މި ސަރުކާރުން އެންމެ އިސްކަންދޭނެ އެއް ބަޔަކީ ޒުވާނުން ކަމަށާއި، ޒުވާނުން ބާރުވެރިކުރުމަށާއި ޒުވާނުންނަށް އިގްތިސާދީ ފުދުންތެރިކަން ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޕީއެންސީން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ ޒުވާނުންނަށް ހެޔޮ ދިރިއުޅުމެއް ހޯދައިދިނުމުގެގޮތުން ގެދޮރުވެރިކަމާއި ވަޒީފާގެ ފުރުސަތު ފަހިކޮށްދެއްވުމަށް ސަރުކާރުގެ މެނިފެސްޓޯގެ ބޮޑުބައެއް ހާއްސަކުރެވިފައިވާ ކަން ފާހަގަކުރައްވާފަ އެވެ.

މި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ ގައުމުގެ އިޤްތިސާދު ހަރުދަނާ ކުރުމަށް މި ސަރުކާރުން ކުރައްވާ މުހިންމު ކަންކަމުގެ މައްޗަށް އަލިއަޅުވާލައްވާފަ އެވެ. އެގޮތުން ރައްޔިތުންނަށް ހަގީގީ މާނައިގައި އާމްދަނީ އިތުރުކުރުމަށް މަސައްކަތްޕުޅުތައް ކުރައްވާކަމާއި، ޑޮލަރު އިތުރުކުރުމަށާއި ރެވެނިއު އިތުރުކުރުމަށް މަސައްކަތްޕުޅުތައް ކުރައްވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މި މޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން އެމަނިކުފާނު ވިދާޅުވީ "ކޮންމެ ހިނދުކޮޅެއް މި ސަރުކާރުން ހޭދަކުރަމުން ދާނީ ރައްޔިތުންގެ ފަޅީގައި ތިބެގެން" ކަމަށެވެ.

ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ ކުރިއަށް އޮތް ހަފްތާގެ ތެރޭގައިވެސް ރައްޔިތުންނަށްޓަކައި މުހިންމު ބަދަލުތަކެއް އެމްއެމްއޭގެ ރެގިއުލޭޝަންތަކަށް ގެންނެވުމަށް ނިންމަވާފައިވާކަން އެމްއެމްއޭގެ ގަވަރުނަރު ވިދާޅުވެފައިވާކަމުގައި ފާހަގަކުރައްވާފަ އެވެ. އަދި މި ބަދަލުތައް ގެނައުމުން ރައްޔިތުންނަށް ލިބިގެންދާނެ ފައިދާތަކުގެ މައްޗަށް ބައްލަވާލައްވާ އެމަނިކުފާނު ވިދާޅުވީ "ބްލެކް މާކެޓް" ގައި ފައިސާ މާރުކުރުން މަދުކުރެވި ރާއްޖޭގައި ޑޮލަރު ހިފެހެއްޓުމަށް ހިތްވަރު ދެވިގެން ދާނެކަމުގަ އެވެ.

މީގެ އިތުރުންވެސް ބޮޑަށް ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކުން "ކޯޕަރޭޓް އިންކަމް ޓެކްސް" ދެއްކުމުގައި ޑޮލަރުން ޓެކްސް ދެއްކުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާގެމަތީން ނިންމަވާފައިވާ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

މި ޖަލްސާގައި ރައީސް ވަނީ މިދިޔަ ނުވަ މަސްދުވަހުގެ ތެރޭގައި ދީނީކަންކަން ހަރުދަނާކުރުމަށް ގިނަ މަސައްކަތް ސަރުކާރުން ކުރަމުންދާކަމުގައި ފާހަގަކުރައްވާފަ އެވެ. އަދި ބަވަނަވަމުންމިދާ ދުނިޔޭގައި ފެންނަމުންދާ އިސްލާމް ދީނާ ހިލާފު އޮއިވަރުތަކުގައި ދަރިން ނުޖެހި ހަރުދަނާ ޖީލެއް ބިނާކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރޭގެ ޖަލްސާގައި ވެސް ރައީސް ވަނީ މި ސަރުކާރުން ޖުޑިޝަރީއަށް ނުފޫޒު ނުފޯރުވާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާފަ އެވެ. އަދި ޖުޑިޝަރީއިން މިނިވަންކަމާއެކު މައްސަލަ ބަލައި ހުކުމެއް އައިސްފިނަމަ އެ ހުކުމް ތަންފީޒުކުރުމުގައި މި ސަރުކާރުން ފަހަތަށް ނުޖެހޭނެކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.