ބޮލީވުޑްގެ ތަރި ކަންގަނާ ރަނޯޓްގެ ކުރިއަށް އޮތް ފިލްމު "އެމަޖެންސީ"ގެ ވާހަކަ ބޮލީވުޑް މީޑިއާއިން ނުދައްކާތީ އޭނާ ރުޅިގަދަ ވެއްޖެ އެވެ.

ޓީވީ ޕްރޮގްރާމަކަށް ދާދި ފަހުން ދިން އިންޓަވިއުއެއްގައި ކަންގަނާ ބުނެފައިވަނީ ބޮލީވުޑްގެ ފަރާތްތަކުން ޚިޔާރުކުރީ އޭނާގެ ފިލްމާ ބެހޭ ގޮތުން ވާހަކަ ނުދައްކާ ހަނު ހުރުމަށް ކަމަށެވެ.

އެއާއެކު އެ ފަރާތްތަކަކީ ވިހަގަދަ ހަސަދަވެރި ބައެއް ކަމަށާއި އޭނާގެ ކާމިޔާބީއާމެދު ހަސަދަލާ މީހުން ވެސް އުޅޭ ކަމަށް ކަންގަނާ ތުހުމަތުކުރި އެވެ.

އެ އިންޓަވިއުގައި ކަންގަނާ ވަނީ އަނޫޕަމް ކޭރްއާއި ޝްރެޔާސް ތަލްޕަޑޭއަށް ތައުރީފުކޮށް ވެސް ވާހަކަ ދައްކައިފަ އެވެ. އެގޮތުން އެ ދެ މީހުންގެ ކިބައިން އެފަދަ އެއްވެސް ސިފައެއް ނުފެންނަ ކަމަށް ކަންގަނާ ބުންޏެވެ.

"އެމަޖެންސީ"ގެ ޕްރޮމޯޝަންތަކުގައި ކަންގަނާ ހަރަކާތްތެރި ވަމުން ދިޔަ ނަމަވެސް އެ ފިލްމަށް މީޑިއާ އާއި އާއްމުންގެ މާބޮޑު ސަމާލުކަމެއް ނުލިބޭކަން ފާހަގަކުރެވެ އެވެ.

"އިމަޖެންސީ"އަކީ އިންޑިއާގެ ކުރީގެ ބޮޑު ވަޒީރު އިންދިރާ ގާންދީގެ ހަޔާތުގެ މައްޗަށް ބިނާކޮށް ކަންގަނާ ޕްރޮޑިއުސްކޮށް ޑައިރެކްޓްކުރާ ފިލްމެކެވެ.