ބިގް ކުންފުންޏަށް ޕީއެސްއެމް އިން 78 މިލިއަން ރުފިޔާ ދައްކަންޖެހޭ ކަމަށް ކޮށްފައިވާ ހުކުމުގެ އިސްތިއުނާފް ހައި ކޯޓުން ބަލައިގަންނަން ސުޕްރީމް ކޯޓުން އަންގައިފި އެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ އާއިލީ މަސްލަހަތު އޮންނަ ބިގަށް 78 މިލިއަން ދައްކަން ދައުލަތުގެ މީޑިއާ ހިންގާ ޕީއެސްއެމްގެ މައްޗަށް ސިވިލް ކޯޓުން 2016 ވަނަ ހުކުމްކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހިންގި އެމްއެންބީސީގެ ދުވަސްވަރު 2010 ވަނަ އަހަރު ބިގާ އެކު ހަދާފައި އޮތް އެއްބަސްވުމެއްގެ ދަށުންނެވެ. އެ ހުކުމް ޕީއެސްއެމްގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފްކުރީ މުއްދަތު ހަމަވިފަހުން 2019 ވަނަ އަހަރު އެވެ. ހައި ކޯޓުން ނިންމީ މައްސަލަ ބަލައިނުގަތުމަށެވެ.

އެ ނިންމުން ޕީއެސްއެމް އިން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން މިއަދު އެންގީ މުއްދަތު ހަމަވެފައި އޮތަސް، ކަން ހިނގާފައި އޮތްގޮތުން އެ މައްސަލަ ހައި ކޯޓުން ބަލައިގަންނަން ޖެހޭނެ ކަމަށެވެ. އަދި ޕީއެސްއެމް އިން 10 ދުވަސް ތެރޭގައި އެ މައްސަލަ ހައި ކޯޓަށް ހުށަހަޅަން ޖެހޭނެ ކަމަށް އެ ނިންމުމުގައިވެ އެވެ.

ޕީއެސްއެމް އިން ކުރިން އޮތީ ބިގަށް 30 މިލިއަން ރުފިޔާ ދައްކައިފަ އެވެ. މައްސަލަ އިސްތިއުނާފް ކުރުމުގެ މަސައްކަތް ފެށީ އެ ފައިސާ ދެއްކި ފަހުންނެވެ.