ކުޑަކުދިންގެ ހެދިބޮޑުވުމުގައި ކެއުމާއި ހަރަކާތްތެރިވެ އުޅުމަށް އާއްމުކޮށް ބާރުއެޅެ އެވެ. އެހެން ނަމަވެސް އެކަންކަމާ އެއްވަރަށް ނިދުމަކީ ވެސް މުހިއްމުކަން ދޭންޖެހޭ، އެކަމުގެ ސަބަބުން ކުދިންގެ ސިއްހަތަށް އަސަރުކުރުވާ ކަމެކެވެ.

ކުޑަކުދިންގެ ޑޮކްޓަރެއް ކަމަށްވާ ޑރ. ނިޝާންތު ބަންސަލް ވިދާޅުވީ ޖިސްމާނީ ހެދިބޮޑުވުމާއި ވިސްނުމުގެ ބާރުގެ އިތުރުން ނަފްސާނީ ދުޅަހެޔޮ ކަމަށް ވެސް ނިދުމަކީ މުހިއްމު ދައުރެއް އަދާކުރާ ކަމެއް ކަމަށެވެ.

އެގޮތުން ނިދާފައި އޮންނައިރު ހަށިގަނޑު ހެދިބޮޑުވުމަށް ބޭނުންވާ ގްރޯތު ހޯމޯންސްގެ 75 ޕަސަންޓް އުފައްދާ ކަމަށް މާހިރުން ބުނެ އެވެ.

މީގެ އިތުރުން ވެސް ނިދުމަކީ ހަށިގަނޑުގެ މެޓަބޮލިޒަމް ވަރުގަދަކޮށްދީ ސިއްހަތު ރަނގަޅު ބަރުދަނެއް ދަމަހައްޓަން އެހީވެދޭ ކަމެކެވެ. ހަމަނިދި ނުލިބޭ ކުދިންނަށް ފަލަބަލި ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ދިރާސާތަކުން ދައްކަ އެވެ.

ހަމައެއާއެކު ދަރިފުޅުގެ "ކޮގްނިޓިވް" ބާރުތައް ވަރުގަދަކުރަން ވެސް ނިދި ބޭނުންވެ އެވެ. ކަންކަމަށް ދޭ ސަމާލުކަމާއި ވިސްނުމުގެ އިތުރުން ހިޔާލުތައް މުއްސަނދިވުން އޭގެ ތެރޭގައި ހިމެނެ އެވެ.

އެހެން ކަމުން ޑޮކްޓަރުންގެ އިރުޝާދުގެ މަތިން ދަރިފުޅަށް ބޭނުންވާ ވަރަށް ނިދި ހަމަކުރަން ބެލެނިވެރިން ވެސް ހާއްސަ ސަމާލުކަމެއް ދޭންޖެހެ އެވެ.