އިންޑިއާގެ ޓޫރިސްޓުން ގޮވައިގެން ދަތުރު ކުރި ބަހެއް ނޭޕާލްގެ ކޯރަކަށް ވެއްޓި އޭގެން ދަތުރުކުރި 27 މީހުން މަރުވެއްޖެ އެވެ.

ނޭޕާލްގެ އާމްޑް ޕޮލިސްގެ ތަރުޖަމާނު ބުނީ ހުކުރު ދުވަހު މި ހާދިސާ ހިނގީ ވިއްސާރައިގެ ސަބަބުން ކޯރުގެ ފެންގަނޑު އުފުލިފައިވާ ވަގުތެއްގައި ކަމަށެވެ. މި ހާދިސާގައި 16 މީހަކު ޒަހަމްވެފައިވެ އެވެ.

އެ ބަސް 41 ޓޫރިސްޓުންނާއި ދެ ކުރޫ މެންބަރުންނާއެކު ދަތުރުކުރަމުން ދިޔައީ ނޭޕާލްގެ ޓޫރިސްޓް ސިޓީއެއް ކަމަށްވާ ޕޮކަރާއިން އެގައުމުގެ ވެރިރަށް ކަތަމަންޑޫ އަށެވެ. ފަރުބަދަމަތީ އެ ސަރަހައްދުތަކަކީ ހިމަ މަގުތަކަކުން ދަތުރުކުރަން ޖެހޭ މަގުތަކެކެވެ.

މީހުން ސަލާމަތްކުރުމުގެ މަސައްކަތްކުރާ ފަރާތްތަކުން ވަނީ 22 މީހަކު ކޯރުން ނަގާފަ އެވެ. އޭގެ ތެރެއިން 12 މީހަކަށް ސީރިއަސް އަނިޔާތަށް ލިބިފައިވާ ކަމަށް އެ ގައުމުން ބުނެ އެވެ. ހޮސްޕިޓަލަށް ގެންދިޔަ ފަހުން ހަ މީހުން މަރުވެފައިވެ އެވެ.