ވަގަށް ނަގާފައިވާ މިސްރުގެ ގިނަ އަދަދެއްގެ ތާރީހީ އާސާރުތަކެއް އަނބުރާ ހޯދާފައިވާ ކަމަށް އެ ގައުމުގެ އޮފިޝަލުން ބުނެފި އެވެ.

ހަބަރުތައް ބުނާ ގޮތުގައި އެ އާސާރުތައް މިސްރުން ހޯދާފައި ވަނީ ނެދަލޭންޑްސްއިންނެވެ. ބުނެވޭ ގޮތުގައި އޭގެ ތެރެއިން ދެ އާސާރެއް ހުރީ އެންޓީކް ފިހާރައެއްގައި ވިއްކަން ބަހައްޓާފަ އެވެ.

އަތުލައިގަނެވުނު އާސާރުތަކުގެ ތެރޭގައި ހެލެނިސްޓިކް ދައުރަށް ތާރީހުވާ މަމިފައިޑް ބޮލަކާއި ޖަނާޒާތަކުގައި ބޭނުންކުރެވޭ މުށިން ހަދާފައިވާ އެއްޗެއްގެ އިތުރުން މިސްރުގެ މީހުން އަޅުކަން ކުރި ތަކެތި ރަމްޒުކޮށްދޭ ބުދުތައް ހިމެނެ އެވެ.

ނެދަލޭންޑްސްގެ ފުލުހުން ބުނާ ގޮތުގައި އޭގެ ތެރެއިން ބައެއް ތަކެތި އަތުލައިގަނެވުނީ ހިންގުނު އޮޕަރޭޝަނެއްގެ ތެރެއިން ކަމަށާއި ބައެއް ތަކެއްޗަކީ މިސްރުގެ އާއްމު ފަރުދުންނަށް ވާރުތަ މުދަލުގެ ގޮތުގައި ލިބި އެމީހުން ހަވާލުކޮށްފައިވާ ތަކެތި ކަމަށެވެ.

މި ތަކެތި މިހާރު މިސްރުގެ އެމްބަސީއާ ހަވާލު ކުރެވިފައިވާއިރު އެއްވެސް އެއްޗަކަށް މާބޮޑު ގެއްލުމެއް ލިބިފައި ނުވާ ކަމަށް އެ އެމްބަސީން ބުނެ އެވެ.

މި ތަކެތި މިސްރުން ވަގަށް ނަގައި ގައުމުން ބޭރު ކުރެވުނު ގޮތެއް ސީދާ ބުނަން ނޭނގޭއިރު މިއީ އެ ގައުމުގެ ތާރީހާ ގުޅިފައިވާ މުހިއްމު ތަކެއްޗެވެ.

މިސްރުން ވަގަށް ނަގާފައިވާ ތާރީހީ އާސާރުތައް ހޯދުމަށް އެ ގައުމުން ކުރިއަށް ގެންދާ އޮޕަރޭޝަންގެ ދަށުން 2014 ވަނަ އަހަރުން ފެށިގެން މިހާތަނަށް 30,000 އާސާރު ވަނީ ހޯދައިފަ އެވެ.