ދެހާސް ފަނަރަވަނަ އަހަރު ފިނިފެންމާ ލޯންޗް ތެރޭގައި އެއްޗެއް ގޮވުން އެއީ ކުޅުނު ޑްރާމާއެއް ކަމަށް އަބްދުއްރަހީމް އަބްދުﷲ އަށް ހީވާނަމަ، އެ ޑްރާމާގެ ސްކްރިޕްޓް ލިޔުއްވީ އަބްދުއްރަހީމް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

އަންގާރަ ދުވަހުގެރޭ ސަންގު ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން އަބްދުއްރަހީމް ވިދާޅުވީ ފިނިފެންމާ ލޯންޗްގައި އެއްޗެއް ގޮވުން އެއީ ރައީސް ޔާމީން ކުޅުއްވި ޑްރާމާއެއް ކަމަށް މިހާރު ހީފުޅުކުރެވޭ ކަމަށެވެ.

އަބްދުއްރަހީމްގެ މި ތުހުމަތުތަކަށް ރައްދު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ އެއީ ޑްރާމާއެއް ކަމަށްވަންޏާ އެ ޑްރާމާގެ ސްކްރިޕްޓް ލިޔުއްވީ އަބްދުއްރަހީމް ކަމަށެވެ.

ޕީއެންއެފް ޖަލްސާގައި ވާހަކަ ދައްކަވަމުން މިރޭ ރައީސް ޔާމީން ވިދާޅުވީ ފިނިފެންމާ ލޯންޗް ތެރޭ އެއްޗެއް ގޮއްވާލި ހާދިސާއާ ގުޅުވާ މީގެ ކުރިން އަބްދުއްރަހީމް ވާހަކަ ދެއްކެވިގޮތާއި މިހާރު ދައްކަވާ ގޮތް ތަފާތުވެއްޖެ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ މަޖިލިސް ރައީސް އަބްދުއްރަހީމް އެފަދަ ޒިންމާދާރުކަން ކުޑަ ވާހަކައެއް ދެއްކެވުމުން ހޯމްލޭންޑް އެންޑް ސެކިޔުރިޓީގެ މިނިސްޓަރު އަލީ އިހުސާން އެކަމަށް ޖަވާބުދާރީ ނުވުމަކީ ނާތަހުޒީބު އަމަލެއް ކަމަށެވެ.

ލޯންޗް ގޮއްވާލި ހާދިސާގައި އޭރުގެ ފަސްޓްލޭޑީ މެޑަމް ފާތިމަތު އިބްރާހީމަށް އަނިޔާވެގެން ހޮސްޕިޓަލްގައި ފަރުވާދީފައިވެ އެވެ. އެކަމުގެ ތުހުމަތުގައި އޭރުގެ ނައިބު ރައީސް އަހުމަދު އަދީބުއާއެކު އިތުރުބަޔަކު ހައްޔަރުކުރި އެވެ.