އާއިލާއާއެކު ހޫނު މޫސުމުގެ ޗުއްޓީ ހޭދަ ކުރެއްވުމަށްފަހު އިނގިރޭސި ޝާހީ އާއިލާގެ ޕްރިންސް ވިލިއަމް ޝާހީ މަސައްކަތްތައް ފަށައިފި އެވެ.

އޮގަސްޓް މަހުގެ 22 ވަނަ ދުވަހު ޕްރިންސް ވިލިއަމްގެ ގަނޑުވަރުކޮޅުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދުވަސްތަކަކަށްފަހު ވިލިއަމް ރަސްމީ ޒިންމާތަކާ ހަވާލުވާނެ ކަމަށެވެ. އެގޮތުން ޗުއްޓީއަށް ފަހު ޕްރިންސް ވިލިއަމް އާއްމުކޮށް އެންމެ ފުރަތަމަ ފެންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ ފަސްވަނަ ދުވަހު ބާއްވާ ލަންޑަންގެ ގެދޮރު ނެތް މީހުންގެ އިވެންޓަކުންނެވެ.

މި ފެނިލުމަކީ ޖުލައި މަހުގެ 24 ވަނަ ދުވަހުގެ ފަހުން ޕްރިންސް ވިލިއަމް ފެނިގެންދާ ފުރަތަމަ ރަސްމީ ފެނިލުމެވެ. އެ ވީ މުއްދަތުގެ ތެރޭގައި ޔޫރޯގެ ފައިނަލް މެޗުން ނުރަސްމީކޮށް ވިލިއަމް ފެނިގެންދިޔަ އެވެ.

ހަބަރުތައް ބުނާ ގޮތުގައި މިދިޔަ ޖުލައި މަހުން ފެށިގެން މިފަހަކާ ޖެހެންދެން ޕްރިންސް ވިލިއަމްއާއި ކޭޓް މިޑްލްޓަންގެ އިތުރުން އެ ދެކަނބަލުންގެ ދަރިދަރިކަނބަލުން އައީ އެކުގައި ހޫނު މޫސުމުގެ ޗުއްޓީ ހޭދަ ކުރަމުންނެވެ.

ވިލިއަމް އެނބުރި ޝާހީ މަސްއޫލިއްޔަތުތަކާ ހަވާލުވެފައި މިވަނީ އަނބިކަނބަލުން ކޭޓް މިޑްލްޓަން ކެންސަރަށް ފަރުވާ ހޯދަމުން އަންނަ ދަނޑިވަޅެއްގަ އެވެ.