ސަރުކާރުގެ ބޭންކު، ބީއެމްއެލްގައި ޑޮލަރުގެ ދަތިކަން ހުރެގެން ތަކުރާރުކޮށް އެ ބޭންކުން ސަރުކާރާ ބައްދަލުކުރި ކަމަށާއި އެކަމަކު ރުފިޔާ ކާޑުތަކުން ޑޮލަރު މުއާމަލާތްތައް ނުކުރެވޭގޮތް ހެދުމުގެ ކުރިން އެކަން ނޭނގޭ ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ކެބިނެޓްގެ ބައްދަލުވުމަށްފަހު ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝަފީގު ވިދާޅުވީ ޑޮލަރުގެ މައްސަލަ ހައްލު ކުރުމަށް މިދިޔަ ޑިސެމްބަރާއި މާޗް އަދި ޖޫން މަހުގައި ވެސް މުހިއްމު ބައްދަލުވުންތަކެއް ބޭއްވި ކަމަށެވެ.

އޭނާ ވިދާޅުވީ އެ ބައްދަލުވުންތަކުގައި ކުރެވުނު މަޝްވަރާތަކާ އެއްގޮތަށް ބީއެމްއެލްއަށް ޑޮލަރުގެ ސަޕޯޓު ދިނުމަށްޓަކައި މަސައްކަތްތައް ކުރާނެ ކަމަށެވެ.

މިދުވަސްވަރު ޑޮލަރުގެ ބޮޑު ތާށިކަމެއް އައީ މި ދުވަސްވަރަކީ ދައުލަތަށް ޑޮލަރު މަދުން ވަންނަ ދުވަސްކޮޅަކަށްވާތީ ކަމަށް ޝަފީގު ވިދާޅުވި އެވެ.

މިކަމާ ގުޅޭގޮތުން ގިނަ ބައެއްގެ ފާޑުކިޔުން އަންނަނީ ސަރުކާރަށް އަމާޒުވަމުންނެވެ. ގިނަ ބަޔަކު ބުނަމުން ދަނީ ކޮވިޑްގެ ހާލަތުގައި ރާއްޖޭގެ ބޯޑަރު ބަންދުކޮށް ފަތުރުވެރިކަން ހުއްޓިފައިވާއިރު ޑޮލަރުގެ ދަތިކަން ކުރިމަތިނުވާ މިންވަރަށް މިއަދު ޑޮލަރުގެ ދަތިކަން ކުރިމަތިވެއްޖެއޭ ބުނުމުން ގަބޫލުކުރަން ދަތި ކަމަށެވެ.

ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ބީއެމްއެލްގެ ނިންމުމަކީ ސަރުކާރުގެ ލަފަޔާ ހިލާފަށް ނިންމި ނިންމުމެއް ކަމަށެވެ.

"ކުރީގައި ވެސް ވާހަކަދެކެވިފައި އޮތީ ތިޔަ ވިދާޅުވާހެން އިނގޭތޯ، އެކަމަކު ބޭންކުން އޭރުގައި މަޝްވަރާ ކުރެވުނު ގޮތަކަށް ނޫން ނޫނިއްޔާ އަޅުގަނޑުމެން ލަފާ އެރުވި ގޮތަކަށް ނޫން ބޭންކުން އެކަން ކުރައްވާފައި އެއޮތީ،" ޒަމީރު ވިދާޅުވި އެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ކާޑުތަކުން ކުރެވޭ ބޭރުގެ މުއާމަލާތްތަކުގެ ލިމިޓު ކުޑަ ކުރުމަށް މިއަދު ގެނައި ބަދަލަކީ ރައްޔިތުންނާއި ވިޔަފާރިތަކަށް ފަހި ބަދަލަކަށް ނުވާތީ މި ބަދަލު މުރާޖާ ކުރުމަށް މަރުކަޒީ ބޭންކު، އެމްއެމްއޭ އިން އެންގުމުން ބީއެމްއެލް އިން ވަނީ އެ ނިންމުން ތަންފީޒު ނުކުރަން ނިންމާފަ އެވެ.

ބަންޑާރަ ނައިބު އަހްމަދު އުޝާމް ވިދާޅުވީ ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން އިންކަމް ޓެކްސް އާއި ޕެންޝަން ފައިސާ އާއި ކަސްޓަމްސް ޑިއުޓީ ޑޮލަރުން ދޭން ޖެހޭ ގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅަން މިއަދު ކެބިނެޓުން ނިންމާފައިވާ ކަމަށެވެ.