ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުއާ އެއްވެސް ގުޅުމެއް ނެތްކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް ރާއްޖާގެ މާލީ ހާލަތާ ގުޅިގެން ސަރުކާރަށް އިރުޝާދު ދެއްވާ ކަމަށް އަދީބު ވިދާޅުވެއްޖެ އެވެ.

މާލީ ހާލަތު ގޯސްވެފައިވާ ވަގުތެއްގައި މާލީ ބަޣާވާތެއް ގެންނަށް ގައުމީ ބޭންކާއި އިދިކޮޅުން ގުޅިގެން މަސައްކަތް ކުރިކަމަށް ސަރުކާރުގެ އިސްވެރިން ތުހުމަތުކޮށްފައިވަނިކޮށް، އަދީބު ސަރުކާރަށް އިރުޝާދު ދެއްވާކަމަށް ހާމަކުރެއްވީ އިންޑިއާގެ އެންޑީ ޓީވީއަށް ދެއްވި އިންޓަވިއުއެއްގަ އެވެ.

އަދީބު ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވާ މާލީ ކާރިސާއިން އަރައިގަތުމަށް ހާލަތު ގަބޫލުކޮށް ހައްލު ހޯދުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. މިހާލަތުން އަރައިގަތުމަށް އެއްބައިވަންތަވުމަށް ރައީސް ގޮވާލައްވަންޖެހޭ ކަމަށް ވެސް އަދީބު ވިދާޅުވި އެވެ. އެގޮތުން އޭނާ ގެންދަވަނީ ކުރިމަތިވެފައިވާ މާލީ ކާރިސާ ދެނެގަތުމަށް ސަރުކާރަށް އިރުޝާދު ދެއްވަމުން ކަމަށް ވިދާޅުވި އެވެ.

މި ކާރިސާއިން ރާއްޖެއަށް އަދިވެސް އަރައިގަނެވޭނެ ކަމަށާއި ވަގުތު ފާއިތުނުވާ ކަމަށް ވެސް، އޭނާ ވިދާޅުވި އެވެ.

އަދީބުވަނީ މިހާރުގެ ސަރުކާރުގައި ތިއްބެވި ގިނަ މިނިސްޓަރުންނަކީ މީގެ ކުރިން އެކުގައި މަސައްކަތް ކުރެއްވި ބޭފުޅުންކަން ފާހަގަކުރައްވާފަ އެވެ. އެގޮތުން ރައީސް މުއިއްޒު އާއި އަދީބަކީ ވެސް ކުރިން ކެބިނެޓްގައި އެކުގައި މަސައްކަތްކުރެއްވި ދެ ވަޒީރުންނެވެ.

އަދީބު މި މޭރުމުން ވާހަކަދައްކަވާފައި ވާއިރު ދާދިފަހުން ސަންގު ޓީވީއަށް ރައީސް މުއިއްޒު ދެއްވި އިންޓަވިއުއެއްގައި ސިންގަޕޫރުގައި އަދީބުއާ ބައްދަލުކުރެއްވި ކަމަށް ކުރެވޭ ތުހުމަތުތަކަށް ވިދާޅުވީ ރައީސް ޔާމީންގެ ދައުރުގައި ރިޔާސީ ލޯންޗް ގޮއްވާލި ދުވަހުގެ ފަހުން އަދީބުއާ ދިމާނުވާ ކަމަށެވެ. މީގެ އިތުރުން އަދީބުއަކީ އެއްވެސް އިރެއްގައި މާބޮޑު ގުޅުމެއް އޮންނަ ބޭފުޅެއް ނޫން ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވެފައިވެ އެވެ.

ކުރީގެ ރައީސް ޔާމީންގެ ދައުރުގައި އަދީބު ވަނީ އެމްއެމްޕީއާރްސީ ހިޔާނާތުގައި ބައިވެރިވެ، އެތައް މިލިއަން ރުފިޔާއެއް ވަގަށް ނަގައިފަ އެވެ. އެ މައްސަލައިގައި ކުށް ސާބިތުވެ ހުކުމް ތަންފީޒުކުރަމުން ދަނިކޮށް އޭނާ މިނިވަންކުރީ ނިމިދިޔަ ސަރުކާރުން ދައުރުހަމަވާން ގާތްވެފައިވަނިކޮށެވެ. އޭނާ މިހާރު ދިރިއުޅުއް ވަނީ ރާއްޖެއިން ބޭރުގަ އެވެ.

މި ސަރުކާރު އައުމަށްފަހު ވެސް އަދީބުގެ އެއްވެސް މައްސަލައެއް ބަލާފައިނުވާއިރު، އަދީބުއާ ސަރުކާރާ ގުޅުން އޮންނަކަމަށް އަޑުތައް ފެތުރިފައިވެ އެވެ. އެގޮތުން އަދީބު މި ސަރުކާރުގެ ނައިބު ރައީސްކަމަށް ހަމަޖައްސަން އުޅޭކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފަ އެވެ.