ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް މިއަދު ތަފާތު މެސެޖެއް ސޯސަލް މީޑިއާގައި ރައްޔިތުންނަށް ދެއްވައިފި އެވެ.

އެކްސްގައި މިއަދު ކުރެއްވި ޕޯސްޓްގައި ނައިބު ރައީސް ވިދާޅުވީ ކޮންމެ ކަމަކީ ވެސް ވަގުތު ކަނޑައެޅިގެންވާ ކަމެއްކަމަށާއި އެއީ ދުނިޔޭގެ އާދަ ކަަމަށެވެ. އެ ލިބުނު ވަގުތަށް އިހްތިރާމުކޮށް ޝުކުރުވެރި ވުމުން ލިބޭ ގަދަރާއި، އުފާވެރިކަން މާ ރަނގަޅުކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އެއްވެސް ކަމަކީ ދާއިމަށް ތިމާގެ ހައްގެއް ކަމަށް ނުދެކޭ" ނައިބު ރައީސްގެ ޕޯސްޓްގައި އިލްތިމާސް ކުރައްވާފައިވެ އެވެ.

ނައިބު ރައީސް ކުރެއްވި ޕޯސްޓާއެކު ގިނަ ބަޔަކު ދަނީ އެ ނަސޭހަތުގެ ބަސްކޮޅަކީ ކޮންބޭފުޅަކަށް އަމާޒުކުރެއްވި ބަސްކޮޅެއްތޯ ސުވާލު އުފައްދަމުންނެވެ.

ސަރުކާރު ތެރޭގައިވެސް ހިޔާލު ތަފާތުވުންތަށް އުފެދި އެއްބަޔަކު އަނެއްބަޔަކަށް އާރާއި ބާރު ހޯދުމަށް ވާދަވެރިކަން ބޮޑުވެފައިވާކަމުގެ ވާހަކަތައް ދެކެވެއެވެ. ނައިބު ރައީސްގެ މި މެސެޖަކީ އެފަދަ ހިތްހަމަ ނުޖެހުންތަކެއްގެ ސިގްނަލަކަށް ވުމަކީވެސް އެކަށީގެން ވާކަމެކެވެ.

މީގެ އިތުރުން އިގްތިސާދީ ގޮތުން ގައުމުގެ ހާލަތާއި މެދު ސަރުކާރުގެ އެކި ބޭފުޅުންގެ ވިސްނުންވަނީ ތަފާތުވެފަ އެވެ. ފާހަގަކޮށްލެވޭގޮތުގައި އިގްތިސާދީ ހާލަތާއި ގުޅިގެން ނައިބު ރައީސް މިހާތަނަށް އެއްވެސް އެއްޗެއް ވިދާޅުވެފައި ނުވެ އެވެ.

މަގާމުގައި އެއްވެސް މީހަކަށް ދާއިމަށް ނުހުރެވޭނެކަމަށް ދޭހަވާ މޭރުމަކުން ނައިބު ރައީސް ބަހުގެ ހަމަލާތަކެއް މިދެއްވީ ރައީސް މުހައްމަދު މުއިއްޒުއަށް ކަމަށް ވުމަކީވެސް އެކަށީގެންވާ ކަމެކެވެ. ރައީސް އާއި ނައިބު ރައީސްގެ ގުޅުންވެސް ހީނަރުވެފައިވާކަމުގެ ވާހަކަތަކަކީވެސް ތުންތުންމަތިން ދެކެވޭ ވާހަކަތަކެކެވެ.

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފަކީ އެމަނިކުފާނުގެ ސިޔާސީ ހަޔާތްޕުޅުގައި އަބަދުވެސް ކުރީގެ ރައީސް ޔާމީންގެ ވަރަށް އަރިސް ބޭފުޅެއްކަން ފާހަގަކޮށްލެވެ އެވެ.