ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ އޭނާގެ އިސްތިއުފާ ރައީސް އޮފީހުން ގަބޫލު ކޮށްފައި ވަނިކޮށްކަން ހާމަވެއްޖެ އެވެ.

ގިނަ ތުހުމަތުތަކާ އެކު ޝަމީމްގެ ވަކިކުރުމުގެ ޖަލްސާ ބުރާސްފަތި ދުވަހުގެ ރޭ ހިނގަމުން ދަނިކޮށް އޭނާ އިސްތިއުފާ ދެއްވިކަން ޕީޖީ އޮފީހުން އާންމުކުރި ނަމަވެސް މަޖިލީހުން އޭނާ ވަކިކުރަން ފާސްކުރީ އޭނާގެ އިސްތިއުފާގެ ސިޓީ ރައީސް އޮފީހަށް ނުލިބޭ ކަމަށް ބުނެ އެވެ.

"ހުރިހާ"އަށް އެނގިފައިވާ ގޮތުގައި މަޖިލިސް ޖަލްސާ ފެށި ވަގުތު ޝަމީމް އިސްތިއުފާ ދެއްވި ސިޓީ ރައީސް އޮފީހަށް އީމެއިލް މެދުވެރިކޮށް އޭނާ ފޮނުއްވި އެވެ. އަދި އީމެއިލް ފޮނުއްވިތާ އެއް މިނެޓްވީތަނާ, އޭނާގެ އީމެއިލް ލިބިފައިވާ ކަމަށް ބުނެ ރައީސް އޮފީހުން އޭނާގެ އީމެއިލްއަށް ޖަވާބު ދިނެވެ.

އިސްތިއުފާގެ ސިޓީ ފޮނުވަންޖެހޭ ވަކި އުސޫލެއް ގާނޫނުގައި ނޯވެ އެވެ. ކުރިން ވެސް އީމެއިލް މެދުވެރިކޮށް ބައެއް ބޭފުޅުން އިސްތިއުފާ ދެއްވަ އެވެ.

އެހެން ނަމަވެސް ޝަމީމް ވަކިކުރުމުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެފައިވަނީ ޝަމީމްގެ އިސްތިއުފާގެ ސިޓީ ނުލިބޭ ކަމަށް ރައީސް އޮފީހުން ބުނެފައިވާ ކަމަށެވެ.