އާންމު އެވްރެޖް މީހުންނަށް ވުރެ މީހާގެ އިސްކޮޅު ދިގުވުމަކީ ވެސް ނުވަތަ ކުރުވުމަކީ ވެސް އެހެން މީހުންގެ ސަމާލުކަން އެމީހަކަށް ހުއްޓޭ ކަމެކެވެ. އެއްބަޔަކު ތަންކޮޅެއް ދިގުވާނެ ނަމައޭ އަމިއްލަ ނަފުސަށް ހީކުރާއިރު މާބޮޑަށް ދިގުވުމަކީ ވެސް އެހާ ރަނގަޅުކަމެއް ނޫންކަމުގެ އިހުސާސް ކުރެވޭ މީހުން އުޅެ އެވެ.

ދުނިޔޭގައި މިހާ ތަނަށް ރެކޯޑު ކުރެވިފައިވާ އެންމެ ދިގު މީހާގެ އިސްކޮޅަކީ 8 ފޫޓާއި 11 އިންޗި އެވެ. އެއީ އެމެރިކާގެ އަލްޓަންއަށް އުފަން ރޮބާޓް ވަޑްލޯ އެވެ. ރޮބާޓް އުފަންވީ ފެބްރުއަރީ 22، 1918 ގަ އެވެ. އުފަންވިއިރު ހަށިގަނޑުގެ އުފެދުމާއި ބަރުދަނުގައި މާބޮޑު އާދަޔާ ޚިލާފު ކަމެއް ނެތް ނަމަވެސް މާގިނަ ދުވަހެއް ނުވަނީސް ރޮބާޓްގެ އިސްކޮޅު އާދަޔާ ޚިލާފަށް ދިގުވާން ފެށި އެވެ. އެފަދަ އެހެން މީހުންނެކޭ ވެސް އެއްފަދައިން މީސްތަކުންގެ ޝައުގުވެރިކަން ރޮބާޓްގެ މައްޗަށް ހުއްޓުނެވެ.

ދިގު އިސްކޮޅެއް ލިބުމަކީ ގިނަ ބައެއްގެ އެދުމެއް ކަމުގައި ވިޔަސް ރޮބާޓްގެ ދިގު އިސްކޮޅުގެ ސަބަބުން އޭނާއަށް ވަރަށް ގިނަ ތަކުލީފު އުފުލަން ޖެހުނެވެ. އިސްކޮޅުން ގާތްގަނޑަކަށް 9 ފޫޓު ހުރި ރޮބާޓްގެ ފައިވާނުގެ ސައިޒަކީ 37 އޭއޭ އެވެ. އެއީ ގާތްގަނޑަކަށް ދިގު މިނުގައި 18 އިންޗި ވަރުގެ ފައިވާނެކެވެ. އެފަދަ ފައިވާނެއް ނުވަތަ ބޫޓެއް ގަތުމަށް އެޒަމާނުގައި ގާތްގަނޑަކަށް 100 އެމެރިކާ ޑޮލަރު ޚަރަދު ކުރަން ޖެހެ އެވެ. އެއީ މިޒަމާނުގެ ފައިސާއިން އަގު ކުރާނަމަ ހައެއްކަ ސަތޭކަ ޑޮލަރެވެ. އެ ވަރުގެ ބޮޑު އަދަދެއް އެންމެ ބޫޓަކަށް ޚަރަދު ކޮށްލުމަކީ އާދައިގެ މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. އެހެން ނަމަވެސް ރޮބާޓްގެ ނަސީބު ރަނގަޅެވެ. ބައިނަލްއަގުވާމީ ފެންވަރުގެ ބޫޓު އުފައްދާ ކުންފުންޏަކުން ރޯބާޓް ސްޕްންސާ ކުރި އެވެ. އެމީހުންގެ ފައިވާނުގެ އުފެއްދުންތައް އިޝްތިހާރު ކުރުމުގެ ވަޒީފާ ރޮބާޓަށް ލިބުނެވެ.

ފައިވާން އިޝްތިހާރު ކުރުމަށްޓަކައި އެމެރިކާގެ 41 ސްޓޭޓެއްގެ 800 ޓައުނަށް ރޮބާޓް ވަނީ ދަތުރު ކޮށްފަ އެވެ. އެ ދަތުރުތަކުގައި ޑްރައިވަރަކީ ރޮބާޓްގެ ބައްޕަ އެވެ. ރޮބާޓަށް އިށީނދެވޭ ގޮތަށް ޖާގަ ހެދުމަށްޓަކައި ކާރުގެ ކުރީގެ ޕެސެންޖަރު ސީޓު ނައްޓާލަން ޖެހުނެވެ. އެ ސީޓު ނަގާލުމުން ފަހަތު ސީޓުގައި ރޮބާޓަށް ހަމަޖެހިލައިގެން އިނދެވޭ ވަރުވެ އެވެ.

އާދަޔާ ޚިލާފަށް ދިގު ވުމަށް ރޮބާޓަށް މެދުވެރިވި ސަބަބަކީ ޕިޓިއުޓަރީ ގްލާންޑުގައި އުފެދުނު މައްސަލައެއްގެ ސަބަބުން އާދަޔާ ޚިލާފު ގިނައިން ދިގުވާ ހޯމޯން އުފެދުމެވެ. މިއީ މިޒަމާނުގައި ފަސޭހައިން ރަނގަޅު ކޮށްލެވޭފަދަ ހާލަތެއް ކަމުގައިވިޔަސް ރޮބާޓު ދުނިޔޭގައި އުޅުނު ޒަމާނުގައި ސައިންސް ވެރިންނަށް އޭގެ ފަރުވާއެއް ހޯދިފައެއް ނުވެ އެވެ. އެހެންކަމުން މަރުވަންދެން ވެސް ރޮބާޓްގެ އިސްކޮޅު ދިގުވުން ނުހުއްޓެ އެވެ.

އާދަޔާ ޚިލާފަށް ދިގުވުމުގެ ސަބަބުން ލިބުނު މަޝްހޫރުކަމާއި އެ މަޝްހޫރުކަމާއި ގުޅިގެން ލިބުނު ވަޒީފާވީ، ރޮބާޓަށް އުފުލަން ޖެހުނު އިތުރު ތަކުލީފަކަށެވެ. އޭނާގެ ބިޔަ ހަށިގަނޑުގެ ބަރުދަނާއެކު މުޅި ގައުމުގެ އެތަން މިތާނގައި އޮންނަ ޓުއާތަކަށް ދަތުރު ކުރުމަކީ ފަސޭހަ ކަމަކަށް ނުވި އެވެ. ހަށިގަނޑުގެ ބުރަދަނުގެ ސަބަބުން ހިނގަން އުނދަގޫވުމުގެ ސަބަބުން ފައިގެ ހުޅުތަކަށް ގާޑްލައްވަން ޖެހުނެވެ. އެ ގާޑު ފަރުވާކުޑަކޮށް ލެއްވުމުގެ ސަބަބުން ފައިގައި އުފެދުނު އިންފެކްޝަނުން ސަލާމަތް ނުވެވި ރޮބާޓު ދުނިޔެ ދޫކުރީ އުމުރުން އެންމެ 22 އަހަރުގަ އެވެ.

ކިތަންމެ ކުރު މުއްދަކަށް ދުނިޔޭގައި އުޅުނު ނަމަވެސް ރޮބާޓްގެ ހަޔާތަކީ ގިނަ ބަޔަކު ޝައުގުވެރިކުރުވާ ތާރީޚީ ސަފުހާއެކެވެ.