ހޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާއާއި އޭނާގެ އަންހެނުން ހެއިލީ ބީބާއަށް އަލަތު ދަރިފުޅު ލިބުނުކަން އިއުލާން ކޮށްފި އެވެ.

ހަބަރުތައް ބުނާ ގޮތުގައި ހެއިލީ ވިހާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ވަގުތެއްގަ އެވެ. އެ ދެމަފިރިންނަށް ލިބުނީ ފިރިހެން ކުއްޖެކެވެ.

މި ހަބަރު އިއުލާން ކުރަމުން ޖަސްޓިން އޭނާގެ އިންސްޓަގްރާމްގައި ދަރިފުޅުގެ ފަޔާއި ހެއިލީގެ އަތް ފެންނަ ފޮޓޯއެއް ހިއްސާކޮށްފަ އެވެ. ދަރިފުޅުގެ ނަމަކަށް އެ ދެމަފިރިން ދީފައިވަނީ ޖެކް ބްލޫސް ބީބާ އެވެ.

https://www.instagram.com/p/C_CV7GLJBA3/?utm_source=ig_embed&ig_rid=938287a4-7256-46c4-b973-4973d3ccc2b7

ޖަސްޓިންއާއި ހެއިލީއަށް އަލަތު ދަރިފުޅު ލިބިފައިވާކަން އިއުލާން ކޮށްފައި މިވަނީ ހެއިލީ ބަލިވެ އިންކަން އާއްމުކޮށް އިއުލާން ކުރިތާ ތިން މަސް ދުވަސް ފަހުންނެވެ.

ޖަސްޓިންގެ މި އިއުލާނާއެކު ދާއިރާގައި މަސައްކަތްކުރާ އެ ދެމަފިރިންގެ އެކުވެރިން އަންނަނީ އެމީހުންނަށް މަރުހަބާ ކިޔަމުންނެވެ. އޭގެ ތެރޭގައި ކައިލީ ޖެނާއާއި ކިމް ކާޑޭޝަން ހިމެނެ އެވެ. އަދި 2018 ވަނަ އަހަރު ކައިވެނިކުރި ޖަސްޓިން އާއި ހެއިލީ އަބަދުވެސް އައީ އާއިލާއެއް ފަށަން ބޭނުންވާ ކަމަށާއި ވަރަށް އަވަހަށް އާއިލާއެއް ފަށާނެ ކަމަށް ބުނަމުންނެވެ.