ހުދު ގޮނޑުދޮށްތަކުގެ ވާހަކަ އަހަރުމެން ވަރަށް ގިނައިން އަހަމެވެ؛ ވާނީ ވެސް އެހެންތާ އެވެ. އަހަރުމެންގެ މި ރާއްޖެއަކީ ހުދު ގޮނޑުދޮށްތަކުގެ ރީތި މަންޒިލެކެވެ.

އެހެން ނަމަވެސް މިފަހަރު މިއޮތީ މުޅިން ތަފާތު ގޮނޑުދޮށެކެވެ. ބަލާބެލުމަށް މަޑު ފިޔާތޮށި ކުލައެއްގައި ފެންނަ "ޕިންކް ސޭންޑްސް ބީޗް"އަކީ އެގައުމަށް ޒިއާރަތްކުރާ ފަތުރުވެރިންގެ ލޯ ދަމައިގަންނަ ގޮނޑުދޮށެކެވެ.

މި ގޮނޑުދޮށަށް އެ ތަނުގެ ތަފާތު ކުލަވަރު ގެނުވައިދެނީ "ފޮރަމިނެފަރަ" ނަމަކަށް ކިޔާ މައިކްރޮސްކޯޕިކް މިނަރަލް އެކެވެ. އެއީ މަޑު ފިޔާތޮށި ކުލައެއްގެ މިނަރަލްއަކަށް ވުމުން ގޮނޑުދޮށް ވެސް އެ ކުލައިން ފެންނަނީ އެވެ.

ޕިންކް ސޭންޑް ބީޗުން ފެންނަ މިނަރަލް

ރިޕޯޓުތައް ބުނާ ގޮތުގައި މި ގޮނޑުދޮށުގެ ރީތިކަން އެންމެ ފުރިހަމަ ގޮތުގައި ފެންނާނީ ޑިސެމްބަރު މަހާއި މެއި މަހާ ދެމެދު އެވެ. އެއީ މޫސުމީ ގޮތުން އެ މިނަރަލް ގިނަވެ އާލާވާ ދުވަސްވަރަކަށް ވާތީ އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފިޔާތޮށި ކުލަ އަރާ ގިނަ ގޮނޑުދޮށްތަކެއް ވީނަމަވެސް ބަހާމާސްގެ އެ ގޮނޑުދޮށަކީ އެކަމަށް އެންމެ ނަން މަޝްހޫރު ގޮނޑުދޮށެވެ.

ވައިގެ މަގުން ބަހާމާސްއަށް ގޮސް ޓެކްސީ ނުވަތަ ބަހެއް ނަގައިގެން ދެވޭ އެ ގޮނޑުދޮށަށް ކޮންމެ އަހަރަކު ވެސް އެތައް ހާސް ބަޔަކު ޒިއާރަތް ކުރެ އެވެ.