ޕޯޗުގަލްގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯގެ އަމިއްލަ ޔޫޓިއުބް ޗެނަލްއެއް ހަދައި އެންމެ ފުރަތަމަ ވީޑިއޯ އަޕްލޯޑް ކުރިތާ 90 މިނެޓް ތެރޭގައި އެ ޗެނަލްއަށް އެއް މިލިއަން ފޮލޯވަރުން ލިބިއްޖެ އެވެ.

ބުދަ ދުވަހު ރޮނާލްޑޯގެ ޗެނަލަށް އަޕްލޯޑުކުރި އެ ވީޑިއޯއަކީ އޭނާގެ ފުޓުބޯޅަ ކެރިއަރުގެ މުހިއްމު އުސްއަލިތަކާއެކު ލާފައިވާ ޓީޒާ ވީޑިއޯ އެކެވެ. އިސާހިތަކު އެ ވީޑިއޯ ވައިރަލްވެ ދޮޅު ގަޑިއިރު ތެރޭގައި އެއް މިލިއަން ލައިކްސް ލިބުނެވެ. އަދި ޖެހިގެން އައި 24 ގަޑިއިރުގެ ތެރޭގައި އެ ޗެނަލްއަށް 10 މިލިއަން ފޮލޯވަރުން ހަމަވި އެވެ.

މިއީ ޔޫޓިއުބްގެ ތާރީހުގައި ވެސް އެހާ މަދު ވަގުތުކޮޅެއްގެ ތެރޭގައި އެކައުންޓަކަށް އެއް މިލިއަން ފޮލޯވަރުން ލިބުނު ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެ އެވެ.

މި ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން އެ ކުންފުނިން ވަނީ ރޮނާލްޑޯއަށް "ގޯލްޑް ބަޓަން"ގެ އައްޑަނައެއް އަރުވާފަ އެވެ. ރޮނާލްޑޯގެ އާއިލާއާއެކު އެ އައްޑަނަ ބަލައިގަންނަ ވީޑިއޯއެއް މިހާރު އިންޓަނެޓުގައި ދަނީ ދައުރުވަމުންނެވެ.

ރޮނާލްޑޯގެ ޔޫޓިއުބް ޗެނަލަށް ފޮލޯވަރުން ލިބެމުން އަންނަ ނިސްބަތަށް ބަލާއިރު ވަރަށް އަވަހަށް އޭނާއަށް އެ ކުންފުނީގެ ފަރާތުން "ޑައިމަންޑް ބަޓަން" ވެސް ލިބޭނެ ކަމަށް ލަފާކުރެވެ އެވެ.