންނެވެ. أُولَٰئِكَ الَّذِينَ هَدَى اللَّهُ ۖ فَبِهُدَاهُمُ اقْتَدِهْ. " އެބޭކަލުންނީ، اللَّه، ތެދުމަގު ދެއްކެވި ބޭކަލުންނެވެ. ފަހެ، އެބޭކަލުންގެ ތެދުމަގާ ކަލޭގެފާނު ތަބާވެވަޑައިގަންނަވާށެވެ!". އަންޢާމް ސޫރަތުގައި ޒިކުރުކުރެވިފައިވާ ބޭކަލުންނަކީ، އިބްރާހީމްގެފާނާއި، އިސްޙާޤުގެފާނާއި، ޔަޢުޤޫބުގެފާނާއި، ނޫޙުގެފާނާއި، ދާވޫދުގެފާނާއި، ސުލައިމާނުގެފާނާއި، އައްޔޫބުގެފާނާއި، ޔޫސުފުގެފާނާއި، މޫސާގެފާނާއި، ހާރޫނުގެފާނާއި، ޒަކަރިއްޔާގެފާނާއި، ޔަޙްޔާގެފާނާއި، ޢީސާގެފާނާއި، އިލްޔާސްގެފާނާއި، އިސްމާޢީލްގެފާނާއި، އަލްޔަސަޢުގެފާނާއި، ޔޫނުސްގެފާނާއި، ލޫޠުގެފާނެވެ.

ތަފްސީރު ޢިލްމުވެރިޔާ އިމާމު އަލްކަލްބީ رحمه الله (55- 146ހ) ވިދާޅުވާ ގޮތުން، "އުލުލްޢަޒްމު"ގެ ބޭކަލުންނަކީ، އެ ބޭކަލުންގެ ޢަދުއްވުންނާ ދެކޮޅަށް، އެބަހީ މުޝްރިކުންނާ ދެކޮޅަށް ޖިހާދުކުރާން އަމުރުކުރެއްވުނު ބޭކަލުންނެވެ.

އަދިވެސް އިތުރު ރައުޔެއް ބުނާ ގޮތުން، "އުލުލްޢަޒްމު"ގެ ބޭކަލުންނަކީ ހަ ބޭކަލެކެވެ. އެއީ، ނޫޙުގެފާނާއި، ހޫދުގެފާނާއި، ޞާލިޙުގެފާނާއި، ލޫޠުގެފާނާއި، ޝުޢައިބުގެފާނާއި، މޫސާގެފާނެވެ. މި ރައުޔަށް ބުރަވެވަޑައިގަންނަވާ ޢިލްމުވެރީން އެ ގޮތަށް ދެކެވަޑައިގަންނަވަނީ، މި ދެންނެވި ހަ ބޭކަލުންގެ ވާހަކަ ޖެހިޖެހިގެން އަޢްރާފު ސޫރަތާއި ޝުޢަރާއު ސޫރަތުގައި ބަޔާންވެފައިވާތީއެވެ.

އިމާމު މުޤާތިލު ބުނު ސުލައިމާން ރަޙިމަހު الله (150ހ) ވިދާޅުވާ ގޮތުން އެއީ، ހަ ބޭކަލެކެވެ. އެ ހަ ބޭކަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ، ފުރަތަމަ ނޫޙުގެފާނެވެ. އެހެނީ، އެކަލޭގެފާނުގެ ޤައުމުގެ މީސްތަކުންގެ ދުއްތުރާތަކަށް 950 އަހަރު ވާންދެން ކެތްތެރިވެވަޑައިގެންނެވިއެވެ. ދެން އިބްރާހީމްގެފާނެވެ. އެކަލޭގެފާނުގެ ޤައުމުގެ މީސްތަކުންގެ ކިބައިން ވެސް އެތަކެއް ދެކޮޅުވެރިކަމަކާ ކުރިމަތިލާން ޖެހިވަޑައިގެންނެވިއެވެ. އަދި އެކަލޭގެފާނު އަލިފާނަށް ވެސް އެއްލައިލެވުނެވެ. މި ހުރިހާ ކަމަކަށް ވެސް އެކަލޭގެފާނު މަތިވެރި ކެތްތެރިކަމަކުން ކެތްތެރިވެވަޑައިގެންނެވިއެވެ. އިބްރާހީމްގެފާނަށް ފަހު ދެން އިސްޙާޤުގެފާނެވެ. މަޝްހޫރު އަދި މަޤްބޫލު ބައެއް ރިވާޔަތްތަކާ ޚިލާފަށް ބައެއް ރިވާޔަތްތަކުގައި ވަނީ ޤުރްބާން ކުރައްވަން އިބްރާހީމްގެފާނަށް މާތް الله އަމުރުކުރެއްވީ އިސްޙާޤުގެފާނެވެ. އެހެންކަމުން، އެ ކަމަށް އެކަލޭގެފާނު ރިވެތި ކެތްތެރިވެވަޑައިގަތުމަކުން ކެތްތެރިވެވަޑައިގެން ވަރަށް ރިވެތި ނަމޫނާއެއް ދެއްކެވިކަމަށެވެ. ދެން އެއަށް ފަހު، ޔަޢުޤޫބުގެފާނެވެ. އެކަލޭގެފާނުގެ ލޮބުވެތި ދަރިކަލުން ޔޫސުފްގެފާނު އެކަލޭގެފާނުގެ ލޯފުޅުމަތީން ގެއްލިދިޔުމުން އެކަލޭގެފާނުގެ މޭފުޅު ފަޅައިގެންދާވަރު ވިއެވެ. އެކަލޭގެފާނަށް ވަރަށް ބޮޑު ހިތާމަވެރިކަމަކަށް އެކަން ވެގެން ދިޔައެވެ. އަދި އެކަލޭގެފާނު ލޯފުޅު ކަނުވެ ދިޔައެވެ. އެހެން ނަމަވެސް، އެ ހުރިހާ ކަމަކަށް ވެސް އެކަލޭގެފާނު ކެތްތެރިވެވަޑައިގެންނެވީ މާތް اللهގެ ރުއްސެވުމާއި ފުއްސެވުން އެކަލޭގެފާނަށް މިންވަރުވާ ފަދައަކުންނެވެ. ދެން ޔަޢުޤޫބުގެފާނަށް ފަހު، އެކަލޭގެފާނުގެ ލޮބުވެތި ދަރިކަލުން ޔޫސުފްގެފާނެވެ. އެކަލޭގެފާނު ފުންވަޅަކަށް އެއްލައިލެވުނު ހިނދާއި، އެކަލޭގެފާނަށް ކުރިމަތިވެވަޑައިގެންނެވި އިމްތިޙާނާއި ފިތުނަވެރިކަމާއި، އެތަކެއް އަހަރު ވާންދެން އެއްވެސް ޙައްޤަކާ ނުލައި ޖަލުގައި ބަންދުކުރެވުނު ހިނދު ވެސް އެންމެ ފުރިހަމަ ކެތްތެރިވުމަކުން ކެތްތެރިވެވަޑައިގަތެވެ. ދެން އައްޔޫބުގެފާނެވެ. އެކަލޭގެފާނަށް ދިމާވެވަޑައިގެންނެވީ އެތައް އަހަރަކަށް ދިގުދެމިގެންދިޔަ ވަރުގަދަ ބަލިމަޑުކަމެކެވެ. އެހެންނަމަވެސް، އެކަލޭގެފާނު ވެސް ދެއްކެވީ ކެތްތެރިކަމުގެ އިންތިހާއީ ރިވެތި ނަމޫނާއެކެވެ. އެހެންކަމުން، މިއީ އެ ހަ ބޭކަލުންނެވެ.

މި އުންމަތުގެ ތަރުޖަމާނުލް ޤުރްއާން މަތިވެރި ޞަޙާބީ ޢަބްދު الله ބުނު ޢައްބާސްގެފާނު رضي الله عنه ވިދާޅުވަނީ، އެއީ ފަސް ބޭކަލުން ކަމުގައެވެ. އެ ފަސް ބޭކަލުންނަކީ، އަޅުގަނޑުމެންގެ ނަބިއްޔާ ޞައްލަ الله ޢަލައިހި ވަސައްލަމް ހިމެނިވަޑައިގަންނަވާހެން، ނޫޙުގެފާނާއި، އިބްރާހީމްގެފާނާއި، މޫސާގެފާނާއި، ޢީސާގެފާނެވެ. އެންމެ ވަރުގަދަ ޝަރީޢަތްތައް ދެއްވި ފަސް ބޭކަލުންނެވެ. މި ރައުޔަށް ބާރުދޭ ދަލީލަކީ، އަޙްޒާބު ސޫރަތުގެ ހަތްވަނަ އާޔަތެވެ. އެ އާޔަތުގައި ނަބީބޭކަލުން ފަރާތްޕުޅުން ޢަހުދު ކަށަވަރު ހިއްޕެވި ވާހަކަ ވަޙީކުރައްވައި، މި ފަސް ބޭކަލުންގެ ނަން ވަކީން ފާހަގަކުރައްވައިފައިވެއެވެ.

މާތް الله ވަޙީކުރައްވައިފައިވެއެވެ.

وَإِذْ أَخَذْنَا مِنَ النَّبِيِّينَ مِيثَاقَهُمْ وَمِنكَ وَمِن نُّوحٍ وَإِبْرَاهِيمَ وَمُوسَىٰ وَعِيسَى ابْنِ مَرْيَمَ ۖ وَأَخَذْنَا مِنْهُم مِّيثَاقًا غَلِيظًا ‎﴿٧﴾‏ [الأحزاب : 7 ]

މާނައީ: "ނަބީބޭކަލުންގެ ކިބައިންނާއި، ކަލޭގެފާނާއި ނޫޙުގެފާނާއި، އިބްރާހީމްގެފާނާއި، މޫސާގެފާނާއި، މަރްޔަމްގެފާނުގެ ދަރިކަލުން ޢީސާގެފާނުގެ ކިބައިން ތިމަންރަސްކަލާނގެ ކަށަވަރުވެގެންވާ ޢަހުދު ހިއްޕެވިހިނދު ހަނދުމަކުރާށެވެ! އަދި އެ ބޭކަލުންގެ ކިބައިން ގަދަވެ ކަށަވަރުވެގެންވާ ޢަހުދު، ތިމަންރަސްކަލާނގެ ހިއްޕެވީމެވެ."

އަދިވެސް މާތް الله ވަޙީކުރައްވައިފައިވެއެވެ.

۞ شَرَعَ لَكُم مِّنَ الدِّينِ مَا وَصَّىٰ بِهِ نُوحًا وَالَّذِي أَوْحَيْنَا إِلَيْكَ وَمَا وَصَّيْنَا بِهِ إِبْرَاهِيمَ وَمُوسَىٰ وَعِيسَىٰ ۖ أَنْ أَقِيمُوا الدِّينَ وَلَا تَتَفَرَّقُوا فِيهِ ۚ كَبُرَ عَلَى الْمُشْرِكِينَ مَا تَدْعُوهُمْ إِلَيْهِ ۚ اللَّهُ يَجْتَبِي إِلَيْهِ مَن يَشَاءُ وَيَهْدِي إِلَيْهِ مَن يُنِيبُ ‎﴿١٣﴾ [ الشورى : 13 ]

މާނައީ: "ތިޔަބައިމީހުންނަށް ޓަކައި، އެކަލާނގެ ޝަރުޢުކުރެއްވި ދީނަކީ، އެކަލާނގެ ނޫޙުގެފާނަށް ވަޞިއްޔަތްކުރެއްވި ދީނެވެ. އަދި ތިމަންރަސްކަލާނގެ ކަލޭގެފާނަށް ވަޙީކުރެއްވި ދީނެވެ. އަދި އިބްރާހީމްގެފާނަށާއި، މޫސާގެފާނަށާއި، ޢީސާގެފާނަށް ވަޞިއްޔަތްކުރެއްވި ދީނެވެ. (އެ ވަޞިއްޔަތަކީ) ތިޔަބައިމީހުން ދީން ޤާއިމުކުރާށެވެ! އަދި އޭގައި ތިޔަބައިމީހުން ބައިބައިނުވާހުށިކަމެވެ! ތިޔަބައިމީހުން އެ ކަމަކަށް ތިޔަ ގޮވައިލާ ކަންތައް، މުޝްރިކުންގެ މައްޗަށް ބޮޑުކަމަކަށް ވިއެވެ. اللَّه، އެކަލާނގެ އިރާދަކުރައްވާ އަޅަކު ޚިޔާރުކުރައްވަތެވެ. އަދި އެކަލާނގެއަށް ތައުބާވެ، ރުޖޫޢަވާ މީހާއަށް ތެދުމަގު ދައްކަވަތެވެ. (13)"

އިސްވެދިޔަ އާޔަތުން އެނގެނީ، އެންމެ ފުރިހަމަ ޝަރީޢަތްތަކެއް ބާވައިލެއްވުނީ އިސްވެ ދެންނެވުނު ފަސް ރަސޫލުބޭކަލުންނަށް ކަމެވެ. أولو العزم (ގަދަހިތްވަރުފުޅުގެ ވެރި) ބޭކަލުންނަކީ މިއީކަމަށް ވިދާޅުވާ ރައުޔަކީ އެންމެ މަޝްހޫރު ރައުޔެވެ.

3- ހުނަރުވެރިކަން:

މޫސާގެފާނުންގެ ކިބައިން އަޅުގަނޑުމެން ދަސްކުރާން ޖެހޭ ތިންވަނަ ސިފައަކީ، ހުނަރުވެރިކަމުގެ ސިފައެވެ. އެ ކުރާ ކަމެއް ފުރިހަމައަށް ކުރުމުގެ ސިފައެވެ. ކަންކަމުގެ ހުނަރާއި ތަޖުރިބާއާއި ޢިލްމު ހޯދުމުގެ ސިފައެވެ.

އެކަލޭގެފާނު ގެރިބަކަރި ހުއިހެއްޕެވުމުގެ މަސައްކަތްޕުޅުން މީސްތަކުން ލީޑުކުރައްވާނެ ގޮތް ދަސްފުޅުކުރެއްވިއެވެ. ޤާއިދެއްގެ ހުންނާނެ ހުނަރުތައް އެ ކަންކަމުން ދަސްފުޅުކުރެއްވިއެވެ. ފިރްޢައުނުގެ ގަނޑުވަރުގައި އެކަލޭގެފާނު ބޮޑުފުޅުވަމުން ވަޑައިގެންނެވި ހިނދު، އީދާރީގޮތުން ވަރަށް ގިނަ ރަނގަޅު ކަންކަން ދަސްފުޅުކުރެއްވިއެވެ.

އަޅުގަނޑުމެންގެ ޒުވާން ޖީލަށް ވެސް ބޭނުންވަނީ ހުނަރުވެރި ރަނގަޅު ކަންކަން މުސްލިމު ޒުވާނުން ދަސްކުރުމެވެ. ޚާއްޞަކޮށް، އުންމަތަށް ފައިދާހުރި ކަންކަމުގައެވެ. އުންމަތް ކުރިއަރައިދާނޭ ކަންކަމުގައެވެ. ބޭކާރު ކަންކަމުގައެއް ނޫނެވެ. ބޭކާރު ކުޅިވަރުތަކުގައެއް ނޫނެވެ. ޢިލްމާއި، ސައިންސާއި، ޓެކްނޮލޮޖީއާއި އެހެނިހެން ބޭނުންތެރި އެތައް ހުނަރެއް އަދި އެތައް ޢިލްމެއް އަޅުގަނޑުމެންގެ ޒުވާނުން ދަސްކުރާން ޖެހެއެވެ. އުންމަތް ނަގައި ކޮޅަށްޖެހޭނީ އުންމަތުގެ މައިބަދައިގައި ވަރުހުރެގެންނެވެ. އެ މައިބަދައަކީ އުންމަތުގެ ޒުވާނުންނެވެ. ޒުވާނުންނަކީ ބޭކާރު އަދި ބަލިކަށި ބަޔަކަށް ވެއްޖެއްޔާ، އުންމަތް އޮންނާނީ ބަލިކަށި ޢަޖޫޒެއްގެ (ގައިބާރު ދެރަވެފައިވާ މުސްކުޅިއެއްގެ) ގޮތުގައެވެ.

4- އިޙްސާންތެރިކަން:

ހަތަރުވަނަ ސިފައަކަށް އަޅުގަނޑުމެން މޫސާގެފާނުގެ އަރިހުން ދަސްކުރާން ޖެހެނީ، އިޙްސާންތެރިކަމުގެ ސިފައެވެ. އެކަލޭގެފާނު މިޞްރުގައި އުޅުއްވި ދުވަސްވަރު އުޅުއްވީ ނިކަމެތިންނާއި ނިކަމެތިކުރެވިފައިވާ އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް އިޙްސާންތެރިވުމުގައެވެ. އެބައިމީހުންނަށް އެކަލޭގެފާނަށް ފޯރުކޮށްދެވުނު އެހީތެރިކަމެއް ފޯރުކޮށްދެއްވުމުގައެވެ. އެއަށްފަހު، މަދްޔަނަށް ވަޑައިގެން ވެސް އެކަލޭގެފާނު އުޅުއްވީ މީސްތަކުންގެ ޚިދުމަތުގައެވެ. މީސްތަކުންނަށް އެހީތެރިކަން ފޯރުކޮށްދެއްވައި އިޙްސާންތެރިވެ ވަޑައިގެންނެވުމުގައެވެ.

މިއަދު އަޅުގަނޑުމެންނަކީ ވެސް އެފަދައިން ނިކަމެތިންނާ މެދު އިޙްސާންތެރިވާ ބަޔަކު ކަމުގައި ވާން އެބަ ޖެހެއެވެ. މުސްލިމުންގެ މުހިންމު ޤަޟާޔާތަކުގައި އެބައިމީހުންނާ އެކުގައިވާން އެބަ ޖެހެއެވެ. އެބައިމީހުންނަށް ފޯރުކޮށްދެއްވުނު އެހީއެއް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދޭން އެބަ ޖެހެއެވެ. ޚާއްޞަކޮށް ޞަހްޔޫނީ ޔަހޫދީންގެ އަނިޔާވެރިކަމުގައި އަނިޔާ ލިބިމުންދާ އަޅުގަނޑުމެންގެ ފަލަސްޠީނުގެ އަޚުންނާއި އުޚްތުންނާ މެދު އަޅައިލައި އޯގާތެރިވާން އެބަ ޖެހެއެވެ. މުސްލިމު ޤައުމުތަކުގެ ވެރީންނަށް އެބައިމީހުންނަށް ދެއްވުނު އެންމެ ބޮޑު އެހީއެއް ފަލަސްޠީނު ޤަޟިއްޔާގައި ދެއްވުމަށް ގޮވައިލާން ޖެހެއެވެ.

އިޙްސާންތެރީން ދެކެ މާތް الله ލޯބިވެވޮޑިގަންނަވައެވެ. އިޙްސާންތެރިކަމުގެ ސިފަ ޖެހިއްޖެ މީހަކީ ވަރަށް ބޮޑު ނަސީބުވެރިއެކެވެ. މާތް اللهގެ ރުއްސެވުމާއި ފުއްސެވުން އެންމެ ކައިރިވެގެންވަނީ އިޙްސާންތެރީންނާއެވެ.

މާތް الله، އަޢްރާފު ސޫރަތުގައި ވަޙީކުރައްވައިފައިވެއެވެ.

إِنَّ رَحْمَتَ اللَّهِ قَرِيبٌ مِّنَ الْمُحْسِنِينَ ‎﴿٥٦﴾ [الأعراف : 56 ]

މާނައީ: "ހަމަކަށަވަރުން، اللَّهގެ ރަޙްމަތްފުޅު ވަނީ، އިޙްސާންތެރިންނާ ގާތުގައެވެ."