މާލޭގެ މަގުމަތީގައި މާމަލެމަން ލައިގެން ޕިކަޕް ދޮންނަން ހުރި މީހަކަށް ފިޔަވަޅު އަޅައިފި އެވެ.

މާމަލެމަން ލައިގެން މަގުމަތީގައި ގަވާއިދާ ހިލާފަށް ޕިކަޕް ދޮންނަން ހުރި މީހަކަށް މާލޭ ސިޓީ ކައުންސިލުން ފިޔަވަޅު އަޅައިފި އެވެ.

އެކައުންސިލުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މ.ޝަހީދުއަލީ ހިނގުމުގައި ޕިކަޕު ބާއްވައިގެން ގަވާއިދާއި ހިލާފަށް މަގުމަތީ ޕިކަޕު ދޮވުމުގެ މަސައްކަތް ކުރަމުން ދިޔަ ބިދޭސީ އަކާއި ދޭތެރޭ ފިޔަވަޅު އަޅާފައިވާ ކަމަށެވެ.

މާމަލެމަން ލައިގެން ޕިކަޕް ދޮންނަންހުރި މީހާ ޖޫރިމަނާކުރުން -- ފޮޓޯ: މާލެ ސިޓީ ކައުންސިލް

މީހުންގެ ސަމާލުކަން ބޮޑަށް ލިބުނީ އޭނާއަށް ފިޔަވަޅު އެޅި ޗިޓްގެ ތަފްސީލުގައި ލިޔެފައިވާ ލިޔުންކޮޅަށެވެ. އޭގައި ބުނެފައި ވަނީ "ގަވާއިދާ ހިލާފަށް މަގުމަތީގައި ޕިކަޕް ބާއްވައިގެން ދޮވުމުގެ މަސައްކަތް ކުރަމުންދާތީ ޖޫރިމަނާކުރެވިފައި (މާމަލެމަންލައިގެން)".މިހެންނެވެ.

މިކަމާ ގުޅިގެން ބައެއް މީހުން ވަނީ މާމަލެމަން ލައިގެން ޕިކަޕް ދޮވުމުން މައްސަލައަކަށް ވީ ގޮތަކާމެދު ސުވާލު އުފައްދާފަ އެވެ.

ބެލެވޭގޮތުގައި ސިޓީ ކައުންސިލުން އޭނާ ޖޫރިމަނާކޮށްފައި ވަނީ ގަވާއިދާ ހިލާފަށް މަގުމަތީގައި ޕިކަޕް ބާއްވައިގެން ދޮވުމުންނެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހުއްޓުވުމަށް ސިޓީ ކައުންސިލުން ވެސް ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.