އަމިއްލަ ދިރިއުޅުމުގައި ދިމާވާ ކަންކަން އިތުބާރު ކުރެވޭ މީހަކާ ހިއްސާ ކުރުމަކީ ވަރަށް ގިނަ މީހުންގެ އާދައެކެވެ. އެހެން އެކަން ކުރެވެނީ އިތުބާރު ކުރެވޭ މީހަކު އެފަދައިން ކަންތައް ކުރުމަށް ބުނެދެވިފައިވާތީ އެވެ. ނަމަވެސް ސައިކޮލޮޖިސްޓުން ބުނާ ގޮތުގައި އެހެން މީހެއްގެ ކުރިމަތީގައި ތިމާގެ ސިއްރު ފާޅުކުރުމަކީ ރަނގަޅު ކަމެއް ނޫނެވެ. އެއީ އެފަދަ ވާހަކަ ކިޔައިދެވޭ ގޮތަކުން އަނެކާއަށް ނުބައި މާނަ ނެގޭ ގޮތް ދިމާވުމާއި ޖަޖް ކުރެވޭތީ އެވެ.

އާންމުކޮށް މީހުން އަނެކާއާ ހިއްސާކުރާ އެއްކަމަކީ އަމިއްލަ ދިރިއުޅުމުގައި ވާހަކަތަކެވެ. ހިއްސާކުރުމަކީ ތަބީއީ ކަމެކެވެ. ނަމަވެސް އެގޮތަށް ތަފާތު ވާހަކަ ދައްކަމުން ގޮސް އިމުން ބޭރަށް ދެވެނީ އެވެ. ދައްކަން ކޮންމެހެން ނުޖެހޭ ވާހަކަތައް ދެކެވެނީ އެވެ. ހަގީގަތުގައި ހުރިހާ ވާހަކައެއް އެންމެނަކަށް އެނގޭކަށް ނުޖެހެ އެވެ. އަމިއްލަ ދިރުއުޅުމާ ބެހޭގޮތުން މާގިނަ ވާހަކަ ދެކެވޭނަމަ، އެހެން މީހުން ތިމާ އާއި ދޭތެރޭ ނޭދެވޭ ގޮތްގޮތަށް ހީކުރާނެ އެވެ. ބޭނުން ނުވާވަރަށް އަމިއްލަ ވާހަކަތައް ދެކެވޭނަމަ ތިމާއަކީ ވަރަށް އަމިއްލަ އެދުން ބޮޑު މީހެއްގެ ގޮތުގައި އެހެން މީހުން ދެކެން ފަށަ އެވެ. ސައިކޮލޮޖީ ބުނާގޮތުގައި އަމިއްލަ ވާހަކަ މީހުންނާ ހިއްސާ ނުކުރާނަމަ، އެއީ ތިމާއަށް ލިބޭ ވަރަށް ބޮޑު ބާރެކެވެ. ގަދަފަދަ ކަމެކެވެ.

ފައިސާ ލިބޭ ވަރަކީ ވެސް އެހެން މީހުންނަށް ވާހަކައެއްގެ ތެރެއިން ވެސް ބުނެގެން ނުވާނެ ވާހަކައެކެވެ. ފައިސާ ލިބޭވަރު ބުނެވޭނަމަ މީހުންގެ ނަފުރަތާ ނުބައި ހީކުރުންތަކަށް ޖާގަ ދެވޭނެ އެވެ. ސައިކޮލޮޖީގައި ވާގޮތުން ފައިސާ ލިބޭވަރު ބުނުމަކީ ހަޔާތަށް ދަތި އުނދަގޫ ކަންކަން ކުރިމަތި ކުރުވާނެ ކަމެކެވެ.

ކުރީގައި ކުރެވިފައިވާ ނޭދެވޭ ކަންތައް އެހެން މީހުންނަށް ކިޔައި ދިނުމަކީ ވެސް ބައެއް މީހުނަށް ކުރެވޭ ވަރަށް ނޭދެވޭ ކަމެކެވެ. ސައިކޮލޮޖީގެ ބައްޕަކަމަށް ބުނާ ސިގްމަންޑް ފްރިއުޑް ބުނާ ގޮތުގައި ކިތަންމެ ރަނގަޅަށް އުޅޭ މީހެއް ކަމުގައި ވިޔަސް ކުށް ކުރެވޭނެ އެވެ. ނަމަވެސް މީހުން ކައިރީ އެވާހަކަ ދެއްކުމަކީ ތިމާގެ ގާބިލް ކަމާ ދޭތެރޭ މީހުން ޝައްކުކޮށް ސުވާލު އުފައްދާނެ ކަމެކެވެ.

ވީމާ އަމިއްލަ އުނި ސިފަ އެހެން މީހުންނަށް ކިޔައި ނުދޭށެވެ.