މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް 257 ތަނެއް ރެއިޑްކޮށް 3،322 ބިދޭސީން ފުރުވާލާފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުގެ އެކި މުއައްސަސާތައް ގުޅިގެންވަނީ ބޮޑު އޮޕަރޭޝަނެއް ފަށާފަ އެވެ. މީގެ ދަށުން މޯލްޑިވްސް އިމިގްރޭޝަނާއި މޯލްޑިވްސް ޕޮލިސް ސާވިސް ގުޅިގެން އަންނަނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދާ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުންނެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ވަށާޖެހޭ ހައްލެއް ގެނައުމަށްޓަކައި ރާއްޖޭގައި މިވަގުތު ތިބި ބިދޭސީން ގަވާއިދަށް ފެއްތުމަށްދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ރާއްޖޭގައި ދިވެހިންނަށް ކުރެވެން ހުރި ވިޔަފާރިތަކުގައި ގަވާއިދާ ހިލާފަށް ހަރަކާތްތެރިވަމުންދާ ބިދޭސީންގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާ ފިޔަވަޅު އަޅަމުންދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ލައްވާ މަސައްކަތް ކުރުވުމަކީ ވެސް ގާނޫނީ ކުށެއް ކަމަށާއި، އެފަދަ މަސައްކަތް ކުރުވާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު ވަނީ މީގެ ކުރިން ދެއްވާފަ އެވެ.