ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވަޒީފާއިން ވަކިކުރި މުވައްޒަފުންގެ ތެރެއިން 37 މީހެއްގެ މައްސަލަ، އިދިކޮޅު އެމްޑީޕީގެ ގާނޫނީ އެހީތެރިކަމާއެކު ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅައިފި އެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރުމަށް ކުންފުނިތަކަށާއި ފިނޭންސް މިނިސްޓްރީއަށް އަންގާފަ އެވެ. މިދިޔަ އެޕްރީލު މަހު އެންގި މި އެންގުމާ ގުޅިގެން، އެ އަދަދަށް މުވައްޒަފުން މަދުކުރުމަށް މިހާރު ވަނީ ތިން މަސްދުވަހުގެ މުއްދަތެއް ދީފަ އެވެ. މިކަމުގެ ސަބަބުން ގިނަ އަދަދެއްގެ މުވައްޒަފުންނަށް ވަޒީފާގެ ބިރުވެރިކަން ވަނީ ކުރިމަތިވެފަ އެވެ.
މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އިދިކޮޅު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ ޕާޓީގެ 'ބޮޑު ބަދަލު' އޮފީހުގެ ޑިރެކްޓަރު ޖެނަރަލު ހަސަން ލަތީފް ވިދާޅުވީ، ސަރުކާރުން ނުހައްގުން ވަޒީފާއިން ވަކިކުރަމުންދާ މުވައްޒަފުންނަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އެގޮތުން، ނުހައްގުން ވަޒީފާއިން ވަކިކުރި 65 މީހެއްގެ މައްސަލަ ޝަރީއަތަށް ހުށަހެޅުމަށް މަސައްކަތްކުރަމުންދާއިރު، އޭގެ ތެރެއިން 37 މީހެއްގެ މައްސަލަ މިހާރު ވެސް ޝަރީއަތުގައި އޮތް ކަމަށް އޭނާ ހާމަކުރެއްވި އެވެ. އަދި މިފަދަ މައްސަލަތަކަށް އެހީތެރިވުމުގެ ގޮތުން 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއްވެސް އެ ޕާޓީން ވަނީ ގާއިމުކޮށްފަ އެވެ. އެއީ 7341637 އެވެ.
މި މައްސަލައިގައި އެންމެ ބޮޑަށް ޒިންމާވާންޖެހެނީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒާއި ޕީސީބީގެ ރައީސް މުހައްމަދު ނިޒާރު ކަމަށް ހަސަން ލަތީފް ވިދާޅުވި އެވެ. ގިނަ އަދަދެއްގެ ރައްޔިތުންނަށް ދިމާވެފައިވާ މި ދަތިކަމާ ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ތަހުގީގެއް ހިންގައި، ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ނަމަވެސް މިކަން ހުއްޓުވުމަށް އޭނާ ގޮވާލެއްވި އެވެ.
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވީ ކުންފުނިތަކުގެ މުވައްޒަފުންގެ 33 އިންސައްތަ މަދުކޮށްފިނަމަ 14،000 އަށްވުރެ ގިނަ މީހުންގެ ވަޒީފާ ގެއްލިގެންދާނެ ކަމަށެވެ. އެހާ ގިނަ ބައެއްގެ ހައްގުތައް ގެއްލިގެންދާއިރު، ވަޒީފާއިން ވަކިކުރެވޭ މުވައްޒަފުންނަށް އެކަށީގެންވާ ގޮތްތަކެއް ހަމަޖައްސައިދިނުމަކީ ސަރުކާރުން ކުރަންޖެހޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ސަރުކާރުގެ މި ސިޔާސަތުގެ ސަބަބުން ގިނަ އާއިލާތަކަކަށް އިގުތިސާދީ ގޮތުން ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހޭނެކަން އިދިކޮޅު ފަރާތްތަކުން ދަނީ ފާހަގަކުރަމުންނެވެ.
އިތުރު 22 މީހަކަށް ހިމަބިހި ޖެހި، ޖުމްލަ އަދަދު 166 އަށް
އެމެރިކާއާއެކު އީރާން ވަރުގަދަ ހަނގުރާމަ އަކަށް
ރާއްޖެއާއި އިތިއޯޕިއާއާ ދެމެދު ސީދާ ދަތުރުތައް ފަށަނީ
