"ބައެއް ގޭގޭގައި އެކަކު ދެމީހަކު ހޭބަލިވެފައި ތިއްބެވެ. އަނެއް ބައި ގޭގޭގައި މަރުވިތާ ރެއަކާ ދުވާލަށް ވުރެ ގިނަވެފައިވާ މީހުން، ވަޅު ނުލާ ތިއްބެވެ. އެކަކުވެސް ތެދުވެ ނޫޅޭ ކިތަންމެ ގެއެއް ހުއްޓެވެ. އަނެއްބައި ގެއިން އެކަކު ދެމީހަކު ތެދުވެ އުޅުނު ނަމަވެސް، އަނެއް ގެއަކަށް ވަދެ ހާލު ބަލާ އުޅޭ ތަނެއް ނުފެނެ އެވެ. ރަށުތެރެއިން މީހުން ފެންނަނީ ވަރަށް ވެސް މަދުންނެވެ."

އެއީ 1883 ހާ ހިސާބުގެ ދުވަހެއްގައި ގއ. ވިލިނގިލީގެ ހާލަތު އޮތްގޮތް ލޮލުން ދެކެވަޑައިގެންނެވި ބޭފުޅަކު ސިފަ ކުރެއްވި ގޮތް ކަމުގައި އަލްމަރުހޫމު މުހައްމަދު އިސްމާއީލް ދީދީ ލިޔުއްވާފައިވާ ގޮތެވެ. އެ ސިފަކުރުމަށް ބަލާއިރު ވިލިނގިލީ ރައްޔިތުން އެވަނީ ބަލިމަޑުކަމުގެ ވަރަށް ބޮޑު ވަބާއެއްގައި ޖެހިފަ އެވެ. މީހުން މަރުވަމުން ދަނީ އެކަކު އަނެކަކަށް އަޅާ ލެވޭ ވަރަކަށް ނޫނެވެ. އެފަދަ މަޖުބޫރު ހާލަތުގައި ރަށުގެ ރައްޔިތުން މަރުގެ ތުންފަތް މަތީގައި ވަނިކޮށް ރަށުގެ ފަޅަށް ވަދެގެން އައީ ދިވެހި ދައުލަތުގެ ދިދަ ނަގާފައި ހުރި އޮޑިއެކެވެ.

ހިޖުރައިން 1300 ވަނަ އަހަރު ދިވެހި ރާއްޖޭގެ ރަދުން ނޫރައްދީނު ބަންޑާރައިންގެ ފަރާތްޕުޅުން ސިލޯނަށް ވެދުމާއެކު ފޮނުއްވީ މީރުބަހުރުގޭ މުހައްމަދު އިސްމާއީލް ދީދީގެ ބައްޕަ އިސްމާއީލް ދީދީ އެވެ. އެއީ ޅަފަތުގައި ގާލީގައި އުޅުއްވައި، އެތަނުގެ ކޮލެޖަކުން ކިޔަވައި ވިދާޅުވެގެން ހުންނެވި ޒުވާން ބޭފުޅެކެވެ. މުހައްމަދު ދީދީ ގާލީގައި ހުންނެވީ ގަލޮޅުގޭ އަލި ދޮށިމޭނާ ކިލެގެފާނުގެ އަރިހުގަ އެވެ. އަލި ދޮށިމޭނާ ކިލެގެފާނަކީ އެދުވަސްވަރު ގާލީގައި ހުރި އެންމެ މުއްސަނދި، ނުފޫޒު ގަދަ މަހުޖަނެވެ.

ނޫރައްދީން ރަދުންގެ ސަފީރެއްގެ ގޮތުގައި މުހައްމަދު ދީދީ ވެދުމާއިގެން ކޮޅުނބަށް ދިޔައީ "ކުޑަބަނޑު އޮޑީކޮޅު" ގަ އެވެ. އެ އޮޑިކޮޅު އޭގެ ރަސްމީ ދަތުރު ކޮޅުނބައް ކުރުމަށް ފަހު، ކޮޅުނބުން ގެންނަން ޖެހޭ ވެދުމާއި އެނޫންވެސް ތަކެއްޗާއެކު މާލެ އަންނަން ކުރި ދަތުރަކީ މާކަ ނިޔާމަ ދަތުރަކަށް ނުވި އެވެ. އިރުވައިގެ ހަޅައިގެ ވައިގައި ދުއްވާފައި އައި އޮޑި ރާއްޖޭގެ އުތުރަށް ގޮނޑުވީ އެއްރެއްގެ އިރު އޮއްސުނު ވަގުތު އެވެ. އޮއްސުނު އިރާއެކު އެއްވެސް ރަށެއް ނުފެނިގެން އުޅެނިކޮށް އައި ގަދަ ކޮޅިގަނޑަކާ އެކު އޮޑި ބެހުނެވެ.

ކޮޅިގަނޑުގެ ގަދަ ވަޔާއި، ވިއްސާރައިގައި އޮޑީގެ ގިނަ މުދާ އުކާލަން މަޖުބޫރުވި އެވެ. ދެވޭ ނުދެވޭ ތަނެއް ނޭނގި ތޫފާނެއްގެ ތެރޭގައި ދެ ދުވަސްވުމަށްފަހު ވިއްސާރަ އަލިވުމުން ފިލާއަޅައި ބެލިއިރު އޮޑިކޮޅު އޮތްކަމަށްވީ ހައްދުން މަތީން ދެކުނަށް ޖެހިފަ އެވެ. އެހެންކަމުން ރާއްޖޭގެ ރަށެއް އަތުވެދާނެ ކަމުގެ އުންމީދު ވެސް ގެއްލިފައި ތިއްބާ ކުއްލިޔަކަށް ފެނުނީ ހުވަދު އަތޮޅުގެ ތިން ރަށެއްގެ މަލަ، ފާއްދާލި ތަނެވެ. އެހިސާބުން ފަޅުވެރީންނަށް ހިތްވަރު ލިބި އޮޑިއައިގެން ގޮސް ވަދެވުނު ރަށަކީ ހުވަދު އަތޮޅު ވިލިނގިއްޔެވެ.

ވިލިނގިލީގެ ފަޅަށް ރަދުންގެ އޮޑިކޮޅު ވަދެ ނަގިލި އަޅާލި ކަމަށް ވިޔަސް ވިލިނގިލިން ޚަބަރެއް ނުވި އެވެ. އެ އޮޑިކޮޅާ ދިމާޔަށް ވިލިނގިލިން ބަޔަކު ނުދިޔަ އެވެ. އެގޮތަށް ވަގުތުތަކެއް ފާއިތުވިފަހުން ދޯންޏެއް އައިސް އޮޑިޔާ ކައިރި ކުރިއިރު އެއީ އެ އަތޮޅު މާމެންދޫ ދޯންޏެކެވެ. އެ ރަށުގެ އިސް ވެރިން އޮޑިކޮޅަށް އައީ އޮޑިކޮޅުގައި ހުރި ދިދަ ފެނިގެންނެވެ. އެހިސާބުން އެމީހުން އޮތީ އަތޮޅު ވެރިންނަށް ވެސް އެ ޚަބަރު ފޮނުވައިފަ އެވެ.

މާމެންދޫ ދޯނިން ޚަބަރު ލިބުނު ގޮތުގައި އަތޮޅުގެ ހާލު އަހުވާލު ރަނގަޅެވެ. އެހެންނަމަވެސް ވިލިނގިލީގައި "ކަހާބަލި" އުޅުމުގެ ސަބަބުން ރަށް ބަންދުވެފައިވާ ވާހަކަ ބުންޏެވެ. އެވާހަކަ އިވިވަޑައިގެންނެވުމުން އިސްމާއީލް ދީދީ ބޭނުންފުޅުވީ އެރަށަށް ފައިބާ ވަޑައިގެން ރަށުގެ ރައްޔިތުންގެ ހާލު ބައްލަވާލައްވާށެވެ. އެކަމާ ދޯނީގެ މީހުން ކުޑަކޮށް ޖެހިލުންވި އެވެ. އެހެންކަމުން އިސްމާއީލް ދީދީ ވިދާޅުވި ކަމަށް ވަނީ އެމީހުން ދޯނިން ނުފައިބާ ތިއްބަސް ރަނގަޅުވާނެ ކަމަށާއި އެކަނި ފައިބާވަޑައިގެންފާނެ ކަމަށެވެ.

ރަށަށް ފައިބާވަޑައިގަންނަވައި ރައްޔިތުންގެ ހާލު ފެނިވަޑައިގެންނެވުމުން އެމީހުން އެގޮތަށް ދޫކޮށްލައްވާކަށް އިސްމާއީލް ދީދީގެ ހިތްޕުޅަކަށް ކެތެއް ނުކުރެވުނެވެ. ރަށުގެ ރައްޔިތުޔންނާ ސުވާލު ކުރެއްވުމުން އެނގިވަޑައިގެންނެވީ އެ ބަލިމަޑުކަމެއް ފެށުނީ އެރަށުގެ ބޭރަށް އުރުނު ބޭރުގެ ބޯޓެއްގެ ކައިރިން ބޭނި މަސް ކެއުމުން ކަމަށެވެ. ވާގޮތަކީ ގަދަ ހުމެއް އައިސްފައި ގައިގެ އެތަން މިތަން ހިރުވަނީ އެވެ. ހިރުވާތަންތަން ފާރުވެ މީހާގެ ވަރު ދެރަވެ އެންމެ ފަހުން މަރުވަނީ އެވެ. ރަށުތެރޭގައި ކާބޯތަކެއްޗެއް ނެތެވެ. ރުއްރުކުގައި ކާށި ކުރުނބާއެއް ނެތެވެ. ދެތިން ދޯންޏެއް މަހަށް ފުރިކަމުގައި ވިޔަސް ބޭނެނީ ވަރަށް މަދު އަދަދެއްގެ މަހެވެ.

ވިލިނގިލީ ރައްޔިތުންނަށް ދިމާވެފައި އޮތް މުސީބާތުގައި އެ މީހުންނަށް ވެދެވޭނެ އެހީތެރިކަމަކާ މެދު ފިކުރުފުޅު ކުރައްވަމުން އިސްމާއީލް ދީދީ ގެންދެވި ކަމުގައި ވިޔަސް އެކަން ކުރައްވާނޭ މަގެއް ފެނިވަޑައެއް ނުގެންނެވި އެވެ. އެންމެ ފަހުން ނިންމެވީ އޮޑިކޮޅުގައި ހުރި ދައުލަތުގެ ކާޑު ރަށަށް ބޭލުމަށެވެ. ހަމަ އެވަގުތު ހުރިހާ ކާޑެއް ވިލިނގިއްޔަށް ބާލައި އަތިރިމަތީގައި އުނދުންޖަހައި ގޭގެއިން ބޮޑެތި ލޯގަނޑުތައް ގެނެސް ސާގާއި ބަތްޕެން ފަދަ ކާނާ ތައްޔާރުކުރައްވައި ގޭގެއަށް ފޮނުއްވަން ފަށްޓަވައިފި އެވެ. ކައްކާނެ ވަރުހުރި މީހުން ތިބި ގޭގެއަށް ކާޑު ފޮނުއްވީ އެވެ. އެގޮތުގައި ދެތިން ދުވަސް ވީތަނާ އަތޮޅުވެރިން ވިލިނގިއްޔަށް ވަޑައިގެންފި އެވެ. މުހައްމަދު ދީދީ އަތޮޅު ވެރިންގެ ގާތުން އެދިވަޑައިގެންނެވީ ކޫއްޑޫ އިން ހަކުރާއި ކާށި ވިލިނގިލީ މީހުންނަށް ލިބޭނެ ގޮތެއް ހަމަޖައްސަވައި ދެއްވުމަށެވެ. އަތޮޅުވެރިންގެ ބަހަކީ ތިއަށް ދެއްވާނެ ޖަވާބެއް ނޭނގޭ ކަމަށާއި ރަށަކީ ހަވަރުގެ ރަށެއް ކަމަށެވެ.

އެކަމާ ވެސް ޒިންމާވެ ވަޑައިގެންނެވީ މުހައްމަދު ދީދީ އެވެ. އޭރު ކޫއްޑޫގައި ވަރަށް ރަނގަޅަށް ރާވެރިކަން ކުރެ އެވެ. ރުއްރުކުގެ މަތިވަރު ރަނގަޅެވެ. މުހައްމަދު ދީދީ ވިލިނގިލީ މީހުނަށް ކޫއްޑޫ އިން ހަކުރާއި ކާށި ގެނެސްގެން ކެއުމަށާއި އެރަށުން ގެންނަ ހުރިހާ އެއްޗެއްގެ ހިސާބު ހަވާލު ކުރުމަށް އެންގެވި އެވެ. އެ ހިސާބުން ވިލިނގިލީ ރައްޔިތުން ކޫއްޑޫ އަށް ގޮސް ހަކުރާއި ކާއްޓާއި ގަބުޅި ގެނެސް ރަނގަޅަށް ކައި ވަރުޖެހި، މީހުންގެ ބުރުސޫރަ އަނބުރާ އައިސްފި އެވެ. އެގޮތުގައި މަހެއްހާ ދުވަސް ވީ އިރު، ބަލިމަޑުކަމާއި ބަނޑުފައިކަން އެކުވުމުގެ ސަބަބުން މަރުވަމުން ދިޔަ މީހުން މަރުވުން ހުއްޓި ރަށުތެރެ އަމާންވެއްޖެ އެވެ.

އަތޮޅު ވެރިންގެ އެހީތެރިކަމާ އެކު އަތިރިމަތީގައި އެޅި ހަރުގެއެއްގައި އޮޑީގެ ފަޅުވެރިންނާ އެކު ތިއްބެވުމަށް ފަހު ދެން އައި ހުޅަނގު މޫސުމުގައި އިސްމާއީލް ދީދީ ކުޑަބަނޑު އޮޑިކޮޅާ އެކު މާލެ ވަޑައިގެންފިއެވެ. އޭރު އެ އޮޑިކޮޅުގެ ބައެއް ސާމާނު މާލެއަށް ލައްގާފައި ވުމާއި އަންނަންވީ ދުވަސް ފަހަނަޅައި ދިޔަތާ އެތައް ދުވަހެއް ވެފައިވުމުގެ ސަބަބުން އޮޑިކޮޅުގެ މީހުނާ މެދު މާލޭގައި އޮތީ އުންމީދުކަނޑާލާފައެވެ.

މާލެ ވަޑައިގެން ގަނޑުވަރަށް ވަޑައިގަންނަވައި ރަދުންނާ ބައްދަލުވެވަޑައިގެން ކަންހިނގައި ދިޔަ ގޮތް ވިދާޅުވެ ދެއްވައި ވިލިނގިލީގެ ރައްޔިތުންގެ ވާހަކަ އާއި ދައުލަތުގެ މުދާ ހޭދަ ކުރެއްވި ކުރެއްވުމަށް މާފަށް އެދިވަޑައިގެންނެވި އެވެ. އެވަގުތު ނޫރައްދީން ރަދުން ވިދާޅުވި ކަމުގައި ވަނީ ކަނަތްތައް ތިޔަ ކުރެއްވީ ކުރަންވީ އެންމެ ރަނގަޅު ގޮތުގައި ކަމަށެވެ.

'ދޮންތުއްކަލާގެ ބައްޕަގެ ހަނދާން" ގެ ނަމުގައި ލިއުއްވި ފޮތުގައި މިވާހަކަ ލިއުއްވި އިސްމާއީލު ދީދީގެ ދަރިކަލުން، މުހައްމަދު އިސްމާއީލް ދީދީ ލިއުއްވާފައިވާ ގޮތުގައި ވިލިނގިލީ ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރެއްވުމަށް ދައުލަތުގެ މުދާ ހޭދަ ކުރެއްވި ގޮތާމެދު ތުންފިއްތައިގެން ތިބި ބަޔަކު ވެސް ބޮޑުންގެ ތެރޭގައި ތިއްބެވެ.